ކޮޅުފުށި މިސްކިތް. އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު
އުތީމު ޣާޒީ ބަންޑާރައިން ނުވަތަ ބޮޑު ތަކުރުފާނުގެ ނަންފުޅަކީ އިތުރު ދިގު ތަޢާރަފަކަށް ބޭނުންވާނެ ނަންފުޅެއް ނޫނެވެ. އެއީ ދިވެހި ކުދިބޮޑު އެންމެންހެން ދަންނަ ޝަޚުސިއްޔަތެއްގެ ވެރި ނަންފުޅެކެވެ. ފުށެތިކާލިންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި ބަޠަލަށްވީމައެވެ. ހަމައެހެންމެ އެއީ ޒަމާނުއްސުރެ ދިވެހީންގެ ހިތްތަކުގައި ވަރަށް މަތީ ދަރަޖައިގެ ޢިއްޒަތާއި ޤަދަރު ދީފައިވާ ބޭފުޅެއްކަމުގައިވެސް ވީމައެވެ. މިހެންވުމުގެ ސަބަބުން އެ ތަކުރުފާނަށް ނިސްބަތް ކުރެވޭ ކިތަންމެ އާސާރެއްވެސް ވަނީ މިޒަމާނާއި ހަމަޔަށް އެކި ގޮތްގޮތަށް ބެލެހެއްޓެމުން އައިސްފައެވެ. މިއަދު އެތަންތަނާއި ތަކެއްޗަކީ ދިވެހީންގެ ޤައުމިއްޔަތާއި ގުޅިފައިވާ މުހިންމު ތަރިކަތަކެވެ.
އުތީމު ގަނޑުވަރުކޮޅާއި މާލޭގައި ހުންނަ އެ ރަދުންގެ ޒިޔާރަތާއި މަރޮށީގައި ހުންނަ ކާނި ގަހާއި އަދި ދާރުލްއާސާރުގައި އޮންނަ އެރަދުންގެ ފޭލިކޮޅު ފަދަ ތަކެއްޗާއި ތަންތަނަކީ އިސްވެ ދެންނެވުނު ފަދައިން މިޒަމާނާއި ހަމަޔަށް ފެންނަން ހުރި މުހިންމު އާސާރުތަކެވެ. މި ދެންނެވުނު ފަދަ އަނެއް ތަނަކީ މުލަކަތޮޅު ކޮޅުފުށީގައި ހުންނަ މިސްކިތެވެ. މި މިސްކިތަކީ އިހު ޒަމާނުގައި މަޝްހޫރުކަން ބޮޑު މިސްކިތެއްވެސްމެއެވެ. އެއީ ޣާޒީ ބަންޑާރައިން ކަޅުއޮށްފުންމީގެ ވަކަރުތައް ބޭނުން ކުރައްވައިގެން ބެހެއްޓެވި މިސްކިތްކޮޅަކަށް ވާތީއެވެ.
ކޮޅުފުށީ މިސްކިތަކީ ދިވެހި ޤައުމިއްޔަތާ ގުޅުން ހުރި އާސާރީ ބިނާއެކެވެ. އޭގެ ސަބަބު އިސްވެ ދެންނެވިފައި އެވަނީއެވެ. އެ ސަބަބާއި ގުޅިފައި އެހެން ވަރަށް މުހިންމު ކަންތައްތަކެއްވެސް އެ މިސްކިތުގެ ޚާއްސަކަމާ ގުޅިފައި ވެއެވެ. އެހެނީ އެއީ ދާދި މި ފަހުގެ ޒަމާންތަކާއި ހަމަޔަށް އެ މިސްކިތުގައި ރައްކާކުރެވިފައި ހުރި އާސާރީ ބައެއް ތަކެއްޗާއި ގުޅިގެންނެވެ. އެ ތަކެއްޗަކީތޯއެވެ؟ އަލްޣާޒީ މުޙައްމަދު ބޮޑު ތަކުރުފާނުގެ ބޮލު ފޭލިކޮޅަކާއި ކަނޑިކޮޅަކާއި އަދި ކަޅުއޮއްފުންމީގެ ފޭސްތާއްޓެވެ. ބުނެވޭ ގޮތުގައި އެތަކެއްޗަކީ މިސްކިތް ބެހެއްޓެވުމަށް ފަހު، ޣާޒީ ތަކުރުފާނު އެ މިސްކިތަށް ހަދިޔާ ކުރެއްވި ތަކެއްޗެވެ.
އެއާއި ބެހޭގޮތުން މަރުޙޫމު މުޙައްމަދު އިބްރާހިމް ލުޠުފީ ލިޔުއްވަނީ
" ....އުތީމު މަހާރަދުން ގެންގުޅުއްވި ތަކެތީގެ ތެރެއިން އެންމެ އަގުހުރި އެއްޗެތިތަކަކީ އެރަދުން ރާއްޖޭގެ ރަސްކަމާއި ޙަވާލުވެވަޑައިގަތުމުގެ ކުރީން ރާއްޖެ މިނިވަން ކުރެއްވުމަށް ދެއްވި ޙަމަލާތަކުގައި ބޭނުން ކުރެއްވި ކަނޑިއާއި އަތްމަތީ ބަޑި އާއި މަސްދަތްފިޔޮއްސެވެ. އެހެންނަމަވެސް ހިތާމައަކީ އެއިން އެކައްޗެވެސް މިއަދު ފެންނަން ނެތްކަމެވެ.
