13 ޑިސެންބަރު 2023 - 12:44 0
މުހައްމަދު އުޝާމް
13 ޑިސެންބަރު 2023 - 12:44 0
ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ލިބުމުން، އެ ސިޓީ ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީގައި ފަށައިފި އެވެ.
އެ ސިޓީގެ މަސައްކަތް އެޖެންޑާކޮށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) ހުށަހެޅުއްވީ އިނގިރޭސި ބަހުން އޮތް ސިޓީގެ ދިވެހި ތަރުޖަމާއެއް، މަޖިލީހުގެ އިދާރީ މުވައްޒަފުން މެދުވެރިކޮށް ތައްޔާރު ކުރުމަށެވެ.
"އަޅުގަނޑުމެން އެހާ ފަރިތަ ނޫން ލަފުޒުތައް ވެސް، ލީގަލް ޓާމުތަކެއް ވެސް، މީގައި ހިމެނޭތީ އަޅުގަނޑު ހުށަހަޅަން، މަޖިލީހުގެ ކައުންސިލަ ޖެނެރަލް އާއި އިދާރީ މުވައްޒަފުން މެދުވެރިކޮށް، އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ދިވެހި ތަރުޖަމާއެއް ތައްޔާރު ކުރުމަށް ފަހު މައްސަލަ ދިރާސާކުރަން ފަށަން،" ސަލީމް ވިދާޅުވި އެވެ.
ރައީސް އޮފީހުން މަޖިލީހުގެ ކޮމިޓީއަށް ފޮނުވި ސިޓީގައި "ދައުލަތުގެ ސިއްރު" ތަތްގަނޑު ޖަހާފައިވެ އެވެ. ނަމަވެސް ސަލީމް ހުށަހެޅުއްވީ އެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމަކަށްވާތީ، ރައްޔިތުންނަށް އޭގެ މައުލޫމާތުތައް އެނގޭނެ ގޮތަށް ހުޅުވާލައިގެން ކޮމިޓީގެ މަސައްކަތް ގެންދިޔުމަށެވެ.
"ސިޓީގައި އަދި ސިއްރު ޖަހާފައި އޮތަސް، މި ރައްޔިތުންގެ މަޖިލީހަށް ލިބިދޭ އިހުތިޔާރެއް އެއީ، ހުޅުވާލައިގެން ގެންދިޔުމުގައި އެއްވެސް މައްސަލައެއް އޮތް ކަމަކަށް ނުފެނޭ،" ހޯރަފުށި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ސަލީމް ވިދާޅުވި އެވެ.
ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ސަލީމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވި އެވެ. އެ ހުށަހެޅުއްވުމަކީ ދިވެހި ތަރުޖަމާ ތައްޔާރުވުމުން، ސިއްރުނުކޮށް ހުޅުވާލައިގެން ސިޓީގެ ދިރާސާ އާއި އޭގެ ބަހުސް ފެށުމަށެވެ.
އެކަމާ ހިޔާލު ތަފާތުވީ މިހާރު ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. ނަސީމް ވިދާޅުވީ އޭނާ ކުރީގައި ވެސް ތާއީދު ކުރެއްވީ ދައުލަތުގެ ސިއްރުތައް، ސިއްރުގެ ގޮތުގައި ބާއްވައިގެން ދިރާސާ ކުރުމަށް ކަމަށެވެ.
ދިރާސާ ކުރުމަށް ފަހު ސިޓީގައި ގޯހެއް އުޅޭ ނަމަ އެ ކަމެއް ހާމަ ކުރުމަށް ނަސީމް ހުށަހެޅުއްވި އެވެ. އަދި އެއީ އޭނާގެ އަމިއްލަ ހިޔާލު ކަމަށާއި ޕާޓީގެ ސްޓޭންޑް ނޫން ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ބައެެއްގެ ގޮތުގައި ބަލައިގެން ރާއްޖެއާ މޮރިޝަސްއާ ދެމެދު ބޯޑަރު ކަނޑައަޅަން އިޓްލޮސް އިން ނިންމުމުން، ޗާގޯސްއަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ވަނީ ކަނޑައެޅިފަ އެވެ. މި މައްސަލައިގެ ފުރަތަމަ މަރުހަލާގައި ރާއްޖޭން ދެކޮޅު ހެދީ ވެސް އެކަމާ އެވެ.
ރާއްޖޭގެ އޭރުގެ ސްޓޭންޑަކީ އިޓްލޮސް އަށް އެ މައްސަލަ ނުބެލޭނެ ކަމަށެވެ. އެއީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު އަރައިރުމެއް އޮތީމަ އެވެ. އެހެން ނަމަވެސް އިޓްލޮސް އިން ރާއްޖޭގެ އެ ނުކުތާ ބަލައި ނުގަނެ މައްސަލަ ކުރިއަށް ގެންދިޔައީ އެވެ. އޭގެ ފަހުން ރާއްޖޭގެ އެ ސްޓޭންޑް ބަދަލުކުރި އެވެ.
މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް ފޮނުއްވި ސިޓީ ހާމަ ކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ގޮވާލި އެވެ. ސިޓީ ހާމަނުކޮށް އޮތުމުން އެ ކަމުގެ ފާޑުކިޔުން ވެސް އޭރުގެ ސަރުކާރަށް އަމާޒުވި އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބެންޖެހޭ ކަމަށް ކަނޑައަޅައި އައިސީޖޭއިން ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް އަމަލުކުރަން ގޮވާލައި އދ. ގެ އާންމު މަޖިލީހުން 2019 ވަނަ އަހަރު ގަރާރެއް ވެސް ފާސްކުރި އެވެ. އެގަރާރާ ދެކޮޅަށް އިނގިރޭސީންނާއެކު ވޯޓު ދިނީ ރާއްޖެ އާއި އެމެރިކާ، އޮސްޓްރޭލިއާ ހަންގޭރީ އަދި އިޒްރޭލުންނެވެ.
އިނގިރޭސީންގެ ދަށުން މިނިވަންވެ، މޮރިޝަސްގެ ދައުލަތް އުފެއްދި އިރު ވެސް އެގައުމުގެ ބަޔަކަށް ނުވެ އޮތް ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ބައިނަލްއަގުވާމީ އެކިއެކި ފޯރަމްތަކަށް ހުށަހެޅި އެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އެގައުމުން ހުށަހެޅި ހުށަހެޅުމަކީ އެފަދަ އެއް ހުށަހެޅުމެވެ.
ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ވެސް އޮތުމުން، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.
ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް" އަށް ބަލައިގެން ކަމަށެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭ ގޮތުންނެވެ.
މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހަދަނީ މިކަމާ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ރާއްޖެއިން ދެކެ އެވެ.
އެކަމާ ގުޅިގެން އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށް ޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
އެއާއެކު، އިޓްލޮސް އިން ކުރި ހުކުމުގައި ވަނީ ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށެވެ.
Comment