13 ޑިސެންބަރު 2023 - 13:53 2
އަމަން ހަލީމް
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ (މ) އެސްއޯއީ ކޮމިޓީގައި: އާސަންދަ މިހާރު އޮތް ނިޒާމު ބަދަލުކުރަން ގިނަ ރިފޯމްތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/ރައްޔިތުންގެ މަޖިލިސް
13 ޑިސެންބަރު 2023 - 13:53 2
އާސަންދަ ސްކީމް ކުރިއަށް ގެންދެވޭނީ މެޑިކަލް އިންޝޫރެންސް ދެވޭ ފަދައިން ކޯޕޭމަންޓު އުސޫލެއް ތައާރަފުކޮށްގެން ކަމަށާއި މިހާރު މިއޮތް ގޮތަށް އެ ސްކީމް ކުރިއަށް ނުގެންދެވޭނެ ކަމަށް، އެ ސްކީމް ހިންގާ އާސަންދަ ކުންފުނީގެ އާ މެނޭޖްމަންޓުން ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖުމަންޓުން މިހެން ބުނީ ދައުލަތަށް ބޮޑު މާލީ ބުރައަކަށް ވެފައިވާ އާސަންދަ ސްކީމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ބައްދަލުވުމެއްގައި މައުލޫމާތު ދެމުންނެވެ.
ކޮމިޓީގައި މެމްބަރުން، އާސަންދައަށް މިހާރު ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް މެނޭޖްމަންޓާ ކުރިމަތި ކުރެއްވި އެވެ. މެމްބަރުންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި ބައްޓަން ކުރެއްވީ އާސަންދަ ސްކީމުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތަކާއި ސްކީމުގެ ތެރެއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި އަލަށް ހިމަނަން ހުށަހަޅާފައިވާ ކަންކަމާއި ހިދުމަތް ލިބިގަތުމުގައި އާންމުންނަށް ދިމާވާ ދަތިތަކުގެ މައްޗަށެވެ.
އާސަންދަ ސްކީމުގެ އެންމެ ބޮޑު މައްސަލައަކީ ބަޖެޓު ކުރާ ވަރަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހޭ މައްސަލަ އެވެ. މިކަން ހައްލުކުރަން އާސަންދައަށް މިވީ ދަހަރެއްގެ ތެެރޭގައި ރިފޯމް މަސައްކަތްތަކެއް ކުރަން ފެށި ނަމަވެސް މިއަދާ ހަމައަށް ވެސް މި މައްސަލަ ހައްލު ނުވެ އެވެ. އާސަންދައަށް ހިނގާނެ ކަމަށް މި އަހަރަށް ލަފާކުރި ބަޖެޓު ވެސް ހުސްވެ، ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނައިގެން އާސަންދަ ސްކީމަށް 2.3 ބިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ހަމަޖެހިފަ އެވެ.
ހަރަދުތައް ބޮޑުވާ މައްސަލައިގައި އާސަންދައިން އަޅާ ފިޔަވަޅުތަކަކީ ކޮބައިތޯ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ސުވާލުކުރުމުން، މީގެ ދެ ހަފުތާ ކުރިން ކުންފުނި ހިންގުމާ ހަވާލުވެޑައިގެންނެވި މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވީ ދެ ތިން އަހަރެއް ކުރިން ފެށިގެން ފިނޭންސް މިނިސްޓްރީ އާއި އދ. ގެ އިދާރާތަކުގެ އެހީގައި ފަށައިގެން ކުރެވުނު ކަމަށެވެ.
އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި މެޑިކަލް ޕްރޮސީޖާތަކަށް ޕެކޭޖުތަކެއް ހަދައި އަގު ކަނޑައެޅުމާއި ބޭސް ވިއްކޭނެ އެންމެ މަތީ އަގު (މެކްސިމަމް ރީޓެއިލް ޕްރައިސް) ކަނޑައެޅުމާއި ބަލްކް ޕްރޮކިއުމަންޓުގެ ތެރެއިން ބޭސް އެތެރެކުރުން ޒީނިޔާ ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންވާ މަގުސަދުތައް ހާސިލުވާ ގޮތަށް މިކަންކަން ތަންޒީފު ކުރެވިފައި ނުވާ ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.
