Advertisement

ލަމްހާއަށް ކުރާ ތުހުމަތަކީ ކުށުގެ ބައިވެރިވުން ކުޑަ ކަމެއް ކަމަށް ކޯޓުން ނިންމީ ގޯސްކޮށް: ދައުލަތް

11 ޑިސެންބަރު 2023 - 19:50 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މޭރީ މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވާ ލަމްހާ؛ ލަމްހާ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ދައުލަތުން ބުނި


ލަމްހާއަށް ކުރާ ތުހުމަތަކީ ކުށުގެ ބައިވެރިވުން ކުޑަ ކަމެއް ކަމަށް ކޯޓުން ނިންމީ ގޯސްކޮށް: ދައުލަތް

11 ޑިސެންބަރު 2023 - 19:50 0

އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލީ، އޭނާއަށް ކުރާ ތުހުމަތުތަކަކީ އެ ކުށުގެ އަމަލުގައި ބައިވެރިވުން ބޮޑު އަމަލަކަށް ނުވާތީ ކަމަށް ކްރިމިނަލް ކޯޓުން ނިންމިޔަސް އެ ނިންމުން ގޯސް ކަމަށް ދައުލަތުން ބުނެފި އެވެ.

ލަމްހާ ބަންދުން ދޫކޮށްލީ ޝަރުތުތަކަކާ އެކު އެވެ. އެއީ ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށް، އަދި މާލޭން ބޭރަށްދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށް ޝަތުރުކޮށްފަ އެވެ. އަދި އޭނާ ދޫކޮށްލީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.

ދައުލަތުން ކްރިމިނަލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެ މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރި ސަބަބުތަކުގެ ނުކުތާތައް ހުށަހަޅުއްވައިފަ އެވެ.

ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ފާހަގަ ކުރެއްވި ގޮތުގައި މީގެ ކުރިން ލަމްހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކާއި، ބަންދުން ދޫކޮށްލި އަމުރުގައި އޮތް ހަމައެކަނި ތަފާތު ނުކުތާއަކަށް އޮތީ ކުށުގެ ބައިވެރިވި ގޮތާއި އޭގެ ނިސްބަތް ކަމަށް އޮތް ނުކުތާ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ ނިންމެވުމުގައި ވަނީ ލަމްހާއަށް ކުރާ ދައުވާތަކުގައި ހިމެނޭ ތުހުމަތުތަކަކީ، އޭގައި ބަޔާންކުރާ ކުށުގައި ލަމްހާގެ ބައިވެރިވުން ބޮޑުކަމަށް ދައްކާ ތުހުމަތުތަކެއް ނޫން ކަމަށެވެ.

ދައުލަތުގެ ވަކީލު ނައުފަލް އެ ނިންމެވުމަށް ގޮންޖައްސަވައި ކުރެއްވި ވަކާލާތުގައި ވިދާޅުވީ، ދަށު ކޯޓުގެ ފަނޑިޔާރު އެ ނިންމެވުމަށް ވާސިލުވިއިރު އެ ނުކުތާއަކީ ދަށު ކޯޓުގައި ބޭއްވި ބަންދު މުރާޖައާގެ އަޑުއެހުންތަކުގައި ދައުލަތާއި ދައުވާ ކުރާ ފަރާތުން ވެސް ފާހަގަކޮށް ވާހަކަ ދައްކާފައިވާ މައުލޫއެއް ނޫން ކަމަށެވެ.

އެ ފުރުސަތު ނުދީ އެ ނިންމެވުމަށް ވާސިލު ވުމަކީ ވެސް ގާނޫނީ ގޮތުން އިޖުރާއަތް ކުރިއަށް ނުގެންދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުށުގެ ބައިވެރިވުން ކުޑަ ކަމަށް ކުރެވޭ ތުހުމަތެއް ކަމަށް ދަށު ކޯޓުގެ ނިންމުމުގައިވީ ނަމަވެސް ލަމްހާއަށް ކުރާ ދައުވާގައި ބަޔާންކުރަނީ އޭގެ ބައިވެރިވުން ބޮޑު ކަމަށް ދައުލަތުގެ ޕްރޮސެކިއުޓަރު ވިދާޅުވި އެވެ.

"ލަމްހާއަށް އެބަ ތުހުމަތު ކުރަން، އޭނާ ދިރިއުޅޭ ގެއިން، ހުއްދަ ނަގައިގެން ނޫނީ ނުގެންދެވޭ ބޭސްތަކެއް، ކޮންޓްރޯލްކޮށްފައިވާ ބޭސްތަކެއް ފެނުނު ކަން، އެ ބޭސްތަކުގެ އަސަރުތައް މޭރީ ގްރޭސްގެ ހަށިގަނޑުން ފެނުނު ކަން ޝަރީއަތަށް ހުށަހެޅި ރިޕޯޓްތަކުން އެނގެން އެބަ އޮތް، އެހެންވީމާ ލަމްހާއަށް ކުރާ ދައުވާގައި އެ ވަނީ ކުށުގެ ބައިވެރިވުން ބޮޑު ކަންކަން،" ނައުފަލް ވިދާޅުވި އެވެ.

