Advertisement

ރާއްޖޭގައި އުޅޭ ބިދޭސީން ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ފަށަނީ

7 ޑިސެންބަރު 2023 - 20:08 3

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް - ފޮޓޯ: އަދަދު


ރާއްޖޭގައި އުޅޭ ބިދޭސީން ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ފަށަނީ

7 ޑިސެންބަރު 2023 - 20:08 3

ރާއްޖޭގައި އުޅޭ ބިދޭސީން ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފެށުމަށް ނިންމައިފި އެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި ބިދޭސީންގެ އައިޑެންޓިޓީ އާއި ވިސާ ޗެކް ކުރާނެ ކަމަށެވެ. އަދި އިމިގްރޭޝަން ގާނޫނާ ހިލާފުވާ ބިދޭސީންނަށް ފިޔަވަޅު އެޅުމާއި ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް މަސައްކަތް ކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމާއި މަސައްކަތް ކުރުމަށް އުޅޭ ބިދޭސީންގެ ކަންކަން ގަވާއިދާ އެއްގޮތަށް ބައްޓަން ކުރުން ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އަދި މަސައްކަތުގައި ބިދޭސީން ގެންގުޅޭ މީހުންނާއި، ސަރުކާރު ވުޒާރާތަކާއި، ބޭރުގެ އެމްބަސީތަކާއި، ރައްޔިތުންނާ މިކަމާ ގުޅުން ހުރި ފަރާތްތައް ޝާމިލްކޮށްގެން ހަރުަނާ ފިޔަވަޅުތައް އެޅުމެވެ.

އެހެންކަމުން، މި އޮޕަރޭޝަން ކުރިއަށް ދާއިރު އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، ސައްހަ ހުއްދައެއް ނެތި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްޗަށް އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރަމުންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ގެ މައްސަލަ ބޮޑުވެފައިވާއިރު 2019 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެންވަނީ އެ ފަދަ ފަރާތްތައް ހޯދާ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. އަދި ކޮވިޑްގެ ދުވަސްވަރު ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 18،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.

ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީ މުވައްޒަފުން ގެނައުމަށް މިދިޔަ 11 އަހަރުތެރޭ 523،755 ކޯޓާ ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިދިޔަ ނޮވެމްބަރު މަހު ހާމަކޮށްފައިވެ އެވެ.