އޭގެ ތެރެއިން އެއް ކަމަކީ ޕެކޭޖުތައް ހަދައި، ރާއްޖެ އާއި ރާއްޖޭގެ ބޭރުގެ ހޮސްޕިޓާތަކުން އެ ޕެކޭޖުތަކުގެ ތެރެއިން މެޑިކަލް ޕްރޮސީޖާތަކަށް އަގުކުރެވޭ ގޮތަށް ބަދަލުކުރުމެވެ. ޒީނިޔާ ވިދާޅުވީ މިހާރު ވެސް ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ފަދަ ކަންކަމަށް އާސަންދަ ދެނީ މި ޕެކޭޖުތަކުގެ ތެރެއިން ކަމަށެވެ. ނަމަވެސް މިކަން އެއްކޮށް ތަންފީޒު ނުވާ ކަމަށާއި އޭގެ އެއް ސަބަބަކީ ޕްރައިވެޓް ސެކްޓާގެ އެއްބާރުލުން ކުޑަވުން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
"މިސާލަކަށް ނީ އޮޕަރޭޝަން އެއްޗެހި ކުރަން ހުންނާނެ ޕެކޭޖު ހަދައި ދީފައި، އެކަމަކު ހުރިހާ ސާޖަރީސްތަކަށް އަދިއެއް ޕެކޭޖެއް ނުހެދޭ. އަދި ކޮންމެވެސް ވަރަކަށް ޕްރައިވެޓް ސެކްޓާގައި އަގު ބޮޑުކޮށް މިހުންނަނީ. ދެން ޕްރައިވެޓް ސެކްޓާގައި އެހާ ބޮޑު އެއްބާރުލުމެއް އޭގެ ޕެކޭޖްތައް ހެދުމުގައި ނުލިބިފައި އޮތީ." ޒީނިޔާ ވިދާޅުވި އެވެ.
ޕްރައިވެޓް ހޮސްޕިޓަލުތަކުގެ އެއްބާރުލުން ނުލިބުނު ކަމުގައިވީ ނަމަވެސް ވިސްނުމަކީ މުސްތަގުބަލުގައި މިފަދަ ޕެކޭޖުތަކެއް ތައާރަފުކުރުން ކަމަށް އާސަންދައިގެ ވެރިން ކޮމިޓީގައި ބުންޏެވެ.
ހަރަދު ކުޑަކުރަން ވިސްނާ ދެވަނަ ދާއިރާއަކީ ބޭހަށް ކުރާ ހޭދަ އެވެ.
އާސަންދަ ސްކީމުން ހަރަދުވާ ގޮތުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ ސްކީމުން ބޮޑު ބަޔެއް ހަރަދުވަނީ ބޭހަށެވެ. ބޭހަށް ހިނގާ ހަރަދު ކޮންޓްރޯލް ކުރުމުގެ ގޮތުން ފުރަތަމަ ފެށި މަސައްކަތަކީ މެކްސިމަމް ރީޓެއިލް ޕްރައިޒް ކަނޑައެޅުމެވެ. ނަމަވެސް އެ ސިޔާސަތު ތަންފީޒުނުވެ އުޅެނިކޮށް އެކި މައްސަލަތައް ދިމާވެ އެކަން ހުއްޓިފައި އޮތް ކަމަށް ޒީނިޔާ ވިދާޅުވި އެވެ.
