Advertisement

ރާއްޖެއިން އެމެރިކާއެކު ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރަން މަޝްވަރާކޮށްފި

5 ޑިސެންބަރު 2023 - 13:51 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމެރިކާގެ ސަފީރާއެކު ޑިފެންސް މިނިސްޓަރު ގައްސާނު ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޑިފެންސް މިނިސްޓަރު


ރާއްޖެއިން އެމެރިކާއެކު ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރަން މަޝްވަރާކޮށްފި

5 ޑިސެންބަރު 2023 - 13:51 1

އެމެރިކާއާ ރާއްޖެއާ ދެމެދު އޮތް ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރަން އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރާއެކު މަޝްވަރާކޮށްފި އެވެ.

އެމެރިކާގެ ސަފީރު ހުގޯ ޔޮން ވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުލްރަހީމްއާ ބައްދަލުކުރައްވައިގަ އެވެ. އެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ އާދިއްތަ ދުވަހު އެވެ.

ޑިފެންސް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައި ބުނެފައިވަނީ ސަފީރާއެކު މިނިސްޓަރު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި މިހާރުވެސް އޮތް ވަރުގަދަ ދިފާއީ ގުޅުން އިތުރަށް ވަރުގަދަކުރަން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

"މިހާރުވެސް ރާއްޖޭ އާއި އެމެރިކާ ގުޅިގެން ކުރިއަށް ގެންދާ ޑިފެންސް ކޯޕަރޭޝަންގެ ހަރާކަތްތަކާއި އެ ފަދަ އިތުރު ހަރަކާތްތައް ކުރިއަށް އޮތް ތަނުގައި ހިންގުމަށް ސަފީރާއެކު މަޝްވަރާކުރެވުނު،" އެމެރިކާގެ ސަފީރާއެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އަބްދުލްރަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ. ނަމަވެސް ދެ ބައްދަލުވުމުގެ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އެމެރިކާއާއެކު ދިފާއީ ގުޅުން ވަރުގަދަ ކުރަން ސަރުކާރުން މަޝްވަރާތަކެއް މި ބޭއްވީ އެ ގައުމުގެ ވާގިވެރިކަމާ އަސްކަރީ އަދި މާލީ އެހީއާއެކު އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ވަރުގަދަކޮށްފައިވާ ވަގުތެއްގަ އެވެ.

އެހެންވެ، ގިނަ ބަޔަކު އަންނަނީ އެމެރިކާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ފާޑުކިޔަމުންނެވެ.

އޮކްޓޯބަރު 7 އިން ފެށިގެން މިއަދާ ހަމައަށް އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 15،899 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި 6000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަނިޔާވި މީހުންގެ އަދަދު 50،000 އާ ގާތް ކޮށްފައިވާއިރު ގާޒާގައި ދިރިއުޅޭ ދެ މިލިއަނެއްހާ މީހުން މިހާރު ވަނީ ހާލުގައި ޖެހިފަ އެވެ.