Advertisement

"އޭ މިހިރަ އަލަމާރިއާ" އިސްތިހާރު ޝެއާ ކުރި މުވައްޒަފެއްގެ މައްސަލަ ޕީއެސްއެމްއިން ބަލަނީ

5 ޑިސެންބަރު 2023 - 15:11 2

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޕީއެސްއެމް ހެޑް އޮފީސް -- ފޮޓޯ: އިޔާން/އަދަދު


"އޭ މިހިރަ އަލަމާރިއާ" އިސްތިހާރު ޝެއާ ކުރި މުވައްޒަފެއްގެ މައްސަލަ ޕީއެސްއެމްއިން ބަލަނީ

5 ޑިސެންބަރު 2023 - 15:11 2

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިފުތިތާހީ ތަގުރީރުގައި ދިވެހި ދިދައާ މުހާތަބުކޮށް ދެއްކެވި ވާހަކަތަކާ ގުޅުވައި ހަދާފައި އިން އިސްތިހާރެއް ސޯޝަލް މީޑިއާގައި ޝެއާ ކުރި މުވައްޒަފެއްގެ މައްސަލަ ޕަބްލިކް ސާވިސް މީޑިއާއިން ބަލަން ފަށައިފި އެވެ.

މި ނޫހަށް އެނގިފައިވާ ޕީއެސްއެމްއިން ބަލަނީ ޕީއެސްއެމްގައި މަސައްކަތް ކުރާ ޕްރޮޑިއުސަރެއްގެ މައްސަލަ އެވެ. އޭނާ ޝެއާ ކުރީ، ނޮވެމްބަރު 17، ގައި ރައީސް ދެއްވި ތަގުރީރުގައި "އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ" އޭ ވިދާޅުވެފައިވާތީ، "އޭ މިހިރަ އަލަމާރިއާއެވެ" ބުނެ ހަދާފައިވާ އިސްތިހާރެކެވެ.

އެ މައްސަލައިގައި އޭނާ ހާޒިރުކޮށް ބަޔާނެއް ނަގާފައިވާކަން މި ނޫހަށް އެނގިފައިވެ އެވެ. ނަމަވެސް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރުއާ ސުވާލު ކުރުމުން ވިދާޅުވީ އެފަދަ މައްސަލައެއް ބަލަމުންދާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މައްސަލަ ޖެހިގެން އުޅޭ އިސްތިހާރު: އެ އިސްތިހާރު ޝެއާކުރި މުވައްޒަފުގެ އަތުން ބަޔާނެއް ވަނީ ނަގާފައި --


ރައީސްގެ އިފުތިތާހީ ތަގުރީރަށް ގިނަ ބަޔަކު ތައުރީފު ކުރި ނަމަވެސް ދިދައާ މުހާތަބުކޮށް ދެއްކެވި ވާހަކަތަކަށް ވަރަށް ގިނަ މީމްތައް ވެސް އުފަންވި އެވެ. އެގޮތަށް އެމަނިކުފާނު ވާހަކަ ދެއްކެވީ ގައުމިއްޔަތުގެ ރޫހު އާލާކުރައްވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކުގެ ތެރެއިންނެވެ.

"އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ. ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން. ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހުސާސް ކުރަން. ތިޔަ ދައްކައިދެނީ ގައުމު ދިފާއު ކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން. ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން. އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ. މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ،" ރައީސް ވިދާޅުވެފައިވެ އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމަށް ޒީނާ އައްޔަންކުރީ ނޮވެމްބަރު 28، ގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ކުންފުންޏަށް ބައެއް ބަދަލުތައް ގެންނަވައިފަ އެވެ. އެގޮތުން ނިއުސްރޫމް ހިންގުން ވަގުތީ ގޮތުން އެ އެ ކުންފުނީގެ ސީނިއާ ނޫސްވެރިޔާ ހުސެއިން އަމީންއާ ހަވާލުކޮށް ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު އަފްޒަލް "މެނޭޖިން ޑިރެކްޓަރު އަންގަވާ މަސައްކަތްތައް" އެކަނި ކުރަން ޖެހޭ ގޮތަށް ހަމަޖެއްސެވި އެވެ.