ކަނޑިކޮޅު އެރަދުން ބެހެއްޓެވިކަމަށް ބުނެވެނީ މ.ކޮޅުފުށީ މިސްކިތުގައެވެ. "އ.ގ.އ" ގެ މަޒުމޫނެއްގައި އެކަނޑިކޮޅުގެ ކުރެހުމެއްވެއެވެ. އަދި އެޗްސީޕީ ބެލްގެ މޮނޮގުރާފުގައިވެސް އެކަނޑިކޮޅުގެ ފޮޓޮއެއްވެއެވެ. އަލްއަމީރުލްމަރުޙޫމު މުޙައްމަދު އަމީނުގެ މަޒުމޫނުގައި އެކަނޑިކޮޅުގެ މިން ދެއްވާފައިވެއެވެ.އެމިންތައް އެ މަނިކުފާނު ހޯއްދެވި ގޮތެއް ބަޔާންކުރައްވާފައެއް ނުވެއެވެ. ކޮންމެއަކަސް އެ ކަނޑިކޮޅުގެ އެތައް ފޮޓޯއެއް ސުމުއްވުލްއަމީރު މުލަކަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ނެންގެވިކަމަށް އެމަނިކުފާނުގެ ފޮޓޮގްރާފަރ އަލްފާޟިލު ޢަލީ ނަޖީބު ވިދާޅުވެއެވެ. އަދި އެކަނޑިކޮޅު މާލެ ގެނެވުނީވެސް އެމަނިކުފާނުގެ އެ ދަތުރުފުޅުގައި (ޝައްވާލު 1371) ކަމަށް އަލްފާޟިލު ޢަލީ ނަޖީބު ވިދާޅުވެއެވެ. މިކަނޑިކޮޅު ކޮޅުފުށީ މިސްކިތުގައި އުރަލާފައި ހުއްޓާ އަޅުގަނޑުވެސް ދުށީމެވެ. އެއިރު އަޅުގަނޑަށް ފެނުނީ 3 ފަލަމިނުގެ ހުދު ފޮތި ބޮނޑިއެކެވެ. އެދުވަހު އެ ފޮތިބޮނޑީގެ ތެރޭގައި އޮތް އެއްޗެއް ބެލުމަށް އޭގައި އަތްލުމަށް އަޅުގަނޑު މަސައްކަތް ކުރީމެވެ. ނަމަވެސް އެކަނޑިކޮޅު "އަބުއި"ކަމަށްޓަކައި އެދުވަހު އޭގައި އަތްލުމުގެ ހުއްދައެއް ނުލިބުނެވެ. ނަމަވެސް އޭގައި އުރަލަމުން އުރަލަމުން އައި ބަޔަކު އުރަލާނީ އެކަނޑިކޮޅުގައި ބީހިގެންކަމަށް ފެނެއެވެ.
މި ހާދިސާ ހިނގާދިޔަތާ އަހަރުތަކެއް ފަހުން އެކަނޑިކޮޅުކަމަށް ބުނެވޭ ކަނޑިކޮޅު އަޅުގަނޑު ދުށީ ރާއްޖޭގެ ދާރުލްއާސާރުންނެވެ. އެއިރު އޭގައިވަނީ ވަރަށްބޮޑަށް ދަބަރު ޖަހާފައެވެ. (ޞ8އަދި9 / މުޙައްމަދު އިބްރާހިމް ލުޠުފީ/ ފަތްތޫރަ 68)
ރާއްޖޭގެ ތާރީޚު ދިރާސާކުރެއްވި މަޝްހޫރު ބެލް ސާހަބު އޭނާ ލިޔުއްވި މަޝްހޫރު ތާރީޚު ފޮތުގައިވެސް މުލަކަތޮޅު ކޮޅުފުށީ މިސްކިތުގެ ވާހަކަތައް ގެންނަވާފައިވެއެވެ. ބެލްއަކީ މީލާދުން 20 ވަނަ ޤަރުނުގެ ކުރީކޮޅުގެ ތެރޭގައި ރާއްޖޭގެ ތާރީޚު ދިރާސާކުރެއްވުމަށް ދުރުވެ އުޅުއްވި އިނގިރޭސި ރައްޔިތެކެވެ. މިގޮތުން 1922 ހިސާބުގައި އޭނާ ރާއްްޖެއަށް ދުރުވެ ކުރެއްވި ދަތުރުގެ ތެރޭގައި މުލަކަތޮޅު ކޮޅުފުއްޓަށްވެސް ދުރުވެންނެވިއެވެ. އެއީ ކޮޅުފުށީ މިސްކިތުގެ ޚަބަރު ހޯއްދެވުމަށާއި އެތަން ބައްލަވާ ލެއްވުމަށެވެ. އޭނާ ލިޔުއްވި މޮނޮގުރާފުގައި މިސްކިތާ ގުޅޭ ޚަބަރުތަކުގެ އިތުރަށް އެ މިސްކިތާއި އެތަނުގައިވާ އާސާރީ ތަކެތީގެ ފޮޓޯވެސް ހިއްސާކުރައްވާފައިވެއެވެ.
