Advertisement

ކްލަބް ވޯލްޑް ކަޕް ސްކޮޑުގައި ޑި ބްރޭނާ ހިމަނައިފި

9 ޑިސެންބަރު 2023 - 10:32 0


ކްލަބް ވޯލްޑް ކަޕް ސްކޮޑުގައި ޑި ބްރޭނާ ހިމަނައިފި

9 ޑިސެންބަރު 2023 - 10:32 0

މެންޗެސްޓާ (ޑިސެމްބަރު 9) - ސައުދީ އަރަބިއްޔާގައި މި މަހު ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕަށް ޔޫރަޕްގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން ރަޖިސްޓްރީކުރި ސްކޮޑުގައި މި ވަގުތު އަނިޔާގައި ހުރި ބެލްޖިއަމްގެ މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ ހިމަނައިފި އެވެ.

ފީފާ ކްލަބް ވޯލްޑް ކަޕް ކުރިއަށްދަނީ މި މަހު 12-22 އަށް ސައުދީ އަރަބިއްޔާގަ އެވެ.

ސިޓީގެ ކެޕްޓަން، ޑި ބްރޭނާ އަށް އަނިޔާވީ މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިދިޔަ އޮގަސްޓް މަހު، ބާންލީއާ ދެކޮޅަށް ކުޅެނިކޮށެވެ.

ފާއިތުވި ދުވަސްތަކުގައި ޑި ބްރޭނާ އަންނަނީ ލައިޓް ޓްރެއިނިންތަކުގައި ބައިވެރިވަމުންނެވެ. ޓީމު ޓްރެއިނިން އަށް ނުކުމެވޭނެ ދުވަހެއް އަދި ނޭނގެ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ކްލަބް ވޯލްޑް ކަޕް ސްކޮޑުގައި ޑި ބްރޭނާ ހިމެނި ނަމަވެސް އޭނާ އެ މުބާރާތުގައި ނުފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ދެ ހަފްތާ ނޫނީ ތިން ހަފްތާ ތެރޭގައި ކްލަބް ވޯލްޑް ކަޕް އަހަރެމެންނަށް މި ފެށެނީ. ފަހަރެއްގައި މިއީ ޑި ބްރޭނާ ކުޅެން ނުކުންނަން ތަންކޮޅެއް އަވަސް މުއްދަތަކަށް ވެދާނެ. އެކަމަކު، ކަންކަން ބަލާނީ ޓްރެއިނިން ދާ ގޮތަކުން،" ގާޑިއޯލާ ބުންޏެވެ.

ކްލަބް ވޯލްޑް ކަޕްގައި ސިޓީ ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހު 19 ވަނަ ދުވަހު އެވެ.

ގާޑިއޯލާ ބުނީ ޑި ބްރޭނާ އަކީ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނާ ލެވަލްގެ ކުޅުންތެރިއަކު ނެތްތަން ކޮންމެ ޓީމަކުން ވެސް ފެންނާނެ ކަމަށެވެ.

ލީގުގައި އެންމެ ފަހުން ސިޓީ ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް އެއްވެސް އިރެއްގައި ލީގެއްގައި މޮޅެއް ނުލިބި ފަސް މެޗު ނިމިފައިނުވެ އެވެ. ސިޓީން ދެން ކުޅޭ މެޗުގައި މާދަމާ ބައްދަލުކުރާނީ ލޫޓަންއާ އެވެ.

ގާޑިއޯލާ ބުނީ އެންމެ ފަހުން ސިޓީ ކުޅުނު މެޗުތަކުގައި ނަތީޖާ ނުނެރެވުމަކީ އެ ޓީމުން މިހާރު މި އޮތް ހާލަތުގެ އަސްލާ ކުރިމަތިލައި ކަންކަން ރަނގަޅުކުރަން ލިބުނު ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށެވެ.