Advertisement

އަމީނީ މަގުގެ މަސައްކަތާއެކު ބަހުގެ ދަތުރުތަކަށް ބޮޑެތި ބަދަލުތަކެއް

9 ޑިސެންބަރު 2023 - 11:49 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލެ ސަރަހައްދުގައި އެމްޓީސީސީއިން ހިދުމަތްދޭ ބަހެއް : އަމީނީ މަގުގެ މަސައްކަތާއެކު ބަހުގެ ދަތުރުތަކަށް ބޮޑެތި ބަދަލުތަކެއް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އަމީނީ މަގުގެ މަސައްކަތާއެކު ބަހުގެ ދަތުރުތަކަށް ބޮޑެތި ބަދަލުތަކެއް

9 ޑިސެންބަރު 2023 - 11:49 0

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެންމެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ފެށުމާއެކު އެމްޓީސީސީއިން މާލެ ސަރަހައްދުގައި ދޭ ބަހުގެ ހިދުމަތް ދޭ ރޫޓުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

އާރުޑީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ 12 އަދި 13 ވަނަ ސެގްމެންޓުގެ މަސައްކަތް ފެށީ މިއަދު ހެދުނު އެވެ. ނަމަވެސް އެ މަސައްކަތް ކުރުމަށް ޓަކައި އެ ސަރަހައްދު ވަނީ އިއްޔެއިން ފެށިގެން ބަންދުކޮށްފަ އެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނިގެން ފެށި މަސައްކަތެއް ކަމަށެވެ.

މިކަމާ ގުޅިގެން ބަހުގެ ހިދުމަތައް ގެނެސްފައިވާ ބަދަލުތައް އެމްޓީސީސީއިން ވަނީ އިއުލާނުކޮށްފަ އެވެ.

ބަސް ރޫޓުތަކަށް ގެނައި ބަދަލު

  • އަމީނީ ރޫޓު (R11) ގެ ދަތުރުތައް އަމީނީ މަގުންގޮސް ހަނދުވަރީ ހިނގުމުން އެޅުމަށްފަހު މަޖީދީ މަގަށް އަޅައިގެން ދަތުރުކުރާގޮތަށް ބަދަލުގެނައުން
  • އޯކިޑު ރޫޓު (R10) ގެ ދަތުރުތައް މަޖީދީ މަގުންގޮސް ވެސްޓު ޕާކު ސްޓޮޕުން އަނބުރާލާ ގޮތަށް ބަދަލުގެނައުން
  • މޭލެއާއި ހުޅުމާލެއާ ދޭތެރޭ ދަތުރުކުރާ ބަސްތައް މާލެއިން ފަށާ އަދި ނިންމާ ސްޓޮޕަކަށް މާފަންނު ބަސް ޓާމިނަލް ހެދުން

އަމީނީ މަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތާ ގުޅިގެން އެ މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވާނެ ދަތިތައް ހައްލުކުރުމާ ގުޅޭ މަޝްވަރާތައް ވެސް އެ ކުންފުންޏާއެކު ކޮންސްޓަރަކްޝަން މިނިސްޓްރީން މިދިޔަ ހަފުތާގައި ވަނީ ބާއްވާފަ އެވެ.

ނިމިދިޔަ ސަރުކާރުން 2022 ގައި ފެށި އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ނިންމާލެވުނީ ފުރަތަމަ 11 ސެގްމެންޓެވެ. ފަހު ދެ ސެގްމެންޓުގެ މަސައްކަތް ދައުރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް ކުރީގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް އަކްރަމް ކަމާލުއްދީން ވިދާޅުވި ނަމަވެސް އެ މަސައްކަތް ފެށިފައެއްވެސް ނުވެ އެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ތާރު އަޅައިގެން އެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ މިދިޔަ އަހަރު އޯގަސްޓު، 30، ގަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މެއި 28، 2023 އަށް އެ މުއްދަތު ވަނީ ހަމަވެފަ އެވެ.