ބެލް ލިޔުއްވަނީ:
Obviously the Khatib was very loath to bring these Relics out of the mosque for inspection, owing to the great sanctity in the eyes of Maldivians: but yielded in length to our masterful cicerone the persuasive Ismail Didi. After the recital of sundry prayers by both within the mosque, the articles were finally produced.
The antiques consist of an old sword part of a boat’s pennon-staff and a choice silk bolu feyli (Head-kerchief).
The sword (which was wrapped in nearly thirty separate cloths) is a very corroded Portuguese weapon of which the blade is now much shortened, having broken into two pieces and been roughly clamped together. At present it is 2ft 3inches long with a 1inche blade. The islanders style it Utimu Bandarange kandi kolu” sword of the bandara (Sultan) of utimu (Thiladhummati Atol). The wooden flag staff (M.Festara) in similar wraps is 3ft 6inches in length and very ordinary. But the Silk kerchief, 5ft 3inches by 3ft is exceedingly attractive, well preserved and perhaps old:in color the middle portion is of brilliant red with chocolate, black and white stripes at each end
މި ބަސްތަކުގެ ޚުލާސާ ތަރުޖަމާއީ:
".. އާސާރީ އެ ތަކެތި މިސްކިތުން ބޭރަށް ނެރެ ބަލައި ހެދުމަށް ޚަތީބު ހުންނެވީ ރުހިގެން ނޫންކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ. އެއީ ދިވެހީންގެ ހިތުގައި އެ އާސާރީ ތަކެއްޗަށް ދީފައިވާ މާތް ޤަދަރެއްގެ ސަބަބުންނެވެ. އެހެންނަމަވެސް އަހަރުމެންގެ އާރުކާޓީއެއްގެ ގޮތުގައި ހުންނެވި އިސްމާޢިލްދީދީއަށް ކަތީބު ދޫދެއްވިއެވެ.
މިސްކިތުގައި ދެމީހުންމެ ފާޠިޙާ ކިޔެވުމަށްފަހު އެންމެ ފަހުން އެތަކެތި ނެރެފިއެވެ. އޭގައި ހިމެނެނީ އިހުގެ ކަނޑިއަކާއި އޮޑިއެއްގެ ފޭސްތާއްޓާއި ބޮލު ފޭއްޔެކެވެ.
(އޭގެ ބޭރުން އޮތީ 30 ގަނޑު ފޮތި އޮޅާފައި އޮތް) ކަނޑިކޮޅަކީ އޭގެ ތިލަ ވަރަށް ކުރުވެފައި އަދި ދަނބަރުޖަހާފައި އޮތް ފުށަތިކާލިންގެ ކަނޑިއެކެވެ. އެއީ ދެބުރިވުމުން އެއްކޮށްފައި އޮތް ކަނޑިކޮޅެއްވެސްމެއެވެ. އޭގެ ދިގު މިނަކީ 2 ފޫޓު 3 އިންޗިއެވެ. ރަށު މީހުން އެޔަށް ކިޔަނީ އުތީމު ބަންޑާރައިންގެ ކަނޑިކޮޅޭ އެވެ. ފޭސްތާށިވެސް އޮތީ ހަމަ އެފަދައިން ފޮތީން ބަނދެފައްޔެވެ. އޭގެ ދިގު މިނަކީ ތިން ފޫޓު ހަ އިންޗިއެވެ. އެހެންނަމަވެސް ބޮލު ފޭލީގައި ހުރީ ފަސް ފޫޓު ތިން އިންޗި އެވެ. އެއީ ވަރަށް ރީތި އަދި ރަނގަޅަށް ރައްކާތެރިވެފައި އޮތް ވަރަށް ދުވަސްވީ ފޭއްޔެކެވެ. އޭގެ މެދުގައި ވަނީ ގަދަ ރަތްކުލައެވެ. އަދި ކޮންމެ ކޮޅެއްގައި ޗޮކޮލެޓާއި ކަޅާއި ހުދު ފަށްތަކެއް ދަމާފައިވެއެވެ.
ކޮޅުފުށީ މިސްކިތް 1922 ގައި ހުރި ގޮތް
އާދޭހެވެ! ކޮޅުފުށީ މިސްކިތަކީ ހަމަ ޣާޒީ މުހައްމަދު ތަކުރުފާނުން ބެހެއްޓެވި މިސްކިތެއްތޯއެވެ؟ އެތަނަކީ މަޝްހޫރު ކަޅުއޮށްފުންމީގެ ވަކަރުތަކުން ބެހެއްޓެވި މިސްކިތް ކޮޅެއް ތޯއެވެ؟ އެތަނުގައި ފެންނަން ހުރި އާސާރީ ތަކެއްޗަކީ ހަމަ ހަގީގަތުގައިވެސް ތަކުރުފާނުން ބެހެއްޓެވި ތަކެތި ތޯއެވެ؟ މި ސުވާލުތަކަކީ ކޮންމެ މީހެއްގެވެސް ހިތުގައި އުފެދިދާނެ ސުވާލުތަކެކެވެ. މިކަމުގެ މައްޗަށް ވިސްނާލުމުގެ ކުރިން އިހަށް ދޫދޫމަތިން ކިޔަމުން އަންނަ ބޮޑު ތަކުރުފާނު ވާހަކައިގައި ކިޔާ އުޅޭ ގޮތަށް ބަލާލަމާ ތޯއެވެ؟
"...އުޑުމަތި ސާފުވެ ކުރޮޅިތެޅި ނާއްޓަކަށް ވެއްޖެއޭ. މިގޮތަށް 3 ފަހަރު ފުރައިގެން އެންމެ ފަހު ފަހަރު އެއްބުރި ހިފައިގެން ދިހަރޭ ދިހަދުވާލު ދަތުރުކޮށް އެންމެފަހުން ހަސަން ތަކުރުފާނު ވިދާޅުވިޔޭ ބޭބޭވޭ މިވަޅު ބުރި ހިފައިގެން ދަތުރުނުވެވުނިއްޔާ އެއްލާލަމާތޯއޭ މުޙައްމަދު ތަކުރުފާނު ވިދާޅުވިޔޭ މިއީ ހުވަދޫ ކަނޑޭ ދެބޭންނަށް ލިބެން އިރާދައިގައި ހުރި އެއްޗެއް ވިއްޔާ ދެބޭންނަށް ލިބޭނެޔޭ ދޫކޮށްލާށޭ. ދެން ހުވަދޫ ކަނޑަށް ދޫކޮށްލާ ވަޑައިގަންނަވަނީއޭ ދެން މިގޮތަށް ފަނަރަރޭ ފަނަރަދުވާލު ދަތުރުކޮށް ދެން ހަސަން ކިލެގެފާނު ވިދާޅުވިއޭ ބޭބޭފުޅާއޭ ބޭބޭފުޅުގެ ތިޔައޮތް މާތް ދޫފުޅުން ނިކަން ނަދުރުފުޅެއް ވިދާޅުވެ ބައްލަވާށޭ. ދެން ވިދާޅުވިޔޭ މާތް ކަނލާގެ އަމުރާއި އިރާދަކުރައްވައިގެން ހިކިފަސްތަނެއްގައި ފައިންޕުޅު ޖެހުނިއްޔާ މިސްކިތެއް ބިނާކުރައްވާނަމޭ ފެންގަނޑެއް ކޮންނަވާނަމޭ ކަޅުއޮއްފުއްމިއަށް ދިދައެއް ދެއްވާނަމޭ މިހެން ވިދާޅުވީ ދިއްތުޑިޔަށް ކަޅުއޮއްފުއްމި ސަލާމަތްކޮށްލިއޭ. ދެން އަރާ ވަޑައިގަތީ ކޮޅުފުއްޓަށޭ. އަރާވަޑައިގަންނަވާ މިސްކިތަކަށް ބެހެއްޓެވީ އަށިގެއެކޭ އެއަށިގެ ކައިރީގައި ފެންގަނޑެއް ކޮންނެވިއޭ. ކަޅުއޮށްފުންމިއަށް ދިދަ ދެއްވިއޭ. އަދި ކަޅުއޮއްފުއްމީގެ ފޭސްތާށި މިސްކިތްމަތީ ބޭއްވެވިއޭ އިސްތަށިފުޅުގާ އޮތް ފޭލިކޮޅާ ކަނޑިކޮޅުވެސް އެމިސްކިތުގާ ބޭއްވެވިއޭ...."
އަޅުގަނޑުވެސް އެއްބަހެވެ! ދޫދޫމަތިން ކިޔަމުން އަންނަ ވާހަކަތަކަކީ ހެއްކެއް ނޫނެވެ. އެހެނަސް އެއީ މާޒީގެ ޚަބަރުތައް ހޯދަން އުޅޭ މީހަކަށް މަގު ދައްކައިދޭ ސަމުގާއެކެވެ. ފޯކުލޯރު މުހިންމުވަނީވެސް އެހެންވީމައެވެ. ބައެއް ހާލަތްތަކުގައި އެއީ ތާރީޚީ ގަރީނާއެއްވެސްމެއެވެ.