އާންމުކޮށް މެޑިކަލް އިންޝުއަރެންސް ހިދުމަތް ފޯރުކޮށްދެނީ ހިދުމަތް ލިބިގަންނަ ފަރާތުން ބައެއް ކަހަލަ ހިދުމަތްތަކަށް ކަނޑައެޅިފައިވާ ވަކި އަގެއް ދައްކާ ގޮތަށެވެ. މިސާލަކަށް ޑޮކްޓަރަށް ދާ ކޮންމެ ފަހަރަކު ނުވަތަ ޓެސްޓެއް ހައްދާ ކޮންމެ ފަހަރަކު އަމިއްލަ ޖީބުން ކޮންމެވެސް އަގެއް ދައްކަން ޖެހޭނެ އެވެ. ކޯޕޭމަންޓު އަގުތަށް ބިނާވަނީ އެ މީހެއްގެ އިންޝުއަރެންސް ޕްލޭނުގެ ޕްރީމިއަމް (މަހަކު ދައްކަން ޖެހޭ މިންވަރު) އާއި މުޅި ޕްލޭނުގެ އަގު ފަދަ ކަންކަމަށެވެ.
އަނެއް ކަމަކީ ބަލްކް ޕްރޮކިއުމަންޓް އުސޫލުން ބޭސް ހޯދައިގެން ބޭހުގެ އަގު ކުޑަކުރުމެވެ. ޒީނިޔާ ވިދާޅުވީ މި އުސޫލުގެ ތެރެއިން އެންމެ ބޮޑު ހަރަދު ހިނގާ 11 ބޭހެއް ގެނައުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. އޭގެ އިތުރުން މިހާރު ވިއްކާ ބޭސްތަކަށް އަގު ކަނޑައަޅާނެ މޮޑެލްއެއްގެ މަސައްކަތް ޑަބްލިޔުއެޗްއޯއާ އެކީ ކުރެވި ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ މަހު [ބޭހުގެ އަގު ކަނޑައެޅުމާ ގުޅޭ ގޮތުން] އެބައިން ޕޭޕާއެއް ފޮނުވާފައި ބައެއް ކަހަލަ މޮޑެލްސްތަކެއް ދައްކައިފި ދީފައި. އޭގެން އަޅުގަނޑުމެން ބޭޏުން މޮޑެލްއެއް ޗޫސް ކުރަން. ހޯޕްފުލީ މި ފެށޭ ފުރަތަމަ ތިން މަހުގެ ތެރޭގައި އޭތި އިމްޕްލިމެންޓް ކުރެވޭތޯ މި މަސައްކަތް ކުރަމުން މިގެންދަނީ،" ޒީނިޔާ ވިދާޅުވި އެވެ.
މި ހުރިހާ ކަމަކާ އެކީ ވެސް އާސަންދަ ސްކީމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ މިހާރު އޮތް ގޮތް ބަދަލުކޮށް، ހަގީގީ އިންޝުއަރެންސް ސްކީމެއް ގޮތަށް ކޯޕޭމަންޓް ނިޒާމަކަށް ގޮސްގެން ކަމަށް ޒީނިޔާ ވިދާޅުވި އެވެ. އަދި މި ބަދަލަށް އޭނާ ތާއީދުކުރައްވާ ކަމަށް އާސަންދައިގެ އެންމެ ގިނަ ދުވަސްވީ މުވައްޒަފުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޒީނިޔާ ވިދާޅުވި އެވެ.
"ކޯޕޭމަންޓު ލާން އަޅުގަނޑުމެން ވަރަށް ތާއީދު. ކޯޕޭމަންޓާ ނުލައި މި ސްކީމް ސަސްޓެއިނެއް ނުކުރެވޭނެ." އޭނާ ވިދާޅުވި އެވެ.
ކޯޕޭމަންޓް މޮޑެލްއަށް ބަދަލުކުރާ ވާހަކަ ދެއްކެވި ނަމަވެސް، މި ޕްރިމިއަމް ދައްކާނީ ސަރުކާރުންތޯ ނުވަތަ އާންމުންގެ އަމިއްލަ ޖީބުންތޯ ޒީނިޔާ ވިދާޅެއް ނުވެ އެވެ. އަދި މިފަދަ ކަމަކާ ގުޅޭ މަޝްވަރާތަކެއް ކުރިއަށްދާ ކަމަކަށް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment