Advertisement

މާލީ ބަޔާންތައް ހާމަކޮށްފި؛ އިންތިހާބުގެ މަންޒަރުތަކާ ކެންޑިޑޭޓުން ކުރި ކަމަށް ބުނާ ހަރަދު ނުބައްދަލު

13 ޑިސެންބަރު 2023 - 12:05 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން-- އާޓްވޯކް؛ ރައްޔާން މުހައްމަދު


މާލީ ބަޔާންތައް ހާމަކޮށްފި؛ އިންތިހާބުގެ މަންޒަރުތަކާ ކެންޑިޑޭޓުން ކުރި ކަމަށް ބުނާ ހަރަދު ނުބައްދަލު

13 ޑިސެންބަރު 2023 - 12:05 0

ނިމިދިޔަ ރިޔާސީ އިންތިހާބަކީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވި އިންތިހާބެވެ. ސެޕްޓެމްބަރު މަހު ބޭއްވި އެ އިންތިހާބުގެ ދެ ބުރުން ފެނުނީ ފޯރިގަދަ، ހަރަދު ބޮޑު ކެމްޕެއިނެއް ކުރި މަންޒަރެވެ.

ބައެއް ކެންޑިޑޭޓުން ގިނަ ރަށްރަށަށް ވަޑައިގަތީ އިންތިހާ ބޮޑު ވަފުދުތަކާއެކު ޗާޓަރު ފްލައިޓުތަކާއި ކުއްޔަށް ހިފާފައިވާ ސްޕީޑް ލޯންޗުތަކުގަ އެވެ. އަތޮޅު ތެރޭ ދަތުރު ކުރި ކެމްޕެއިން ޔޮޓެއް ވެސް އިންތިހާބުގައި ފެނުނެވެ.

ކެމްޕެއިން ނިމެންދެން ވެރި ރަށް މާލެ އާއި އަތޮޅުތެރެ ފުރާލާފައި އޮތީ ބެނާތަކާއި ޕޯސްޓަރުތަކުންނެވެ. ކޮންމެ ރެއަކު ދެތިން ބޮޑު، ބިޔަ ޖަލްސާ ބޭއްވި އެވެ. އޭގެ އިތުރުން، އެކަކު އަތުން އަނެކާއަށް ރައްދުވި ނުދައްކާ އަދި "ސިއްރު" ފައިސާގެ އަދަދު މަދުނުވާނެކަން ޔަގީނެވެ.

އިންތިހާބުގެ ދެ ބުރުން އާންމުންނަށް ފެނުނީ ކެންޑިޑޭޓުން އަގުބޮޑު، ހަރަދު ބޮޑު ކެމްޕެއިނެއް ކުރި ތަނެވެ.

އެކަމަކު، ރިޔާސީ އިންތިހާބުގައި ބައިވެރިވި އަށް ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރިއިރު ލިޔެކިޔުމުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. މާ ބޮޑު ހަރަދުތަކެއް ކުރިކަން ބަޔާންތަކުން ފެންނާކަށް ނެތެވެ.

ކެންޑިޑޭޓުންގެ މާލީ ބަޔާނުން ފެންނަން ހުރި ހަރަދުތައް

  • އަހުމަދު ފާރިސް މައުމޫން - 1،166،064ރ.
  • އިބްރާހިމް މުހައްމަދު ސޯލިހު - 10,476,127ރ.
  • އިލްޔާސް ލަބީބު - 2،518،508ރ.
  • މުހައްމަދު ނާޒިމް - 13،075،900ރ.
  • ޑރ. މުހައްމަދު މުއިއްޒު - 21،228،817ރ.
  • ހަސަން ޒަމީލު - 16،259ރ.
  • އުމަރު ނަސީރު - 285،950ރ.
  • ގާސިމް އިބްރާހިމް - 20،421،050ރ.

    މިއަދު އާންމުކުރި މާލީ ބަޔާންތަކުން ފެންނަ ގޮތުގައި ދެ ބުރުގެ ކެމްޕެއިނަށް އަށް ކެންޑިޑޭޓުންގެ އަތުން ހަރަދުވިކަމަށް ބުނާ ޖުމުލަ އަދަދަކީ އެންމެ 69،188،675ރ. އެވެ. އެންމެ ބޮޑު ހަރަދެއް ކުރެއްވި ކަމަށް ބަޔާންތަކުން ފެންނަނީ އިންތިހާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނުގެ މާލީ ބަޔާނުން ފެންނަ ގޮތުގައި ތަކެއްޗާއި ފައިސާގެ ގޮތުގައި މުޅި އިންތިހާބުގެ ދެ ބުރަށް ހަރަދުކުރެއްވީ އެންމެ 21،228،817ރ. އެވެ.

    ރިޔާސީ އިންތިހާބުގައި އެންމެ މަދުން ހަރަދު ކުރި ކަމަށް ލިޔެކިޔުމުން ފެންނަނީ އަމިއްލަ ހައިސިއްޔަތުން ވާދަ ކުރެއްވި ހަސަން ޒަމީލެވެ. ބަޔާންތަކުން ފެންނަ ގޮތުގައި އޭނާ ޖުމުލަ ހަރަދު ކުރެއްވީ އެންމެ 16،259ރ. އެވެ.

    އިންތިހާބުގައި ދެ ވަނައަށް އެންމެ ބޮޑު ހަރަދެއް ކުރެއްވި ކަމަށް ފެންނަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމެވެ. އޭނާގެ ބަޔާނުން ފެންނަ ގޮތުގައި ޖުމުލަ 20،421،050ރ. ކެމްޕެއިނަށް ހަރަދު ކުރެއްވި އެވެ. ލިޔެކިޔުމުން ފެންނަ ގޮތުގައި ތިން ވަނައަށް އެންމެ ބޮޑު ހަރަދެއް ކުރެއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމެވެ. އޭނާ ދެ ބުރުގެ ކެމްޕެއިނަށް 13،075،900ރ. ހަރަދު ކުރެއްވި ކަމަށް ބަޔާނުން ފެނެ އެވެ.

    ރިޔާސީ އިންތިހާބުގައި އެއިރުގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ހަރަދުގެ ގޮތުގައި ޖައްސަވާފައި ވަނީ 10,476,127ރ. އެވެ. އަދި ދަ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ހަރަދުގެ ގޮތުގައި ހިމަނާފައި އޮތީ 2،518،508ރ. އެވެ.

    އެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި އަހުމަދު ފާރިސް މައުމޫން 1،166،064ރ. ހަރަދު ކުރެއްވި ކަމަށް މާލީ ބަޔާނުގައި އޮތްއިރު، އުމަރު ނަސީރުގެ ބަޔާނުގައި އޮތް ގޮތުން އޭނާ ހަރަދުކުރެއްވީ އެންމެ 285،950ރ. އެވެ.