ކޮޅުފުށީ މިސްކިތުގެ ޚަބަރުތައް ހޯދުމަށްޓަކައި ފޯކުލޯރު ދައްކައިދޭ މަގުން ހިނގަމުންދާ މީހެއްގެ ކުރިމައްޗަށް ހުށައެޅޭނެ ވަރަށް ބޮޑު ތާރީޚީ ހެއްކެއް އެބައޮތެވެ. އެއީ ސީދާ އެ މިސްކިތަށް ޣާޒީ މުހައްމަދު ތަކުރުފާނު ސިއްކަ ޖައްސަވާ ދެއްވާފައި އޮތް ފަތްކޮޅެވެ. އެ ފަތްކޮޅުގައިވާ އެއްޗެއް އެއްކަލަ ބެލް ސާހަބު އޭނާގެ މޮނޮގުރާފުގައި ނަކަލު ކުރައްވާފައިވެއެވެ. އަދި އޭގެ ފޮޓޮއެއްވެސް ހިއްސާކުރައްވާފައި ވެއެވެ.
ތިރީގައި އަޅުގަނޑު މި ލިޔަނީ ބެލް ސާހަބުގެ މޮނޮގުރާފުގައި އޭނާ އިނގިރޭސި އަކުރުން ކުރައްވާފައި އޮތް އެ ފަތްކޮޅުގެ ނަކަލު ތާނައަކުރުންނެވެ.
" އަލްޣާޒީ މުޙައްމަދު ބޮޑު ތަކުރު ވިދާޅީން. މަ މުލަކަތޮޅު ފުރަ ބަންޑާރަ ފުށުން ކަން ކުރެއްވުމަށް ދާނައި މީހުނައި މި އަތޮޅު ބޯ ހިމަނައި ވާރު ބައި ކާން ޖަހަދައި ރާދަ ބަންޑާރަ ފުށުން ރަސްކަމާކެމަށް ދާނިނައި މި ފަދަ އެންމެނަށް ވިދާޅު ފަތެ. މި އަތޮޅު ކޮޅުފުށީ މަ ހެއްދެވި މިސްކިތު މައްޗަށް މިރަށު ފާލައްބު އާއި ފާލައްބާށް ބިމަށް ނިކުތްނަހައި ރުކާއި މިރަށު ފާލައްބަ އެޅުމާއި މިކަން މި މިސްކިތަށް ލައްވައި ފެއްޗީ. މި މިސްކިތް އިމާރަތްކޮށް ވޮށްތެލަޅައި ކުނާލަޅައި ފަންގެ ލައި އިމާރަތް ކުޅައިމަށް މި މިސްކިތަށް ހުންނަ ހުށިކަމާއި އިހު މިސްކިތަށް ހުންނަހައި ރުކަށް ގަހެށް އެފަދައިންމެ މި މިސްކިތަށް ހުންނަ ހުށިކަމާއި.
މިރަށުން ދެ މީހުންގެ ބޮލި މި ފަދައިންމެ އިހު މިސްކިތަށް ހުންނަ މަގުން ނުއުވި ހުންނަ ކަމާއި. މި މިސްކިތު ކަރެން އެޅި ނަމަ ދޮނުމަތި މި މިސްކިތަށް ހުންނަ ހުށިކަމާއި. ނައުލާ ފުށީ މަތިކިބާށް ދޮން ބީނާ ނައުލާފުށީ ތިބި ރުށްރުށްފުޅާއި މެދުފުށީ ކިޔާ ރަށްގަނޑުތިބި ރުށްރުށްފުޅާއި މި ފަދައިންމެ މި މިސްކިތަށް ވަޤްފުވެ ހުންނަހުށިކަމާއި. ތަކުރު ހުއްދައިންމެ މިސްކިތު މި ފަދައިން އިމާރަތްކޮށް ބަލަހުއްޓުން މިރަށު ހަސަން ކަލޯ ދަރި މިރުމިނީންނަށް ދާންދެން މިއުރެން މަތިކަމާއި. މިރަށު ފާލައްބަ މިރަށު މި މިސްކިތަށް ހުންނަ ހުއްދަވެ ހުންނަ ހުށިކަމާއި. ކޮންމެ މީހަކުމި މިސްކިތު ވަޤްފާއި ވެށްނުވާ ހުށިކަމާއި. މި މިސްކިތު ވަޤްފާއި ވެއްވެ މި މަގަށް ލައިނުތިއްބާން ބަހެއް ބުނެ ކަމެށް ކުޅަ ކޮންމެ މުސްލިމަކު ވަޤްފު އުވައި ނަހައި ކުޅަ މީހުނަށް ވާ ފާތުކާ ވާ ކާވާ ހުށި ކަމާއި މިތަށް މަގުން ތަކުރު ކުރެއްވި ހުއްދައިން މޫސާ ނާއިބު ކަލޯ ލީން."
( ޞ189 / އެޗް ސީ ޕީ ބެލް/ މޮނޮގްރާފު)
ފަތްކޮޅުގައި ޞަރީޙަ ޢިބާރާތުން ބުނެފައި އެވާ ޢިބާރާތަށް ބައްލަވާށެވެ. ތަކުރުފާނު ސިއްކަ ޖައްސަވާ ދެއްވާފައި އޮތް އެ ފަތްކޮޅުގައި ބުނެފައި އެވަނީ " މި އޮތޮޅު ކޮޅުފުށީ މަ ހެއްދެވި މިސްކިތް" މިހެންނެވެ. މިހެންކަމުން އެއީ ޣާޒީ މުހައްމަދު ތަކުރުފާނުން އިމާރާތް ކުރެއްވި މިސްކިތެއްކަމާއި މެދަކު ޝައްކު އުފައްދާނެ ޖާގައެއް ނެތެވެ. ވީމާ އެ މިސްކިތުގައި ފެންނަން ހުރި ތަކުރުފާނުގެ ބޮލު ފޭލިކޮޅާއި ކަނޑިކޮޅާއި އަދި ކަޅުއޮއްފުންމީގެ ފޭސްތާއްޓަކީ ޚުދު އެ ތަކުރުފާނު ކޮޅުފުށީ މިސްކިތަށް ހަދިޔާ ކުރެއްވި ތަކެތި ކަމަށް ބާރުވެސް އެބަލިބެއެވެ. އެހެންނަމަވެސް އަދިވެސް އެއްކަމެއް ސާފުނުވެ އެބަ ވެއެވެ. އެއީ އެ މިސްކިތް ބިނާކުރީ ކަޅުއޮއްފުންމީގެ ވަކަރުތަކުންތޯ ނުވަތަ ނޫންތޯ ކަމެވެ.
ދޫދޫމަތިން ކިޔާ ވާހަކައިގައި ބުނެފައި އެވަނީ ހުވަދޫ ދަތުރު ނިންމަވާފައި މާލެ ވަޑައިގަންނަވަނިކޮށް ކަޅުއޮށްފުންމި ދިއްތުނޑިއަށް "ސަލާމަތް" ކުރެއްވީކަމަށެވެ. ދެން ކޮޅުފުއްޓަށް އަރާ މިސްކިތެއް ބެހެއްޓެވީ ކަމަށެވެ. ކޮންމެއަކަސް މިކަމުގެ މައްޗަށް ބަލާލުމުގެ ކުރިން އަދި އިހަށް ޖެހިލަން ޖެހެނީ އެހެން ހާދިސާއެއްގެ މައްޗަށެވެ. އެއީ މި ތާރީޚީ މިސްކިތުގައި ހުޅުހިފި ހާދިސާއަކަށެވެ.
ކޮޅުފުށީ މިސްކިތުގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމަށް ބެލެވެނީ ހިޖުރައިން 1299 ވަނަ އަހަރުގައެވެ. އެއީ މިހާރު ފެންނަން ހުރި މިސްކިތުގެ މަތިވަޑާން ގަނޑުގައި އަލުން އެ މިސްކިތް އައުކުރި ތާރީޚެއްކަމަށް ޖަހާފައި އޮންނަ ހިޖުރީ އަހަރަކީ އެއީ ކަމުގައިވާތީއެވެ. އެ މިސްކިތުގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމާ މެދަކު އެއްވެސް ޝައްކެއްނެތެވެ. ޝައްކު އުފެދެނީ އަނދައިގެން ދިޔައީ މިސްކިތް އެކީއެކަށްތޯ ނުވަތަ ނޫންތޯ ކަމާއި މެދުގައެވެ.
މިސްކިތުގެ މަތިވަޑާންގަނޑުގައިވާ ތާރީޚު
މިސްކިތުގައި ހުޅުހިފި ހާދިސާ އާއި ބެހޭ ގޮތުން އެއްބަޔަކު ދައްކާ އުޅޭ ވާހަކައިގައި ބުނަމުން އަންނަނީ އެ ހާދިސާގައި އަނދައިގެން ދިޔައީ މުޅި މިސްކިތް ކަމުގައެވެ. އަނެއް ބަޔަކު ބުނަމުން އަންނަނީ އަނދައިގެން ދިޔައީ މިސްކިތުން ބައެއް ކަމުގައެވެ. މި ޚިލާފުތަކުގެ ތެރެއިން ފަހުގެ ބައެއް ތާރީޚު ޢިލްމުވެރިންނަށްވެސް ބޮޑަށް ބުރަވެވެމުން އައިސްފައިވަނީ އަނދައިގެން ގޮސްފައިވަނީ މުޅި މިސްކިތްކަމުގައެވެ. މިހެންވުމުގެ ސަބަބުން 1980 ގެ އަހަރުތަކުގެ ފަހުކޮޅާ ހިސާބުން ފެށިގެން އެ މިސްކިތަކީ އާސާރީކަން ގެއްލިފައިވާ ތަނެއްކަމަށްވެސް ބެލެވެން ފެށިއެވެ.
