Advertisement

މައުމޫނާއި ނަޝީދަށް ވެސް ގޮންޖެހުމަކަށްވި ޔާމީން، ރައީސް މުއިއްޒަށް ގޮންޖެހުމަކަށްނުވެ ހިނގައިދާނެތަ؟

10 ޑިސެންބަރު 2023 - 11:54 3

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް މުއިއްޒު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ޔާމީންގެ ޕޯސްޓަރު ފަހަތުން ފެންނަނީ. ޔާމީނާ އެކު މަސައްކަތް ކުރައްވާނެކަން ރައީސް މިހާތަނަށް ދެއްވި ޖަވާބުތަކުން ސާފެއް ނޫން ---- ފޮޓޯ: އަދަދު


މައުމޫނާއި ނަޝީދަށް ވެސް ގޮންޖެހުމަކަށްވި ޔާމީން، ރައީސް މުއިއްޒަށް ގޮންޖެހުމަކަށްނުވެ ހިނގައިދާނެތަ؟

10 ޑިސެންބަރު 2023 - 11:54 3

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ ދިވެހި ސިޔާސީ މައިދާނުގައި އަދިވެސް ވަރުގަދަ ޝަހުސިއްޔަތެކެވެ. އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވެސް، ޔާމީންއަށް ތާއީދު ކުރި ވަރަށް ގިނަ ރައްޔިތުންގެ ސަޕޯޓާއެކު ކަމަށް ބުނެފި ނަމަ ދެކޮޅު ހަދާނީ ސިޔާސީ މަރުމޯލެކެވެ.

ނަމަވެސް, ސަރުކާރަށް މާ ގިނަ ދުވަސްތަކެއް ނުވެ، ވެރިކަން ކުރާ ކޯލިޝަންއާ ޔާމީން ދުރަށްވަޑައިގަތުމުން، ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން ތިބީ އެމަނިކުފާނާއެކު ކަމަށެވެ. އަދި ވިދާޅުވީ ޔާމީން ވަކިވި ނަމަވެސް، ޕާޓީގެ ތެރޭގައި "މާ ބޮޑެތި ކަންތައްތަކެއް" އުފެދިގެން ހިނގައިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ޗެލެންޖުތައް ކުރިމަތިވަންޏާ އެ ޗެލެންޖުތަކާއެކީގައި ވެސް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ގައުމީ ވިސްނުމުގައި ކުރިއަށް ދެވޭނެ، އަޅުގަނޑަކަށް ނުފެނޭ [ޔާމީނުގެ އާ ޕާޓީއާއެކު] އަޅުގަނޑުމެންގެ ތެރޭގަ މާ ބޮޑެތި ކަންތައްތަކެއް އުފެދިގެންދާނެ ކަމަކަށް," ޑިސެމްބަރު 3، ގައި ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.

ޔާމީން ހިންގެވި ސިޔާސީ ވަރުގަދަ ހަރަކާތްތަކެއްގެ ސަބަބުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރެނދުލައި އެ ވެރިކަން ވެއްޓުނެވެ. ކުރީގެ ރައީސް އަދި ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް އަށް ވެރިކަން ކުރާ ޕާޓީ ގެއްލުނީ ވެސް ހަމަ ޔާމީންއާ ހެދި އެވެ.

ސުވާލަކީ، ރާއްޖޭގެ އެންމެ މޮޅު އެއް ސިޔާސީ ލީޑަރު ނަޝީދާއި ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫނަށް ގޮންޖެހުމަކަށްވި ޔާމީން، ރައީސް މުއިއްޒަށް ޗެލެންޖަކަށްނުވެ ހިނގައިދާނެތޯ އެވެ؟

ނަޝީދުގެ ވެރިކަން އަދި ޔާމީންގެ ވިދައިލުން

ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދުގެ ވެރިކަން ފެށީ ވެސް އުނދަގުލާއެކު އެވެ. ސަބަބަކަށްވީ އެ އިންތިހާބަށްފަހު ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް ލިބުމެވެ.

