Advertisement

ބޭނުމީ އެމްއެފްޑީއޭއަށް ސަޕޯޓު ދޭން, ވެރިއަކަށް ވާކަށް ނޫން: ސާޖިދާ

12 ޑިސެންބަރު 2023 - 13:02 1

ނިމާ ހަސަން

ނިމާ ހަސަން

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު; އެމްއެފްޑީއޭގެ ނިންމުން ނިންމުމުގައި ބައިވެރި ނުވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ބޭނުމީ އެމްއެފްޑީއޭއަށް ސަޕޯޓު ދޭން, ވެރިއަކަށް ވާކަށް ނޫން: ސާޖިދާ

12 ޑިސެންބަރު 2023 - 13:02 1

އެދިވަޑައިގަންނަވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ކަމަށާއި, ވެރިއަކަށް ވާން ނުވަތަ ނިންމުންތައް ނިންމުމުގައި ބައިވެރިވެވަޑައިގަންނަވަން ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސާޖިދާ ވިދާޅުވި ގޮތުގައި ފަސްޓް ލޭޑީގެ ޒިންމާތައް އަދާ ކުރައްވަމުން އެމްއެފްޑީއޭއަށް ހިދުމަތް ނުކުރެވޭނެ ކަމަށް އެކަމަނާ ގަބޫލެއް ނުކުރައްވަ އެވެ. އެދި ވަޑައިގަންނަވަނީ ހަމައެކަނި ފަންނީ ހައިސިއްޔަތުން ހިދުމަތް ކުރެއްވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އެ މަސައްކަތުގައި ޓެކްނިކަލް ލެވެލްގެ މަސައްކަތް އެކަނި އަޅުގަނޑު ކުރަން ބޭނުންވަނީ. އަޅުގަނޑު ބޭނުމެއް ނޫން ހިންގުމެއް, ނޫނީ ޑިސިޝަން ލެވެލްގެ އެއްވެސް ކަމެއް. އެ ހުރިހާ އެއްޗަކުން އެކަހެރިވެގެން, އިލެކްޓުވި ދުވަހުން ފެށިގެން އަޅުގަނޑު ނުހުންނާނެ އެއްޗެއްގައި ސޮއެ ވެސް ކޮށްފައި." ސާޖިދާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި އެމްއެފްޑީއޭގައި އަދާކުރައްވަމުން ގެންދެވި ޓެކްނިކަލް-މެނޭޖީރިއަލް މަގާމުގެ ހައިސިއްޔަތުން ނިންމުންތައް ނިންމަވާ ނަމަ އެއީ ބައެއް ބޭފުޅުންނަށް އެކަމުުގައި އުނދަގޫތަކެއް ކުރިމަތިވާނެ ކަމެކެވެ. އެކަން ގަބޫލުކުރެއްވި ނަމަވެސް ވަޒީފާ އެއްކޮށް ދޫކޮށްލައްވަން ބޭނުންވެވަޑައި ނުގަންނަވަނީ, ސްކޫލު ނިންމީއްސުރެ މިހައިތަނަށް އަދާކުރެއްވި ވަޒީފާއަށް ވެފައި އެ ވަޒީފާއަށް ހިތްޖެހިފައިވާތީ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ފަންނީ މީހުން ވަރަށް މަދު އެމްއެފްޑީއޭގައި. ގުޅޭ ދާއިރާއަކުން ކިޔަވައިގެން އައިސް ތިބި ތިން-ހަތަރު ކުދިން އެބަތިބި. ވަރަށް އާ ކުދިން. މެންޓަރެއްގެ ގޮތުގައި އަޅުގަނޑުގެ ސަޕޯޓް ވެސް ބޭނުންވާނެ. ވީ ކޭން ބިލްޑް ދޯޒް ޗިލްޑްރެން." ސާޖިދާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި އެކަމަނާ އެދިވަޑައިގެންނެވީ, ކާބޯތަކެއްޗާ ބެހޭ ސްޓޭންޑަޑްތައް ކަނޑައެޅުން ފަދަ މަސައްކަތްތައް ޓެކްނިކަލް ކެޕޭސިޓީގައި ހިލޭ ކޮށްދެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށެވެ. އެހެން ނަމަވެސް އުޖޫރައަކާ ނުލާ މަސައްކަތް ކުރެވޭނެ ގޮތެއް ސީއެސްސީއަށް ހަމަޖައްސައެއް ނުދެވެ އެވެ.

"މުސާރައެއް ދޭން މަޖުބޫރުވެގެން ދޭން ޖެހިއްޖިއްޔާ އަޅުގަނޑު ބޭނުންވަނީ އެ އެއްޗެއް ހަމަ ޑޮނޭޓު ކުރަން, މިނިސްޓްރީގެ ކޮންމެވެސް ތަނަކަށް. ގައިމުވެސް ދެ މުސާރައެއް ނުނަގަނަން. އެލަވަންސް ލިބޭހާ ދުވަހަކު ދައުލަތުން އިތުރު މުސާރައެއް ނުނަގާނަން" ސާޖިދާ ވިދާޅުވި އެވެ.

ހިދުމަތް ކުރުމުގެ ފުރުސަތު ދޭން ސީއެސްސީން ފަސްޓް ލޭޑީއަށް ދިނީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ކޮންޓްރެކްޓެކެވެ. އެ ކޮންޓްރެކްޓުގެ ދަށުން މަހަކު 40 ގަޑިއިރު, ގަޑިއިރަކަށް 75 ރުފިޔާގެ ރޭޓުން މަސައްކަތް ކޮށްދޭން ޖެހެ އެވެ.

""މިނިސްޓްރީން އެކަމަށް އެދުމުން މި މަހުގެ ހަތް ވަނަ ދުވަހު ވޭޖް އެމްޕްލޯއީމަންޓް ކޮންޓްރެކްޓް ގައި ސޮއިކުރީ ހަތަރު އަހަރަށް ނޯ ޕޭ އަށް ދިޔުމަށް، އަދި ފަންނީ ލަފާ ހޯދަން ބޭނުންވާ ގޮތަށާއި މުވައްޒަފުން ތަމްރީން ކުރުމާއި ގަވާއިދު ހެދުމަށް ލަފާ ހޯދުމަށް އޭގައި ހިމެނީ" ސީއެސްސީން ބުންޏެވެ.