10 ޑިސެންބަރު 2023 - 23:41 0
މަސް ދޯންޏެއް ދުއްވާފައި ދަނީ. -- ފޮޓޯ: އަދަދު
10 ޑިސެންބަރު 2023 - 23:41 0
ވަތުގައި އެން އާލާކޮށް ގިނަ ވަގުތު ބެހެއްޓުމާ ގުޅޭ ދިރާސާއެއް ކުރަމުން އަންނަ ކަމަށާއި، އެ ދިރާސާގެ ސަބަބުން އެން މުޅަވުމުގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލުސާގައި ރައީސް މުއިއްޒު ވިދާޅުވީ އެންވެރިކަމަކީ ވަރަށް ބޮޑަށް ތަރައްގީކޮށް ޒަމާނީ ފަންނިއްޔާތު ގުޅުވާލަން ޖެހިފައިވާ ދާއިރާއެއް ކަމަށެވެ. އިލްމީ އަސާސެއްގެ މައްޗަށް ދިވެހި އެންވެރިކަން އާލާކުރުމުގެ މަސައްކަތް ބިނާކުރަންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިގޮތުން އެން ދިރުވައި ގިނަ ވަގުތު ވަތުގައި ބެހެއްޓޭނެ ގޮތް ހެދުމާއި އެން އިސްރާފު ކުރެވޭ މިންވަރު މަދުކުރުމަށް ތަފާތު ޕްރޮގްރާމު ތަކެއް މިހާރު ވާނީ ފެށިފައި. އޭގެ ތެރޭގައި ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން، އައްޑު އަތޮޅުގެ ދޯންޏެއްގެ އެން ވަތް ބަދަލުކޮށް، އެން ގިނަ ވަގުތު ބެހެއްޓޭތޯ ބެލުމުގެ ދިރާސާ މަސައްކަތްވަނީ ފެށިފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ އުޅަނދު ފަހަރަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށާއި އޭރުން ޒަމާނުއްސުރެ ދިވެހި މަސްވެރީން ތަހައްމަލުކުރަމުން އައި، އެން މުޅަވުމުގެ މައްސަލައަށް ނިމުމެއް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެން އަލާކުރެވޭ ގޮތަށް މަސްމަހާ މެހީގެ އެކި ބާވަތްތައް އަލާކުރާ މަރުކަޒެއް ގއ. މާނާގަލާގައި ގާއިމުކުރުމުގެ މަސައްކަތް ވޭތުވެދިޔަ ސަރުކާރުން ބަޔަކާ ހަވާލުކޮށް ވަނީ ފަށައިފަ އެވެ. އެ މަޝްރޫއުގެ އުމްރާނީ ތަރައްގީގެ މަސައްކަތް މިމަހު ފެށޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ވޯލްޑް ބޭންކުން ހިލޭ އެހީއެއްގެ ގޮތުގައި ދޭ 16 މިލިއަން ޑޮލަރު (246.8 މިލިއަން ރުފިޔާ)ގެ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޔޫއޭއީގެ އެކުއާ ބްރިޖް ގްރޫޕާ އެވެ. އެ ކުންފުންޏާ އެ ރަށް ހަވާލުކޮށްފައި ވަނީ ޖުމުލަ 21 އަހަރަށެވެ.
މާނާގަލާ ހެޗަރީގައި އާލާކުރާނީ އެމާއި، ފާނަ އަދި ހުއިފިލަނޑާއެވެ. އެ ރަށުގައި އެޗަރީ ގާއިމުގެ ބައެއް މަސައްކަތްތައް ކުރީ ސަރުކާރުގައި ވަނީ ފަށައިފަ އެވެ.
Comment