ނައުފަލް ވިދާޅުވި ގޮތުގައި ލަމްހާ ބަންދުން ދޫކޮށްލީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ބިނާކޮށެވެ. ފުރަތަމަ ކަމަކީ ކުށުގެ ބައިވެރިވުމުގެ ނިސްބަތަށް އިޝާރާތްކޮށް ފާހަގަ ކުރެއްވި ސަބަބެވެ. އަނެއް ދެ ސަބަބަކީ، ކުށުގެ ރެކޯޑެއް ނެތުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހިދުމަތެއް ދެވޭ ވަޒީފާއެއްގައި ހުރުމެވެ.

ނައުފަލް ވިދާޅުވީ ދެން ބަޔާން ކުރާ ދެ ސަބަބަކީ މީގެ ކުރިން ލަމްހާ ބަންދު ކުރަން ނިންމި އިރު ވެސް ވުޖޫދުގައި އޮތް ދެ ސަބަބެވެ. އެއީ އެއްވެސް ހާލަތެއްގައި އަލަށް ވުޖޫދުވެގެން ނޫނީ އަލަށް ޝަރީއަތަށް ފާހަގަ ކުރެވުނު ދެ ކަމަކަށް ނުވާތީ ބަންދުން ދޫކޮށްލުމުގައި ހާލަތަށް އައި ބަދަލަކަށް އެ ދެ ކަންތައް ނުވާ ކަމަށް ނައުފަލް ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައްދުގައި ލަމްހާގެ ވަކީލުން ފާހަގަ ކުރެއްވި ކަމަކީ، މީހަކު އަލަށް ބަންދު ކުރުމާއި މައްސަލަ ދިގުލައިގެން ދިޔުމާއި ދައުވާ ރައްދުވާ މީހާ ޝަރީއަތަށް އެއްބާރުލުން ދެމުންދާ ނިސްބަތަށް ރިއާޔަތް ކުރުމަށް ފަހު ބަންދަށް ލުޔެއް ދިނުމަކީ ތަފާތު ދެ ކަމެއް ކަމަށެވެ.

އަދި މީގެ ކުރިން އެހެން މައްސަލަތަކުގައި ވެސް ބަންދަށް އެ ގޮތަށް ލުޔެއް ދީ، ހައި ކޯޓުން އެ ފަދަ ނިންމުންތައް ދަމަހައްޓާފައިވާ ކަން ވެސް ލަމްހާގެ ވަކީލުން ފާހަގަ ކުރެއްވި އެވެ.

ލަމްހާގެ ފަރާތުން ޝަރީއަތަށް އެއްބާރުލުން ދެމުންދާ ކަމާއި ހެއްކަށް ނުފޫޒު ފޯރުވުން ފަދަ އަމަލެއް ވެސް ނުފެންނަ ކަމަށް އޭނާގެ ދިފާއީ ވަކީލުން ވިދާޅުވި އެވެ.

މިއަދު އަޑުއެހުންތައް ނިންމާލި، ދެން އޮތީ ހުކުމް

ދޮޅު ގަޑިިއިރުގެ ދިގު ބަހުސަކާއި، ފަނޑިޔާރުން ސާފު ކުރަން ހުރި ކަންކަން ސާފު ކުރުމަށް ފަހު މިއަދު އަޑުއެހުންތައް ނިންމާލި އެވެ. ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ވެސް ބެންޗުން އިއުލާން ކުރެއްވި އެވެ.

ބަންދާ ގުޅޭ ނިންމުންތަކަކީ، އިސްތިއުނާފު މަރުހަލާގައި އަވަހަށް ގޮތެއް ނިންމަން ޖެހޭ ނިންމުންތަކެކެވެ.

ލަމްހާގެ ބަންދާ ގުޅޭ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ޝަނީޒެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.

މައްސަލައިގެ ފަސްފަހަތް

މޭރީ މަރުވީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ. ފުލުހުންގެ ތަހުގީގު ނިންމުމަށް ފަހު އޭނާ މަރާލުމުގެ ދައުވާ އުފުލީ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށެވެ. މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ލަމްހާއަކީ މާވިންގެ ލޯބިވެރިޔާ އެވެ.

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާ އާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރި އެވެ. ނަމަވެސް ސުވާލު އުފެދޭ އެކިވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގައި، އެ އަހަރުގެ އޮކްޓޯބަރު 27، ގައި މާވިން ހައްޔަރުކުރި އެވެ. އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16، ގައި ލަމްހާ ހައްޔަރުކުރި އެވެ.

މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ނެގި ކަމަށް ތުހުމަތުކޮށެވެ.