ދިވެހި ތާރީޚުގެ މަޝްހޫރު މުއައްރިޚު މުޙައްމަދު އިބްރާހިމް ލުޠުފީވެސް ދެކެވަޑައިގަންނަވަމުން އައިސްފައިވަނީ މިސްކިތުގެ އަސްލު ގެއްލިފައިވާކަމަށެވެ. ލުޠުފީ ލިޔުއްވަނީ
" އެ މިސްކިތް އަނދައިގެން ދިޔުމުން އެތާގައި އެރަށު މީހުން އައު މިސްކިތެއް ބިނާކުރިކަމަށްވެއެވެ. މިހެންވުމުން އަލަށް ބިނާކުރި މިސްކިތުގައި ހުރި ކަޅުއޮއްފުންމީގެ ތަކެތިކަމަށް ބުނެވޭ ތަކެއްޗަކީ ޑުޕްލިކޭޓު ތަކެއްޗެވެ"
މިސްކިތުގައި ހުޅުހިފި ހާދިސާ އާއި ގުޅޭ ގޮތުން އުފެދިފައި އޮތް ޚިޔާލު ތަފާތުވުންތައް ނެތިގެން ދިޔަ ގޮތާއި އަދި އެ މިސްކިތް އިމާރާތްކޮށްފައި ވަނީ ދޯންޏެއްގެ ވަކަރުތައް ބޭނުންކޮށްގެންކަން ސާބިތުވި ދިޔަ ގޮތާއި ބެހޭގޮތުން ތާރީޚު ޢިލްމުގެ މުއައްރިޚު ނަސީމާ މުހައްމަދު ކަލޭގެފާނުގެ ވަރަށް ފުރިހަމަ ލިޔުމެއް ފެންނަން އެބަ އޮތެވެ.
ނަސީމާ ލިޔުއްވަނީ
" ...އެއީ ޣާޒީ ބަންޑާރައިން ބިނާކުރެއްވި އަސްލު މިސްކިތްކަމުގެ ހެކިތަކަކަށް އެގޮތަށް ގަބޫލުކުރާ މީހުންނަށް އޮތީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. މި ހެކިތައް ފައުޅުވީ އާދަޔާ ޚިލާފު ގޮތަކަށެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން 2004މ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު، ދިވެހިރާއްޖޭގެ މިޒަމާނުގެ ތާރީޚުގައި ދިމާވެފައިވާ އެންމެ ހިތާމަވެރި ޤުދުރަތީ ކާރިސާ މެދުވެރިވިއެވެ. އެ ދުވަހު އެރި ސުނާމީގެ ރާޅުތަކުގައި ރާއްޖޭގެ އެތައް ބައެއްގެ ފުރާނައާއި ގެދޮރު ނެތިދިޔައެވެ. ރާޅު އަރަން އެންމެ ބޮޑަށް ދިމާވި އެއް ރަށަކީ މުލަކު އަތޮޅު ކޮޅުފުއްޓެވެ. ކޮޅުފުށިން ވަރަށް ބޮޑަށް ހަލާކުވި އެއްތަނަކީ ކޮޅުފުށީ މިސްކިތެވެ. އާދެ! އައްސުލްޠާނުލްޣާޒީ މުހައްމަދު ތަކުރުފާނު ކަޅުއޮށްފުންމީގެ ވަކަރުތަކުން އެޅުއްވިކަމަށް ބުނެވޭ ޣާޒީ މިސްކިތެވެ.
މި މިސްކިތާ މެދު ކުރެވެމުން ދިޔަ ސުވާލުތަކަށް ޖަވާބު ލިބުނީ ސުނާމީގެ ސަބަބުން ލިބުނު ގެއްލުންތަކުންނެވެ. މި ހާދިސާގައި މިސްކިތުގެ ހަރިންމަ ފާރު ވެއްޓި މިސްކިތުގެ ތިން ފަރާތުގައި ލާފައި އޮތް ފެންޑާވެސް ހަލާކުވެ ދިޔައެވެ. މިއާއިއެކުގައި މިސްކިތުގެ ހުޅަނގު ދެކުނު ފަރާތުން ފެންޑާ އާއި މިސްކިތާ ގުޅޭ ކަނުން ވަރަށް ބޮޑަށް އުވަގަނޑު ވެއްޓުނެވެ. މިހެންވުމުން ފާރުގެ އެތެރޭގައި ހުރި ލަކުޑީގެ ބައިތައް ފެންނަ ގޮތްވިއެވެ. މި ލަކުޑިތަކުގައި އެތަކެއްޗަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމުގެ އަސަރުތައް ވަރަށް ރަނގަޅަށް ފެންނަން ހުރިކަން ފާހަގަކުރެވުނެވެ. އަދި ހަމަ އެއާއި އެކު ދޯންޏެއްގެ އިންނަފަތުގެ ބައެއްވެސް ފެންނަން ހުއްޓެވެ.