އޭރު މައުމޫނުގެ ދިވެހި ރައްޔިތުންގެ ޕާޓީ އަދި ޔާމީންގެ ޕީޕަލްސް އެލަޔަންސް ކޯލިޝަނެއް ހަދައި މަޖިލީހަށް ނުކުމެ 43 ޕަސެންޓު ގޮނޑި ކާމިޔާބު ކުރި އެވެ. އެ އިންތިހާބުގައި ޑީއާރްޕީން 28 ގޮނޑި ކާމިޔާބު ކުރި އެވެ. ޕީއޭއަށް ހަތް ގޮނޑި ލިބުނެވެ.

ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އިދިކޮޅަށް ލިބުމާއެކު ސަރުކާރަށް އެކި ފިއްތުންތައް ކުރިމަތިކުރަން ފެށި އެވެ. އެ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި 2010 ވަނަ އަހަރުގެ ތެރޭގައި ފުލުހުން ޔާމީން ހައްޔަރު ކުރި އެވެ. ޔާމީންގެ މައްޗަށް ދައުލަތުން ކުރި ތުހުމަތަކީ ވެރިކަން ވައްޓައިލަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދޭން މަސައްކަތް ކުރެއްވިކަމުގެ ތުހުމަތެވެ.

ނަމަވެސް ޔާމީން ހައްޔަރު ކުރީ ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ އެމަނިކުފާނުގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި ކޯޓުން ތަކުރާރުކޮށް ކުރި އަމުރުތަކުގެ ސަބަބުން ޔާމީން ބަންދުން ދޫކޮށްލަން ސަރުކާރަށް މަޖުބޫރުވި އެވެ.

އޭރު ސިޔާސީ އިދިކޮޅު ފަރާތްތަކުން ގެންދިޔައީ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރަމުންނެވެ. ބަހަނާއަކަށް އޮތީ އެއިރު ވެފައި އޮތީ ތަކެތީގެ އަގުބޮޑުވުމާއި އަސާސީ ހިދުމަތްތަކުގެ އަގު ބޮޑުވުމެވެ.

ޔާމީން މިނިވަން ކުރިތާ ދުވަސްތަކެއް ފަހުން ޖުލައި 14، 2010 ގައި ސިފައިން ނުކުމެ ޔާމީން ދެ ވަނަ ފަހަރަށް ހައްޔަރުކޮށް އާ ރަށުގައި ބަންދު ކުރި އެވެ. ސަރުކާރުން ބުނީ ޔާމީން ހައްޔަރު ކުރީ އެމަނިކުފާނުގެ ރައްކަލަކަށްޓަކައި ކަމަށެވެ. އެފަހަރު ޔާމީން ދޫކޮށްލީ ހައްޔަރު ކުރިތާ 14 ދުވަސް ފަހުން ސުޕްރީމް ކޯޓުގެ އަމުރަކާއެކު އެވެ.

އެ ހުރިހާ ކަމަކަށްފަހު، ޔާމީންގެ ޕީއޭއިން ބުނީ، ސަރުކާރުން ޔާމީންއާމެދު އަމަލު ކުރަމުންދާ ގޮތުން އެމަަނިކުފާނުގެ މަގުބޫލުކަން އަންނަނީ އިތުރުވަމުން ކަމަަށެވެ. އެއީ ތެދެއްކަން އެނގެނީ، ސިފައިންނާއި ފުލުހުން ހިންގި މިއުޓިނީއެއްގެ ތެރެއިން ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވުމާ ހަމައަށް ކުރި ސިލްސިލާ މުޒާހަރާތަކާއި އިދިކޮޅު ހަރަކާތްތައް ޔާމީން ލީޑު ކުރެއްވުމުންނެވެ.

