Advertisement

ބޭހުގައި އެކުލެވުނު ނުރައްކާތެރި ކެމިކަލް މިފަހަރު ދެނެގަތީ ރާއްޖޭން، ޑަބްލިޔޫއެޗްއޯގެ ތައުރީފު

14 ޑިސެންބަރު 2023 - 21:45 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބޭފުޅަކު އެއްޗެއް ތަހުލީލުކުރައްވަނީ ފޮޓޯ: ޑަބްލިއުއެޗްއޯ


ބޭހުގައި އެކުލެވުނު ނުރައްކާތެރި ކެމިކަލް މިފަހަރު ދެނެގަތީ ރާއްޖޭން، ޑަބްލިޔޫއެޗްއޯގެ ތައުރީފު

14 ޑިސެންބަރު 2023 - 21:45 1

ނުރައްކާތެރި ކެމިކަލް އެކުލެވޭތީ ރާއްޖޭގައި މިދިޔަ ނޮވެމްބަރު މަހު މަނާކުރި ބޭހުގައި އެ ކެމިކަލްތައް އެކުލެވޭކަން އިސްވެ ދެނެގަތީ ރާއްޖޭން ކަމަށް ވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

ރާއްޖޭގެ ކަމާ ބެހޭ އިދާރާ "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" (އެމްއެފްޑީއޭ) އިން އެކަމުގައި ކުރި މަސައްކަތަށް ތައުރީފުކޮށް ޑަބްލިއުއެޗްއޯ އިން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ އެއީ ސިއްހަތު ރައްކާތެރިކުރުމަށް މަސައްކަތް ކުރުމުގައި "ދުނިޔެއަށް މިސާލެއް" ކަމަށެވެ.

ރާއްޖެއިން ދެނެގަނެ، ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައީ ޕާކިސްތާނުގެ ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީން އުފައްދާ އެލާގޯ ބްރޭންޑުގެ ސިޓްރިޒެން ދިޔާ ބޭހުގައި ނުރައްކާތެރި ދެ ކެމިކަލެއް އެކުލެވިފައި ހުރިކަމެވެ. އެމްއެފްޑީއޭއިން ނޮވެމްބަރު 12، ގައި ނެރުނު އެލާޓެއްގައި ބުނީ އެލާގޯ ބްރޭންޑުގެ އިތުރު ބެޗުތަކުން ސާމްޕަލް ނަގައި ސްކްރީން ކުރިއިރު "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ކެމިކަލް ހުރިކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ބޭހުގެ އެ ބާވަތުގައި ނުރައްކާތެރި އެ ކެމިކަލްތައް އެކުލެވޭކަން ދެނެގަތީ އެމްއެފްޑީއޭއިން ހިންގާ ވަސީލަތްތައް މަދު ، ނެޝަނަލް ކޮލިޓީ ކޮންޓްރޯލް ލެބޯޓްރީން ކަމަށެވެ. ރާއްޖޭން އެކަން ދެނެގަނެ ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައުމުން އެޖަމިއްޔާއިން އެކަން އިތުރަށް ކަށަވަރުކޮށް، އެހެން ގައުމުތަކަށް އެކަން އެންގި އެވެ.

"[އެމްއެފްޑީއޭގެ] އެ ހޯދުންތައް ވީ ހަމަ އެކަނި ގައުމީ ކަންބޮޑުވުމަކަށް އެކަންޏެއް ނޫނެވެ. އެހެނީ އެ އުފެއްދުންތައް، [ނުރައްކާތެރި ކެމިކަލް އެކުލެވޭ ބޭސްތައް] އެހެން ހަތަރުގައުމެއްގައި ވެސް އައީ މާކެޓްކުރަމުންނެވެ. އެހެންކަމުން އެކަން ވެގެން ދިޔައީ ދުނިޔޭގެ ފެންވަރުގައި، ސިއްހަތު ސަލާމަތްކުރަން ކުރެވުނު މަސައްކަތަކަށެވެ،" ޑަބްލިއުއެޗްއޯ ގެ ވެބްސައިޓްގައި މިއަދު ޝާއިއުކުރި ބަޔާނުގައި ބުންޏެވެ.

ޑަބްލިއުއެޗްއޯ އާ ގުޅިގެން ރާއްޖޭން ކުރި އެ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.