Advertisement

އާޒިމް ކެންޑިޑަސީ ފޯމު ހުށަހަޅައިފި، ވިދާޅުވީ ގޯތިތައް ޔަގީންކޮށްދޭނެ ކަމަށް

12 ޑިސެންބަރު 2023 - 12:53 2

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މާލެސިޓީ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމް؛ އާޒިމް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މާލޭ ރައްޔިތުންނަށް އެމްޑީޕީ ސަރުކާރުގައި ދިން ގޯތިތައް އެގޮތުގައި ހޯދައިދިނުމަށް ކަމަށް -- ފޮޓޯ: އިޔާން/އަދަދު


އާޒިމް ކެންޑިޑަސީ ފޯމު ހުށަހަޅައިފި، ވިދާޅުވީ ގޯތިތައް ޔަގީންކޮށްދޭނެ ކަމަށް

12 ޑިސެންބަރު 2023 - 12:53 2

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ އާދަމް އާޒިމްގެ ކެންޑިޑަސީ ފޯމު މިއަދު އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އާޒިމް އާއި އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ ބޭފުޅުންގެ ފޯމު ހަވާލުކުރީ މިއަދު އިލެކްޝަން ކޮމިޝަނުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ފޯމު ހުށަހެޅުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ އޭނާގެ މޭޔަރުކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެމްޑީޕީގެ ސަރުކާރުގައި މާލޭ ރައްޔިތުންނަށް ދިން ގޯތި ޔަގީންކޮށްދިނުމަށް ކަމަށެވެ.

"ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެމްޑީޕީ ސަރުކާރުން ދީފައި އެހުރި ގޯތިތައް އެބޭފުޅުންނަށް ލިބުނު ތާކުން އެ އޮތްގޮތަށް ދޭން ޖެހޭނެ. އަޅުގަނޑުމެން ސިޓީ ކައުންސިލަށް އައްޔަންވުމާ އެއްކޮށް ސިޓީ ކައުންސިލުން ކޯޓުތަކަށް ގޮސްގެން، ކޯޓުތައް މެދުވެރިކޮށް އެކަން ކުރުމަށްޓަކާ ކުރަންޖެހޭ ކަންތައް ކުރާނަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިސްކަންދެއްވާނެ ކަމަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި މާލޭގެ މަގުތައް ފެހިކުރުމާއި މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުން އަދި ބިމުގެ އެސެސްމެންޓެއް ހެދުން ހިމެނެ އެވެ. އޭގެ އޮތިރުން ޕާކިން މައްސަލަ އާއި ޕާކުތައް ބެލެހެއްޓުމާއި އިތުރުކުރުމަށް އިސްކަންދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ރައްޔިތުންގެ އެއްވެސް ހައްގެއް، ހާއްސަކޮށް ގޯތި ގެދޮރުގެ ހައްގު، އަދި އެއްވެސް ހައްގެއް ނިގުޅައިގަތުމަށް ސަރުކާރުން ރާވާފައިވާ އެއްވެސް ރޭވުމެއް ތަންފީޒުކުރިޔަ ނުދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން،" އާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީ މޭޔަރުކަމުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު އަދި ހެންވޭރު ދެކުނު ދާއިރާއަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއިން ވާދަކުރާނެ އެވެ.

އާޒިމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެންމެ ފުރަތަމަ އެމްޑަބްލިޔުއެސްސީ ގެ މެނޭޖިން ޑިރެކްޓަރެވެ. ނަމަވެސް 2020 ވަނަ އަހަރު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން އާޒިމްއާ ހަވާލުކުރެއްވި އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް އާޒިމް ހޯއްދަވާފައިވެ އެވެ. އެގޮތުން މާލެ ސިޓީގެ ބަހުގެ ހިދުމަތް ފުޅާކޮށް، މިނީ ބަހުގެ ހިދުމަތް ތައާރަފްކޮށް، އާރްޓީއެލްގެ ހިދުމަތް ފައްޓަވައި ދެއްވާފައިވެ އެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 17 ވަނަ ދުވަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ މަގާމްތަކަށް ވަޑައިގަތުމަށް ސިޓީ ކައުންސިލްގެ މެމްބަރުން އިސްތިއުފާ ދެއްވުމުން މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ވެސް ވަނީ ހުސްވެފަ އެވެ.