13 ޑިސެންބަރު 2023 - 12:35 0
ނިމާ ހަސަން
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން އެމްޑީޕީން ބޭއްވި ހިނގާލުމުގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: އިޔާން/ އަދަދު
13 ޑިސެންބަރު 2023 - 12:35 0
ނިމިދިޔަ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ހަރަދުތައް, 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރެއްވި ހަރަދުތަކާ އަޅާބަލާއިރު އިންތިހާއަށް ކުޑަކަން ހާމަވެއްޖެ އެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހަރަދު ކުރުމަށް ސޯލިހަށް އެކި ފަރާތްތަކުން ލިބުނު ޖުމްލަ ފައިސާގެ އަދަދު 31.6 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ހަރަދު ކުރި ފައިސާގެ އަދަދު 31.4 މިލިއަން ރުފިޔާއަށް އަރަ އެވެ.
އެހެންނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ހަރަދު ކުރުމަށް އެކި ފަރާތްތަކުން ސޯލިހަށް ލިބިވަޑައިގެންނެވި ފައިސާއާއި, ތަކެތީގެ އަގާއެކު ޖުމްލަ އަދަދު ކަމަށް ހާމަކުރައްވާފައި ވަނީ 10.5 މިލިއަން ރުފިޔާ އެވެ. ހަރަދު ކުރި ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ރިޕޯޓުކޮށްފައި ވަނީ އެންމެ 6.8 މިލިއަން ރުފިޔާ އެވެ.
2018 ވަނަ ސޯލިހުގެ ކެމްޕޭނަށް ލިބުނު 31.6 މިލިއަން ރުފިޔާއަކީ ތަފާތު އެތައް ބައެއްގެ ފަރާތުން ލިބުނު ފައިސާ އެވެ.
އެހެންނަމަވެސް މިއަހަރުގެ އިންތިހާބުގައި އަމިއްލަ ފަރުދުން ފަރާތުން ކެމްޕޭނަށް ލިބުނީ އެންމެ މީހެއްގެ އަތުން ދެ މިލިއަން ރުފިޔާ އެވެ. ވިޔަފާރިތަކުން ލިބިފައިވަނީ 4.9 މިލިއަން ރުފިޔާ އެވެ. ދެން ހުރި ފައިސާއަކީ އެމްޑީޕީން ދިން ތަކެތީގެ އަގަށްވާ 3.5 މިލިއަން ރުފިޔާ އެވެ.
2018 ވަނަ އަހަރު އެމްޑީޕީން ހުށަހެޅި މާލީ ބަޔާނުގައި, ކެންޑިޑޭޓަށް ތާއިދު ކުރުމަށް ހަރަދު ކުރި ފައިސާގެ ތަފްސީލުތައް ހާމަކޮށްފައި ވެއެވެ. އެގޮތުން ދަތުރުތަކަށް ކުރި ހަރަދުތައް އެއްގަމު, ކަނޑު އަދި ވައިގެ ދަތުރުތައް ވަކިން އެނގޭނެހެން ހާމަކޮށްފައި ވެއެވެ.
ނަމަވެސް މިއަހަރު ހުށަހެޅި މާލީ ބަޔާނުން ސާފުވަނީ ވަކި ދުވަސްތަކެއްގައި ވައިގެ މަގުން ދަތުރު ކުރުމަށް ޓިކެޓަށް އަދި ޗާޓާ ފްލައިޓުތަކަށް ކޮށްފައިވާ ހަރަދުތަކެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ގިނަ ކެމްޕޭން ދަތުރުތައް ކުރީ ކަނޑުމަގުންނެވެ.
ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކަށް އެންމެ ގިނަ ވެގެން ހަރަދު ކުރެވޭނެ ކަމަށް ގާނޫނުން ހުއްދަކުރަނީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް ގިނަވެގެން 2000 ރުފިޔާގެ މަގުން ހިސާބުކުރުމުން ޖެހޭ އަދަދެވެ. އެހެންކަމުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަށް ބަލާއިރު ކެންޑިޑޭޓަކަށް ޖުމުލަ 564.7 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހުއްދަ ލިބެ އެވެ.
Comment