މައުމޫނާއި ކުރިމަތިލައްވައިގެން ޔާމީން ކުރި ހޯއްދެވުން

ނަޝީދުގެ ވެރިކަމުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޑީއާރްޕީ ބައިބައިވުމުން މައުމޫން އެ ޕާޓީން ނުކުންނަވައި ޕީޕީއެމް އުފެއްދުމަށް ނިންމެވި އެވެ. ޕީޕީއެމް އުފެއްދެވުމަށް ރައީސް މައުމޫން ނިންމެވުމާއެކު އަމިއްލަ ޕާޓީ ޕީއޭ ދޫކޮށްލައްވައި، ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ޔާމީން ނިންމެވި އެވެ.

ޔާމީން ޕީޕީއެމްއާ ގުޅިވަޑައިގަތީ ސެޕްޓެމްބަރު، 2011 ގަ އެވެ. ޕީޕީއެމް އުފައްދަން އެކުލަވައިލި 10 މެމްބަރުންގެ ކޮމިޓީގައި އެންމެ ވަރުގަދަ ޝަހުސިއްޔަތަކަށްވެވަޑައިގެންނެވީ އެމަނިކުފާނެވެ. އަދި އޭގެ ފަހުން 2013 ގައި އެ ޕާޓީން ބޭއްވި ރިޔާސީ ޕްރައިމަރީގައި އުމަރު ނަސީރުއާ ވާދަ ކުރައްވައި ކާމިޔާބު ކުރެއްވީ ވެސް ޔާމީން އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ޔާމީން ވެރިކަމަށް ވަޑައިގަތް ނަމަވެސް ޕާޓީގެ ލީޑަރަކަށް ހުންނެވީ މައުމޫން އެވެ. އެ ހިސާބުން ދާދި އަވަހަށް ދެ ބޭފުޅުންގެ ދެމެދުގައި މައްސަލަތައް ޖެހެން ފެށި އެވެ. މައުމޫންގެ މައްސަލައަކަށްވީ އެމަނިކުފާނާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ވެރިކަން އަދި ވެރިކަން ކުރާ ޕާޓީ ހިންގުމެވެ.

މައްސަލަތައް ބޮޑުވަމުން ގޮސް ފަޅައިގެންދިޔައީ ފަތުވެރިކަމުގެ ބޭނުމަށް ބިޑަކާ ނުލައި ރަށްތައް ދޫކުރެވޭ ގޮތަށް ޖޫން، 2016، ގައި ގާނޫނަށް އިސްލާހެއް ގެނެސް އެ ބިލު މަޖިލީހުން ފާސްކުރި ހިސާބުންނެވެ. މައުމޫން ހުންނެވީ އެ ބިލާ ދެކޮޅަށެވެ. ނަމަވެސް އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ފިޔަވައި އެހެން ހުރިހާ މެމްބަރުން މަޖިލީހުގައި އެ ބިލަށް ވޯޓު ދެެއްވި އެވެ.

އެހާ ހިސާބުން ޕީޕީއެމުން ނިންމީ ފާރިސްގެ އަހުލާގީ މައްސަލައެއް އުޅޭ ކަމަށް ނިންމައި އެ މައްސަލަ ބެލުމަށެވެ. އޭގެ ރައްދުގައި މައުމޫން ނިންމެވީ، އެމަނިކުފާނުގެ ބަހެއް ނެތި ޕާޓީގެ އެއްވެސް ކޮމިޓީއެއް ނުހިނގާ ގޮތް ހެދުމަށެވެ. އަދި ޕާޓީގެ ނައިބު ރައީސަކަށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ އަށް މަތިކޮށްފައިވާ ޒިންމާތަކުން އޭނަ ދުރު ކުރެެއްވި އެވެ.

އޭގެ ފަހުން އޮކްޓޯބަރު، 2016، ގައި ވެރިކަން ހިންގާ ޕާޓީގެ ރައީސަކަށް ހުންނަވައި، ސަރުކާރަށް ކުރާ ތާއީދު އަނބުރައި ގެންދަވާފައިވާކަން މައުމޫން އިއުލާނު ކުރެއްވި އެވެ.

