6 ޑިސެންބަރު 2023 - 09:06 0
ބުުރު ސްޕޯޓްސް ކްލަބާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އަބީދު
6 ޑިސެންބަރު 2023 - 09:06 0
އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ރޭ ބުރު ސްޕޯޓްސް ކްލަބް އަތުން 6-0 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވި މެޗުގައި ދަނޑުގެ ލައިޓް މައްސަލަ ޖެހިގެން، ބައިގަނޑިއިރަށް ވުރެ ގިނަ އިރަށް މެޗު މެދުކަނޑާލަން ޖެހިއްޖެ އެެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ފަސް މިނިޓް ތެރޭ، ދަނޑުގެ ލައިޓް ނިވުމާ އެކު، މެޗު ހުއްޓާލި އެވެ. ބައިގަނޑިއިރު ފަހުން ލައިޓްގެ ކަންކަން ހައްލުކޮށްގެން އަލުން މެޗު ކުރިއަށްގެންދިޔަ އެެވެ. ގަލޮޅު ދަނޑުގެ ލައިޓްގެ ފަނޑުކަމާ ހެދި ދާދި ފަހުން، ރާއްޖޭގައި ކުޅުނު ބައިނަލްއަގުވާމީ މެޗުތައް ކުޅެފައިވަނީ ހަވީރު އެވެ. އެއީ. ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗާއި އޭއެފްސީ ކަޕްގައި މާޒިޔާ އިން އޮޑީޝާ އާއި ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ.
މާޒިޔާ އިން ވަނީ ރޭގެ މެޗުން މޮޅުވެ، ލީގުގެ އެއް ވަނައިގައި އޮތް ކްލަބް އީގަލްސްއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އީގަލްސް އަށް 13 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ އިން ވަނީ 12 މެޗުން 34 ޕޮއިންޓް ހޯދައިފަ އެވެ. އީގަލްސް އަށް އޮތީ މި މަހު 19 ވަނަ ދުވަހު މާޒިޔާއާ ކުޅޭ މެޗެވެ. އީގަލްސްއާ ކުޅޭ މެޗުގެ އިތުރުން މާޒިޔާ އަށް ދެން އޮތީ ޓީސީ ސްޕޯޓްސް ކްލަބާ ކުޅެން ޖެހޭ މެޗެވެ.
ބުުރު ސްޕޯޓްސް ކްލަބާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އަބީދު
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު މާޒިޔާ އިން ނިންމާލީ ތިން ގޯލުގެ ލީޑަކާ އެކު އެވެ. މާޒިޔާ އިން ލީޑުނެގީ ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ޕެނަލްޓީންނެވެ. މާޒިޔާގެ ދެ ވަނަ ލަނޑު ޖެހީ މެޗުގައި ހެޓްރިކެެއްހެދި ސާބިއާގެ ފޯވާޑް ވޮޖިސްލާވް ބަލަބަނޮވިޗް އެވެ. މިއީ ރީބައުންސަކުން ބަލަބަނޮވިޗް ޖެހި ލަނޑެކެވެ. އޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޒިޔާގެ ތިން ވަނަ ގޯލު ޖެހީ ޖަޕާންގެ މިޑްފީލްޑަރު ޓޮމޯކީ ވާޑާ އެެވެ.
ދެ ވަަނަ ހާފުގައި މާޒިޔާގެ ލަނޑުތައް ފެނުނީ ލައިޓް މައްސަލައާ ހެދި މެޗު މެދުކަނޑާލުމަށް ފަހު އަލުން ފެށި ފަހުންެނެވެ. ބަލަބަނޮވިޗް ދެ ގޯލު ޖަހައި، ހެޓްރިކް ފުރިހަމަ ކުރިއިރު، އަނެއް ލަނޑު ޖެހީ ނާއިޒު ހަސަން (ދާދު) އެވެ.
މާޒިޔާ އަށް ދެން އޮތީ މި މަހު 11 ވަނަ ދުވަހު އޭއެފްސީ ކަޕްގައި އިންޑިއާގެ މޯހަން ބަގާން ސުޕަ ޖަޔަންޓްސްއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗެވެ.
Comment