.....އެ މިސްކިތް ބިނާ ކުރުމުގައި ދޯންޏެއްގެ ވަކަރުތައް ބޭނުންކޮށްފައިވާ ކަމާއި ކޮންމެވެސް ދުވަސްވަރެއްގައި އެތާނގައި އަލިފާނުގެ ހާދިސާއެއްގައި ހިނގާފައިވާކަން ފެންނަން ހުރި މި ހެކިތަކުން ޔަގީންކުރެވުނެވެ. އަދި އަލިފާނުގެ ހާދިސާގައި މުޅި މިސްކިތް އަނދައިގެން ނުދާކަންވެސް ސާބިތުވިއެވެ." (ނަސީމާ މުހައްމަދު / ތާރީޚާއި ތަރިކަ/ ދިވެހިބަހުގެ އެކަޑަމީ)
ސުނާމީގައި މިސްކިތަށް ލިބުނު ގެއްލުމާއި އެކު ފެނުނު ދޯންޏެއްގެ އިންނަފަތުގެ ބައި
ސުނާމީގައި މިސްކިތަށް ލިބުނު ގެއްލުމާއި އެކު ފެނުނު ދޯންޏެއްގެ އިންނަފަތުގެ ބައި
އާދޭހެވެ! ސުނާމީގެ ހިތާމަވެރި ކާރިސާ އާއި ގުޅިގެން މިސްކިތައް ލިބުނު ބޮޑު ގެއްލުމާއި އެކު ތާރީޚީ ވަރަށް ބޮޑު ސުވާލެއްގެ ޖަވާބު ލިބިގެންދިޔައެވެ. އެ މިސްކިތަކީ ދޯންޏެއްގެ ވަކަރުތައް ބޭނުންކޮށްގެން އިމާރަތްކޮށްފައިވާ މިސްކިތެއްކަމާ އަދި އެ މިސްކިތުގައި ކޮންމެވެސް ޒަމާނެއްގައި ހުޅުހިފާފައި އެބަހުރި ކަމާއި އަދި އެ ހުޅުގައި މުޅި މިސްކިތް އަނދައިގެން ނުދާކަންވެސް ސާބިތުވެގެން ދިޔައެވެ.
މި ދެންނެވުނު ވާހަކަތަކާއި އެކު މުޅި މިސްކިތް ސިކުނޑިތަކުގައި ސޫރަކޮށްލައްވާށެވެ. މުލަކަތޮޅު ކޮޅުފުށީ ދިއްތުނޑިޔާ ދިމާ އަތިރިމަތީގައި ފެންނަން އެހުރި ކުޑަކުޑަ މިސްކިތަކީ މަޝްހޫރު ކަޅުއޮށްފުންމި ނޫންތޯއެވެ. ދިއްތުނޑިއަށް ކަޅުއޮއްފުންމި އުރުނު ދުވަހުގައި ތަކުރުފާނު ވިދާޅުވީ ކީކޭތޯއެވެ؟ ކަޅުއޮއްފުންމިއަށް ދިދައެއް ދެއްވާނަމެވެ. މިސްކިތުގެ ބޭރު އިންފާރުގައި ވަށައިގެން ހަރުކޮށްފައި އެހުރި ކުދި ދިދަތަކަކީ ކަޅުއޮއްފުންމިއަށް އެތަކުރުފާނުން ދެއްވި ދިދައެވެ. ފޭސްތާށި މިސްކިތުގައި ބޭއްވެވީވެސް އެހެންވީމައެވެ. އެއީ ދެއްވި ދިދައިގެ ރަމްޒަކަށެވެ.
ކޮޅުފުށީ މިސްކިތް (2023)
އިހު ޒަމާނުގައި މި މިސްކިތް ކައިރީގައި ވަރަށް ބޮޑު ވެވެއްވެސް އޮތެވެ. 1922 ވަނަ އަހަރު ބެލް ސާހަބު ދުރުވެ ނެންގެވި ފޮޓޮއިންވެސް އެ ވެވު ފެންނަން އޮވެއެވެ. އަދި މިސްކިތް ވަށައިގެން ރީތި މަހާނަ ގައު ހުރި ގަބުރުސްތާނެއްވެސް އޮތެވެ. އެހެންނަމަވެސް މިއަދު މިއިން އެކައްޗެއްވެސް ލޮލަށް ފެންނާކަށް ނެތެވެ. ޒަމާނުގެ އަތްތަކުން ނެތިކޮށް ހިނގާއްޖެއެވެ. މިހާރު ފެންނަން ހުރީ މިސްކިތު ހަރިންމަ ފާރުން ބޭރުގައި ވަކިން ހުރި ދެ މަހާނައެކެވެ. މީގެ ތެރެއިން ތެރެއިން މަހާނައިގައި ހުރި ގަލުން އެނގޭ ގޮތުގައި އެއީ އައްޝައިޚުލް ޢާލިމުއް ޒާހިދުލް ފަޤީހި ޙަސަން ބުނު މޫސާ އައްދީބީގެ މަހާނައެވެ. އޭނާ ނިޔައުވެފައި ވަނީ ހިޖުރައިން 1158 ވަނަ އަހަރު އާދެ މީލާދިން 1745 ވަނަ އަހަރުގައެވެ. ކޮންމެއަކަސް ކޮޅުފުށީ މިސްކިތުގެ ޚަބަރަކީ މިއީއެވެ.
Comment