Advertisement

މާނަގަލާ ހެޗަރީގެ ބިންގާ އަޅައިފި, އަންނަ ޖުލައިން ފެށިގެން މަސްވެރިންނަށް އެން ލިބޭނެ

12 ޑިސެންބަރު 2023 - 15:50 0

އަމަން ހަލީމް

އަމަން ހަލީމް

މާނަގަލާ ހެޗަރީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން: މި ހެޗަރީގެ މަސައްކަތް ނިމުމުން އެން ހޯދުމުގައި މަސްވެރިންނަށް ދިމާވާ ދައްޗަށް ފަސޭހަ ވާނެ ކަމަށް މިނިސްޓްރީން ބުނޭ -- ފޮޓޯ/ފިޝަރީޒް މިނިސްޓްރީ


މާނަގަލާ ހެޗަރީގެ ބިންގާ އަޅައިފި, އަންނަ ޖުލައިން ފެށިގެން މަސްވެރިންނަށް އެން ލިބޭނެ

12 ޑިސެންބަރު 2023 - 15:50 0

މަސްވެރިންނަށް ބޭނުންވާ އެމުގެ ބާވަތްތަކާއި ކުދި ފާނަ އާއި ހުއިފިލަނޑާ އާލާކުރުމަށް ގއ. މާނަގަލާގައި ގާއިމުކުރާ މަލްޓި-ސްޕީޝީސް ހެޗަރީގެ ދެވަނަ ފިޔަވަހީގެ ބިންގާ މިއަދު އަޅައިފި އެވެ.

މާނަގަލާ މަލްޓި-ސްޕީޝީސް ހެޗަރީއަކީ ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ތަރައްގީކޮށް ހެޔޮގޮތުގައި ބޭނުންކުރުމުގެ މަގުސަދުގައި 2017 ގައި ފެށި ގެންދެވުނު ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ.

މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެކޮމޮޑޭޝަނާއި އިންޖީނުގެ ފަދަ ސަޕޯޓް ސްޓްރަކްޗާތައް ގާއިމްކޮށް ނިމިއްޖެ އެވެ. ދެވަނަ ފިޔަވަހީގައި ހިމެނެނީ ހެޗަރީއަށް ބޭނުންވާ އުމްރާނީ ތަރައްގީ ގާއިމުކުރުމެވެ. އޭގެ ތެރޭގައި ނާސަރީތަކާއި ލައިވް ފީޑް ޕްރޮޑަކްޝަން ފެސިލިޓީތަކާއި ލެބޯޓަރީތަކުގެ އިތުރުން ފަޅުތެރޭގައި ފާނަ އާލާކުރަން މޫދު ކޮށިތައް ހިމެނެ އެވެ.

މާނަގަލާ ހެޗަރީގެ މަސައްކަތް ޑިޒައިން، ބިލްޑް، ފައިނޭންސް، އޮޕަރޭޓް އަދި ޓްރާންސްފާ މޮޑެލްގެ ދަށުން 16 މިލިއަން ޑޮލަރު (246.8 މިލިއަން ރުފިޔާ)އަށް ދުބާއީގެ އެކުއާ ބްރިޖް ގްރޫޕާ ހަވާލުކުރީ27 އޮކްޓޫބަރު 2022 ގައެވެ. އެ ކުންފުންޏާ މި ރަށް ހަވާލުކުރީ 21 އަހަރުގެ މުއްދަތަށެވެ. އެއީ އިމާރާތްކުރުމުގެ މަސައްކަތަށް އަހަރު ދުވަސް އަދި ހިންގައިގެން އާމްދަނީ ހޯދަން 20 އަހަރު ދުވަހެވެ.

މާނަގަލާގެ ކުލި ހިނގަން ފަށާނީ ފަސް އަހަރު ފަހުންނެވެ. އެއަށް ފަހު އޮންނަ މުއްދަތުގައި އަކަފޫޓަކަށް 20 ލާރި މަގުން ކުލި ދައްކަން ޖެހޭނެ އެވެ.

އެކުއާ ބްރިޖު ގްރޫޕުން ހެޗަރީ ގާއިމްކުރުމުގެ މަސައްކަތް ކުރަނީ ދެ ފިޔަވައްސަކަށް ބަހާލައިގެނެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތްތައް ނިންމާ އަންނަ އަހަރުގެ ޖުލައިގެ ތެރޭގައި މަސްވެރިންނަށް އެން ވިއްކަން ފަށަން އެ ކުންފުނިން އަމާޒު ހިފާފައިވާ ކަމަށް، 'އަދަދު' ނޫހާ ވާހަކަދެއްކި ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ބުންޏެވެ. އަދި ތާވަލާ އެއްގޮތަށް މިއަދުން ފެށިގެން އަހަރެއްގެ ތެރޭގައި ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމަށް އެ ކުންފުންޏާ ހަވާލާދީ، އެ އޮފިޝަލް ބުންޏެވެ.

އެކުއާ ބްރިޖަކީ ހެޗަރީ ގާއިމުކުރުމުގެ ފަންނީ ގާބިލުކަން ލިބިފައިވާ، މި ދާއިރާއިން އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏެވެ. މި ހެޗަރީގެ މަސައްކަތް ނިމުމުން އަހަރެއްގެ ތެރޭގައި މަދުވެގެން 100 ޓަނުގެ އެމުގެ ބާވަތް، އެއް މިލިއަން ކުދި ކަސްފާނަ އަދި ހަ ލައްކަ ހުއިފިލަނޑާ އާލާކުރެވޭނެ އެވެ.

މިއީ ރާއްޖޭގައި މަލްޓި-ސްޕީޝީސް ހެޗަރީއެއް ދިވެހިރާއްޖޭގައި ގާއިމުކުރެވޭ ފުރަތަމަ ފަހަރެވެ. ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މެރިކަލްޗާގެ ސިނާއަތު އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަކީ، އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެ، ރާއްޖޭގައި ކުރެވޭ އިގުތިސޯދީ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ.