Advertisement

ވަކީލަކު ހަމަޖައްސަން ހައިކޯޓުން ލަމްހާއަށް އެއް ދުވަހުގެ މުއްދަތެއް

10 ޑިސެންބަރު 2023 - 15:13 0

ނިމާ ހަސަން

ނިމާ ހަސަން

ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ބޭއްވި އަޑުއެހުން


ވަކީލަކު ހަމަޖައްސަން ހައިކޯޓުން ލަމްހާއަށް އެއް ދުވަހުގެ މުއްދަތެއް

10 ޑިސެންބަރު 2023 - 15:13 0

އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ކުރިއަށް ގެންދިއުމަށް, ވަކީލަކު ހަމަޖައްސަން ހައި ކޯޓުން އޭނާއަށް އެއް ދުވަހުގެ މުއްދަތެއް ދީފި އެވެ.

ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ. އެއީ ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުކުތުން މަނާކޮށް، އަދި މާލެއިން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށް ޝަތުރުކޮށްފައިވެ އެވެ. އަދި އޭނާ ދޫކޮށްލީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް މިއަދު ބޭއްވި އަޑުއެހުމުގައި ލަމްހާ އެދުނީ އަދި އޭނާއަށް ވަކީލަކު ހަމަނުޖެއްސޭތީ, ވަކީލަކު އައްޔަނު ކުރުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

އެކަމަށް ރައްދު ދެމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ވަކީލަކު އައްޔަނުކުރަން ލަމްހާއަށް އެކަށީގެންވާ މުއްދަތު ދެވިފައިވާ ކަމަށެވެ. މޭރީ މަރާލި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ލަމްހާގެ ފަރާތުން ދެ ވަކީލުން އައްޔަނުކޮށްގެން ކަން ޕީޖީން ފާހަގަކުރި އެވެ.

މިއީ އަވަހަށް ނިންމަންޖެހޭ މައްސަލައެއް ކަމަށްވާތީ, މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ނިންމީ ވަކީލަކު އައްޔަނު ކުރުމަށް ލަމްހާއަށް އެއް ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

ލަމްހާ މިހާރު ވަނީ ވަކީލަކު ހަމަޖައްސާފަ އެވެ. އަދި, ދެން އޮންނަ އަޑުއެހުމަކަށް އޭނާގެ ވަކީލުން ކޯޓަށް ހާޒިރުވާނެކަން ވަނީ އެނގިފަ އެވެ.

މޭރީ މަރުވީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ. ފުލުހުންގެ ތަހުގީގު ނިންމުމަށް ފަހު އޭނާ މަރާލުމުގެ ދައުވާ އުފުލީ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށެވެ. މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ލަމްހާއަކީ މާވިންގެ ލޯބިވެރިޔާ އެވެ.

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާ އާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރި ނަމަވެސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.

އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27، ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16، ގަ އެވެ.

މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ.

އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ނެގި ކަމަށް ތުހުމަތުކޮށެވެ.