Advertisement

ސިއްހީ ކަމެއްގެ ގޮތުގައި ބެލި މަސްތުވާތަކެތީގެ މައްސަލަ ގައުމީ ސަލާމަތާ ގުޅޭ މައްސަލައަކަށް

14 ޑިސެންބަރު 2023 - 14:55 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް ރައީސް ފަތްކޮޅު އަރުވަނީ. އެންޑީއޭ ވަނީ އޭނާގެ ބެލުމުގެ ދަށަށް ގެންގޮސްފައި --- ފޮޓޯ: ރައީސް އޮފީސް


ސިއްހީ ކަމެއްގެ ގޮތުގައި ބެލި މަސްތުވާތަކެތީގެ މައްސަލަ ގައުމީ ސަލާމަތާ ގުޅޭ މައްސަލައަކަށް

14 ޑިސެންބަރު 2023 - 14:55 0

މިދިޔަ ސަރުކާރުން ސިއްހީ މައްސަލައެއްގެ ގޮތުގައި ބެލި މަސްތުވާތަކެތީގެ މައްސަލައަކީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއްގެ ގޮތުގައި މި ސަރުކާރުން ކަނޑަޅާފައިވާކަން ހާމަކޮށްފި އެވެ.

މިދިޔަ ސަރުކާރުގައި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އޮތީ ހެލްތު މިނިސްޓްރީގެ ދަށުގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މަސްތުވާތަކެތީގެ ފަރުވާ ދޭ އެންޑީއޭ ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ސުވާލުކުރުމުން އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އޮފީހުގެ އަންޑާސެކްރެޓަރީ މުހައްމަދު ފިރުޒުލް ވަނީ ސަރުކާރުގެ ސްޓޭންޑް މަސްތުވާތަކެއްޗާ ގުޅޭގޮތުން ބަދަލުވެފައިވާކަން ހާމަކުރައްވާފަ އެވެ.

ނަމަވެސް, އަދިވެސް ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ މަސްތުވާތަކެއްޗާ ގުޅޭ ގޮތުން ފަރުވާ ލިބެންޖެހޭ ފަރާތްތަކަށް ފަރުވާ ދިނުމަށް ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"ކުރިން މި މައްސަލައާ މެދު ދެކެެވެމުން އައީ ހެލްތު ފަސްޓް މައްސަލައެއްގެ ގޮތުގައި. މިހާރު މި މައްސަލައާ މެދު ރައީސް އަދި ސަރުކާރުގެ ވިސްނުންފުޅަކީ މިއީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެކޭ," އޭނާ ވިދާޅުވި އެވެ.

އެގޮތުން, އެކަން ވަށާޖެހޭ ގޮތެއްގައި ކުރުމަށް ދައުލަތުގެ އިދާރާތައް ގުޅިގެން ކުރަން ޖެހޭ ކަންކަން ހުރި ކަމަށާއި އެކަން ކުރުމަށް އެންމެ ބޮޑު ޒިންމާއެއް އޮތީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގައިކަން ފިރުޒުލްގެ ވާހަކަތަކުން ދޭހަވެ އެވެ.

"އެއް ކަމަކަށް މަސްތުވާތަކެތި ރާއްޖެ އެެތެރެވާ މަގުތައް ބަންދުކުރަން ޖެހެއޭ. ހަމައެއާއެކުއެކީގައި ކުރިން ސުރެ ފަރުވާއަށް އޮތް ސަމާލުކަން އެއަށްވުރެ އިތުރުކޮށް މަސައްކަތް ކުރެވިގެންދާނެ. ކޮންމެ ހާލެއްގައި ފަރުވާ އާއި މުޖުތަމައުއަށް ގެންނަން ޖެހޭ މީހުން ގެނައުމަށް އޮތް މަސައްކަތް އިތުރުވެގެންދިޔައީ," ފިރުޒުލް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި އެންމެ ފުރަތަމަ އެންޑީއޭ އޮތީ ޖެންޑާ މިނިސްޓްރީގެ ދަށުގަ އެވެ. ހެލްތު މިނިސްޓްރީގެ ދަށަށް އެންޑީއޭ ބަދަލުކުރީ މެއި 5, 2021 ގަ އެވެ.

އެންޑީއޭގެ ބޯޑަކީ، 10 އިދާރާއަކުން ބޭފުޅުން ތަމްސީލުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 10 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ. ބޯޑުގެ ޗެއާމަނަކީ، އެ ބޯޑުގެ މެމްބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރެކެވެ. އަދި ވައިސް ޗެއާމަނަކީ ބޯޑުގެ މެމްބަރުންގެ ތެރެއިން މެމްބަރުން އައްޔަންކުރާ މެމްބަރެކެވެ. ޑްރަގް އެޖެންސީގެ ބޯޑު ޖަވާބުދާރީވާނީ، މިނިސްޓަރަށެވެ.