Advertisement

ފުވައްމުލައް ފަރަށް ނާރާ ކަމަށް ބުނެ ފިލި ބާޖު 100 މިލިއަނުން ޖޫރިމަނާކޮށްފި

14 ޑިސެންބަރު 2023 - 09:15 0

އަމަން ހަލީމް

އަމަން ހަލީމް

ފުވައްމުލައް ފަރަށް އެރި "އޮލިމްޕިކް ކަނޑިލޯ" ބާޖު: މި ބާޖު ވަނީ ފަރަށް ނާރާ ކަމަށް ބުނެ މައްސަލަ ބަލަން ނުފަށަނީސް -- ފޮޓޯ/ސޯޝަލް މީޑިއާ


ފުވައްމުލައް ފަރަށް ނާރާ ކަމަށް ބުނެ ފިލި ބާޖު 100 މިލިއަނުން ޖޫރިމަނާކޮށްފި

14 ޑިސެންބަރު 2023 - 09:15 0

ފުވައްމުލައް ފަރަށް ނާރާ ކަމަށް ބުނެ ފިލައިގެން ދިޔަ ހިލަ ބާޖު ފަރަށް އެރި ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ނިންމައި، އެ ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

"އޮލިމްޕިކް ކަންޑިލޯ" ނަމަކަށް ކިޔާ މި ބާޖަކީ ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތަށް ބޭނުންވާ ހިލަ ބަރުކޮށްގެން ދިޔަ ބާޖެކެވެ. ފުވައްމުލައް ފަރަށް މި ބާޖު އެރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އޭރު އެ ބާޖު ވަނީ ފަރަށް ނާރާ ކަމަށް ބުނެ އީޕީއޭއިން މައްސަލަ ބަލަން ފެށުމުގެ ކުރިން ފުރައިގެން ގޮސްފަ އެވެ. އީޕީއޭއިން އެ މައްސަލަ ފުލުހަށް ވެސް ހުށަހެޅި އެވެ.

ފުވައްމުލައް ފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން ޖޫރިމަނާ ކުރިކަން އަންގާ އީޕީއޭއިން ނެރުނު ބަޔާނުގައި ބުނީ އެ ބާޖު ފަރަށް އެރީ އެ ރަށުގެ އިރު-ދެކުނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ބޭނުމަށް ހަދާފައިވާ ވަގުތީ ޖެޓީއަށް ހިލަ ބޭލުމަށްޓަކައި ޖެޓީއާ ކައިރި ކުރުމުގެ ތެރޭގައި ކަމަށެވެ. ބާޖު ފަރަށް އެރުމާ ގުޅިގެން ފަރު މައްޗަށް ބޮޑު ހިލަތައް އެޅިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އީޕީއޭގެ އިންސްޕެކްޝަނުން ދެއްކި ގޮތުގައި ބާޖު އެރި ސަރަހައްދުގެ ފަރުގެ 4306 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. ހަމައެހެންމެ، ފަރުމައްޗަށް ފޭބި ހިލަތަކުން ފަރުގެ އެ ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައިވެ އެވެ.

ގެއްލުމުގެ ބަދަލު ހިސާބު ކޮށް ކަނޑައެޅި ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 162.7 މިލިއަން ރުފިޔާ އެވެ. ނަމަވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭ އަދަދު 100 މިލިއަނުގައި ލިމިޓުކޮށްފައި އޮންނާތީ، ބޯޓުގެ ވެރިފަރާތް ޖޫރިމަނާ ކުރީ 100 މިލިއަން ރުފިޔާއިންނެވެ.

ފުވައްމުލައް ފަރަށް އެރީ ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ އެފްރިކާން ޕްރައިވެޓް ލިމިޓެޑުގެ ބާޖެކެވެ. ރާއްޖޭގެ އެޖެންޓަކީ މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓަޑެވެ.

މި މައްސަލަ އިސްތިއުނާފު ކުރަން ވެރިފަރާތަށް ލިބޭ އިސްތިއުނާފު މަރުހަލާ ނިމުމުން ބާޖުގެ ފަރަށް އުރިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލް އޮފީހާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.