Advertisement

ސިވިލް ސާވިސްގެ "އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް" އާއެކު ބޮޑު ލުޔެއް!

7 ޑިސެންބަރު 2023 - 20:34 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

"އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް" ތައާރަފުކުރަން މިއަދު ބޭއްވި ހަފުލާގެ ތެރެއިން - ފޮޓޯ: ސީއެސްސީ


ސިވިލް ސާވިސްގެ "އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް" އާއެކު ބޮޑު ލުޔެއް!

7 ޑިސެންބަރު 2023 - 20:34 0

ސިވިލް ސާވިސްއަށް މުވައްޒަފުން ހޯދުމަށް އިއުލާނު ކުރުމާއި ވަޒީފާ ދިނުމުގެ މަރުހަލާތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމަށް ގާއިމުކުރި "އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް" ތައާރަފު ކޮށްފި އެވެ.

މި އޮންލައިން ސިސްޓަމް ގާއިމުކޮށްފައި ވަނީ ސިވިލް ސާވިސްގެ މިހާރުގެ ވިއުގަ (ސީއެސް ވިއުގަ)ގެ ތެރޭގަ އެވެ.

ސިވިލް ސަވިސްގެ ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަންކުރުމުގެ މަރުޙަލާތަކުގެ ތެރެއިން، މަގާމަކަށް އިއުލާނުކުރުމުން ފެށިގެން، މަގާމަށް އެންމެ ގާބިލް މީހަކު ހޮވައި އައްޔަންކުރުމުގެ މަސައްކަތް މިހާތަނަށް ކުރަމުން ދިޔައީ މެނުއަލްކޮށް، ކަރުދާސް ބޭނުންކޮށް ގެންނެވެ.

ނަމަވެސް އަލަށް ގެނައި "އީ-ރެކްރޫޓްމަންޓް މެނޭޖްމަންޓް މޮޑިއުލް"ގެ ތެރެއިން، ވަޒީފާއަށް ކުރިމަތިލާ މީހުންނަށް، އެ މީހުންގެ ވަޒީފާގެ މަރުހަލާތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު ވަގުތުން ވަގުތަށް ދުވަހުން ދުވަހަށް ލިބޭނެ އެވެ. މީގެ ސަބަބުން ވަޒީފާގެ މަރުހަލާ ހިނގަމުންދާ ގޮތާއި، މަރުހަލާ ގޮސްފައި އޮތް ހިސާބު ސާފު ނުވާތީ، ވަޒީފާއަށް ކުރިމަތިލާ މީހުންނަށް އިދާރާތަކަށާއި ކޮމިޝަނާއެކު ކުރަން ޖެހޭ މުއާމަލާތް މަދުވެ، އެ ކަމަށް ރައްޔިތން އުފުލަންޖެހޭ ދަތިތައް ހައްލު ވެގެންދާނެ އެވެ.

މި މޮޑިއުލްއާއެކު، އިދާރާތަކުން ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަންކުރުމުގެ މަރުހަލާތަކުގައި އާންމު ގޮތެއްގައި ހެދޭ ކުށްތައް ވެސް މަދުވެގެންދާނެ އެވެ. އެގޮތުން ވަޒީފާއަށް އެންމެ ގާބިލު މީހެއް ދެނެގަތުމަށްޓަކައި ތައްޔާރުކުރެވޭ އޭ2 ޝީޓްގެ ކަލްކިއުލޭޝަން ހެދުމުގައި އިދާރާތަކަށް ހެދޭ ކުށްތައް ވެސް މަދު ވެގެން ދާނެކަމަށް ސީއެސްސީ އިން ބުނެ އެވެ.

މި ބަދަލާއެކު ވަޒީފާއަށް އެންމެ ގާބިލް މީހަކު ހޮވުމުގެ ޔަގީންކަން އިތުރުވެ، އިއުލާނުތައް ބާތިލް ކުރަންޖެހޭ މިންވަރު މަދުވެގެންދާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެ އެވެ. ހަމައެއާއެކު، ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް ތައުލީމާއި ތަޖުރިބާގެ ލިޔުންތައް ސިސްޓަމަށް އެޅުމަށް ފަހު، އޭގެ ފަހުން އެހެން ވަޒީފާތަކަށް ކުރިމަތިލުމަށް އަލުން އެ ލިޔުންތައް ސިސްޓަމަށް އަޅަން ނުޖެހި، ކަމަށް ހޭދަކުރަންޖެހޭ ވަގުތު ސަލާމަތް ކުރެވޭނެ ކަމަށް އެ ކޮމިޝަނުްނ ބުންޏެވެ.

"މިއީ ފުރިހަމަ ޑިޖިޓަލް ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމު ކުރުމަށް ކޮމިޝަނުން ކުރަމުންގެންދާ ދުރު ރާސްތާ ޕްލޭނުގައި އެޅިގެންދާ ވަރަށް މުހިއްމު ފިޔަވަޅެކެވެ،" އެ ކޮމިޝަނުން ބުންޏެވެ.

މި މޮޑިއުލް އިތުރަށް ތަރައްގީކޮށް، ސިސްޓަމުގެ ތެރެއިން އިމްތިހާނު ކުރެވޭ ގޮތާއި، އިންޓަވިއު ޕެނެލް އެކުލަވާލުމުގެ ކަންތައްތައް އޮޓޮމެޓިކުން ހަމަޖެހޭނެ ގޮތާއި ސިސްޓަމް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސީއެސްސީ އިން ބުނެ އެވެ.