Advertisement

ފްލެޓުތަކުގެ މަސައްކަތް އަވަސް ކުރުމަށް ސައިޓުތަކުގައި އެފްޑީސީގެ މުވައްޒަފުން ބައިތިއްބަނީ

11 ޑިސެންބަރު 2023 - 10:00 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފުލެޓުތަކުގެ މަސައްކަތް ކުރަމުންދަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ފްލެޓުތަކުގެ މަސައްކަތް އަވަސް ކުރުމަށް ސައިޓުތަކުގައި އެފްޑީސީގެ މުވައްޒަފުން ބައިތިއްބަނީ

11 ޑިސެންބަރު 2023 - 10:00 0

ގެދޮރުވެރިޔާ ފުލެޓުތަކުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން މަަސައްކަތް ކުރާ ސައިޓުތަކުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މުވައްޒަފަކު އަބަދުވެސް ހުންނަންޖެހޭ ގޮތަށް އުސޫލު ބަދަލު ކޮށްފައި ވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

ހަމްދާން "އަދަދު" އަށް ވިދާޅުވީ އެތަންތަނުގެ މަސައްކަތްތައް މީގެ ކުރިން ކުރިއަށް ގެންގޮސްފައި ވަނީ ކޮންމެ މަސައްކަތެއް ކުރުމަށްފަހު ކުންފުނީގެ ސްޓާފެއް އެޕްރޫވް ކުރުމުން ނޫނީ އިތުރު އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ކަމަށާއި މަސައްކަތުގައި ލަސްތަކެއް ވީ އެ ސަބަބާ ހުރެ ކަމަށެވެ.

"ކުރިން އޮންނަ އުސޫލުން، މިސާލަކަށް ޕުޓީ އަޅަން ފަށާފައި ކޮންޓުރެކްޓަރު އެބަޖެހޭ މަޑުކުރަން ސްޓާފެއް އަންނަންދެކަށް، މިވެސް ވަގުތު، ސްޓާފު އައިސްފައި ހުރިހާ ތަނެއް ޗެކު ކޮށްފައި ދިޔައީމާ ދެވަނަ ލޭޔަރު މި އަޅަނީ، އެކަހަލަ ކަންކަން، މިހުންނަނީ ކުދިކުދި އިދާރީ ކަންކަން، އެ ރަނގަޅު ކޮށްލީމަ ވޯކް ފްލޯ ވަރަށް ބޮޑަށް އަވަސްވެގެންދާނެ،" ކުރީގައި ކަންކަން ކުރިއަށް ގެންގޮސްފައި ހުރި ގޮތަށް ފާޑުވިދާޅުވަމުން ހަމްދާން ވިދާޅުވި އެވެ.

އެ ފުލެޓުތަކުގެ މަސައްކަތަކީ އެތައް ހާސް ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައި ހުރި ކަމެއްކަން ފާހަގަ ކުރައްވައި ހަމްދާން ވިދާޅުވީ މަސައްކަތް އަވަސް ކުރެވެން ހުރި ހުރިހާ ގޮތެއް ބެލުމަށްފަހު މިހާރު ކުންފުނީގެ ފަރާތުން މުވައްޒަފަކު އަބަދުވެސް މަސައްކަތު ސައިޓުތަކުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

"މިހާރު މަސައްކަތް ކުރާ ތަނެއްގައި ވިއްޔާ އަބަދުވެސް އަޅުގަނޑުމެންގެ ސްޓާފަކު ހުންނާނެއް އެ ސައިޓެއްގައި، މޮނިޓާ ކުރާނެ، އެސެސް ކުރާނެ ނުވަތަ އެ ކުރަންޖެހޭ ޓެސްޓުތައް ކުރާނެ، ހަމަ ސައިމަލްޓޭނިއަސްލީ ކުރަމުން،" ހަމްދާން ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އިއުލާނު ކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން ދަނީ 18 ބުރީގެ 32 ޓަވަރެވެ. އޭގެތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ. އެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ޖޭއެމްސީއާއި އެންބީސީސީންނެވެ.

އޭގެއިތުރުން މިދިޔަ ސަރުކާރުން ވަނީ ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓު އެޅުމަށް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ ހަވާލުކޮށްފަ އެވެ.