"އަޅުގަނޑަށް މިހާރު ގަބޫލުކުރެވެނީ މި ހިނގާ ސަރުކާރަކީ ޕީޕީއެމްގެ ވިސްނުމާއި ޕީޕީއެމްގެ އާންމު އުސޫލުތަކާއި އެއްގޮތަށް ހިންގާ ސަރުކާރެއް ނޫނޭ. އަދި މި ސަރުކާރުގެ ކަންކަން އަޅުގަނޑު މި މަގާމުގައި ހުރީމަ ކޮންމެވެސް ވަރަކަށް އަޅުގަނޑުގެ ބޮލުގައި ވެސް މި ޒިންމާ އެޅޭ. އެހެންވީމަ އަޅުގަނޑު މި ގަސްތުކުރީ މިހާތަނަށް މި ސަރުކާރަށް ދެމުން އައި ތާއީދު މިހާރުން ފެށިގެން އަނބުރާ ގެންދިއުމަށް،" އެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ވިދާޅުވި އެވެ.

އެފަދަ ގޮތަކަށް ޕާޓީގެ ތެރޭގައި މައުމޫން އާއި ޔާމީންގެ އަރައިރުންތަކެއް ހިނގަމުން ގޮސް މާޗް 28، 2017، ގައި ޕީޕީއެމްގެ ސުލޫކީ ކޮމެޓީން މައްސަލައެއް ބެލުމަށްފަހު މައުމޫން ޕާޓިން ވަކި ކުރި އެވެ. ނަމަވެސް އެ ނިންމުން ގަބޫލު ނުކުރާ ކަމަށް މައުމޫންގެ ފެކްޝަނުން ބުންޏެވެ.

މިފަހަރު ރައީސް މުއިއްޒާއި ޔާމީންގެ ކުރިމަތިލުމެއް

ރައީސް މުއިއްޒުގެ ވެރިކަން ފެށިގެން މާ ގިނަ ދުވަސްތަކެއް ނުވެ، ޔާމީން ވެރިކަން ކުރާ ކޯލިޝަންއާ ދުރަށްޖެހިވަޑައިގަތެވެ. ޔާމީން ދެއްކެވި ސަބަބުތަކުގެ ތެރޭގައި ރައީސް މުއިއްޒު އެމަނިކުފާނުގެ ފޯނު ކޯލުތަކާއި މެސެޖުތަކަށް ޖަވާބު ނުދެއްވުން ހިމެނެ އެވެ. މައްސަލައަކީ ޔާމީން ބާކީ ކުރެއްވުމެވެ.

ނިމިދިޔަ ހަފުތާގެ ތެރޭގައި ރައީސް މުއިއްޒު ބޭއްވެވި މީޑިއާ ބްރީފިންއެއްގައި، ޔާމީން އާއި އެމަނިކުފާނާ ދެމެދު އޮތް މައްސަލަ ސާފު ކުރުމަށް ނޫސްވެރިން އެތައް ގޮތަކުން ސުވާލު ކުރި އެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް ރައީސް ޖަވާބެއް ނުދެއްވަ އެވެ.

"އަޅުގަނޑަކީ އެއްވެސް އިރަކު، މިއަދާ ހަމައަށް އައި އިރު ވެސް އެއިން އެއްވެސް ބޭފުޅެއްގެ ވާހަކަ ދައްކާ މީހެއް ނޫން،" ސުވާލަށް ޖަވާބު ނުދެއްވާ ރައީސް އެ ދުވަހު ވިދާޅުވި އެވެ.

ނަމަވެސް ރައީސް ވިދާޅުވީ ގައުމުގެ މަސްލަހަތު އިސްކުރާ ކޮންމެ ބޭފުޅަކާއެކު އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ކުރީ ދުވަހު ވެސް ދެންނެވިން، ގައުމުގެ މަސްލަހަތު އިސްކުރާ ހުރިހާ ބޭފުޅުންނާ އެކީގައި މަސައްކަތް ކުރަން ތައްޔާރަށް މި ހުރީ. އަޅުގަނޑު ގަބޫލެއް ނުކުރަން އެއްވެސް ސިޔާސީ ލީޑަރަކީ ގައުމު އިސްނުކުރާ ބޭފުޅަކަށް ވާނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް ރައީސްގެ ޖަވާބުން، ޔާމީންއާއެކު މަސައްކަތް ކުރައްވާނެކަން ސާފެއް ނޫނެވެ. ބައެއް މީހުން ރައީސްގެ ޖުމުލަ ތަރުޖަމާ ކުރީ، ޔާމީންއަކީ ގައުމުގެ މަސްލަހަތު އިސްނުކުރައްވާ ބޭފުޅެއްގެ ގޮތުގައި ރައީސް ނިންމެވީ ކަމަށެވެ.

"އަޅުގަނޑަކަށް ނެތް އެއްވެސް މައްސަލައެއް، އެއްވެސް ބޭފުޅަކާ އެކީ މަސައްކަތް ކުރުމުގެ. އަޅުގަނޑު ދެންނެވިން، އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުމެންނަކީ އެކަތިގަނޑަކަށްވެގެން، އެކުވެރިވެގެން، ރިވެތި އުސޫލުގައި ވާހަކަ ދެކެވިގެން ކުރިއަށް ދާ ބަޔަކަށް ވާށޭ،" އިތުރަށް ވާހަކަ ދައްކަވަމުން ރައީސް އެ ދުވަހު ވިދާޅުވި އެވެ.

ރައީސްގެ އެ ވާހަކަތަކަށް ޔާމީންގެ ފަރާތުން މިވަގުތު މާ ބޮޑު ރައްދެއް ނެތެވެ. ހަމައެކަނި ވިދާޅުވި ވާހަކައަކީ ރައީސް ޔާމީން އިސްވެ ހުންނަވައި އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފްއަކީ ސަރުކާރު ދިފާއު ކުރަން އޮންނާނެ ޕާޓީއެއް ކަމަށާއި ރައީސްއާ ޗެލެންޖު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"[ޕީއެންއެފްއިން މި] ސަރުކާރު ދިފާއު ކުރާނީ، އެ ސަރުކާރު ނުދެއްކޭ ވާހަކަތައް ދައްކަން ޒިންމާދާރު ޕާޓީއެއް މިއީ. މި ޕާޓީގައި ތިއްބަވާނީ ޕީޕީއެމް/ޕީއެންސީގެ އެމަނިކުފާނަށް [ޔާމީނަށް] ތާއީދު ކުރާ މީހުން،" މަލީހު ވިދާޅުވި އެވެ.

އެކަމަކު، ރައީސް ޔާމީން ޕާޓީން ވަކިވެވަޑައިގަންނަވަން ޖެހުނު ސަބަބާ ގުޅޭ ގޮތުން އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައި ވަނީ އެއީ ޔާމީނަށް ވީ ބޭވަފާތެރިކަމެއް ކަމަށެވެ.

"މިއީ ވަރަށް ބޮޑު ބަގާވާތެއް ޕާޓީ ތެރޭގައި ބަޔަކު ކުރި. އަޅުގަނޑުމެން ހީނުކުރާ ވަރުގެ ބޮޑު ބޭވަފާތެރިކަމެއް މިއީ. މި ދަންނަވަން އުޅޭ ވާހަކައަކީ ވެރިކަން ލިބުނު ހިސާބުން ރައީސް ޔާމީނަކީ ނެތް ބޭފުޅަކަށް ހަދާލީ،" ޖަމީލު ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕާޓީ ދެބައިވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވަނީ އެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަން އާއި ޕީއެންއެފް އާއި އެމްޑީޕީ އަދި ޑިމޮކްރެޓްސް މިފަހަރުގެ އިންތިހާބުގައި ވާދަ ކުރާނީ ވަކިންނެވެ. ރައީސް ޔާމީންއަކީ މުއިއްޒަށް ޗެލެންޖެއް ނޫންކަން ނުވަތަ ވެވަޑައިގަންނަވާނީ ކިހާ ވަރެއްގެ ޗެލެންޖެއްކަން އެނގޭނީ އިންތިހާބުގެ ނަތީޖާއިންނެވެ.