Advertisement

ހުލާސާކޮށް އިއްޔެ: ފަރުހާދަށް ބޮޑު ތުހުމަތެއް!

5 ޑިސެންބަރު 2023 - 06:28 2

އެކްޓިން ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ


ހުލާސާކޮށް އިއްޔެ: ފަރުހާދަށް ބޮޑު ތުހުމަތެއް!

5 ޑިސެންބަރު 2023 - 06:28 2

އެކްޓިން ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީގެ ދަރިއަކު ބައިވެރިވާ ކަމަށް ބެލެވޭ ރޭޕް ކޭހެއްގެ މައްސަލައިގެ ހެކި ނައްތާލި ކަމަށް ތުހުމަތު ކުރެވޭތީ، އެ މައްސަލައިގައި ފަރުހާދަށް ފިޔަވަޅު އަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިލްތިމާސްކޮށްފައިވާކަމަކަށް އިއްޔެ ރިޕޯޓުކުރި އެވެ.

މެއި 7، 2018 ގައި ޕީޖީ އޮފީހުން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީއެއްގެ ކޮޕީ "އަދަދު" އަށް ލިބިފައި ވާއިރު އޭގައި ބުނެފައި ވަނީ، ގެސްޓްހައުސްއެއްގެ ތެރޭގައި 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕުކޮށް އޭނާގެ ފޮޓޯ ނެގި މައްސަލައަކަށް، "ފަރުހާދު ފިކުރީ ނުފޫޒު ފޯރުވާފައިވާކަން ވަނީ ފާހަގަކުރެވިފައި" ކަމަށެވެ.

ޕީޖީ އޮފީހުގެ ސިޓީގައި ބުނެފައިވާ ގޮތުން ފަރުހާދުގެ މައްޗަށް ތުހުމަތު ކުރެވެނީ، ފޯނެއްގައި ހުރި ފޮޓޯތަކެއް ޑިލީޓްކޮށްލުމުގެ ތުހުމަތެވެ. އެއީ، އަނިޔާ ލިބުނު އަންހެން ކުއްޖާއަށް ބެހެމުން ދިޔައިރު ފަރުހާދުގެ ދަރިފުޅު އޭނާގެ ފޯނުން ނެގި ބަރަހަނާ ފޮޓޯތަކެއް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

އެ އަންހެން ކުއްޖާއަށް ގަދަކަމުން ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކަށް ދައުވާ ކުރަން ފޮނުވިއިރު، ހާދިސާ ހިނގި ކޮޓަރީގައި ފަރުހާދުގެ ދަރި ވެސް ހުރި ކަމަށާއި އޭނާގެ ފޯނުން އަންހެން ކުއްޖާގެ ބަރަހަނާ ފޮޓޯ ނަގާފައިވާ ކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

ނަމަވެސް ކުށެއްގެ ތުހުމަތުކޮށް ފަރުހާދުގެ ދަރިފުޅާ އެއްވެސް ސުވާލެއް ނުކުރާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އަދި ބަރަހަނާ ފޮޓޯތައް ނެގި ފޯނު އޭނާގެ ދަރިފުޅު އަތުން ފަރުހާދު ނެގުމަށްފަހު، ފުލުހަކު ލައްވައި އެ ފޯނުގައި ހުރި ތަކެތި ޑިލީޓްކޮށްފައިވާކަން، މައްސަލައިގެ ލިޔުންތަކުން އެނގޭ ކަމަށް ޕީޖީ އޮފީހުގެ ސިޓީގައި ބުނެފައިވެ އެވެ.

އެ ފޯނު ސިޓީ އުރައަކަށްލުމަށް ފަހު ފުލުހުންގެ އިދާރާގައި ހުންނަ ފަރުހާދުގެ މޭޒުގެ ވަތްގަނޑުގައި ބާއްވާފައި އޮތް ކަމަށާއި ތަހުގީގު ކުރާ އޮފިސަރު އެ ފޯނުން ބޭނުންވެގެން އެދުމުން ފޯނު ދީފައިވާނެ ކަމަށް އެ މައްސަލައިގައި ފަރުހާދު ދިން ބަޔާނުގައި ބުނެފައިވާ ކަމަށް ޕީޖީ އޮފީހުގެ ސިޓީގައި ބުނެފައިވެ އެވެ.

އޭގެ ފަހުން ފުލުހުން ހެދި އެ ފޯނުގެ ފޮރެންސިކް ރިޕޯޓުގައި އެ ފޯނުގައި އެއްވެސް ޑޭޓާއެއް ނެތް ކަމަށް ލިޔެފައިވާ ކަމަށް ޕީޖީ އޮފީހުގެ ސިޓީގައި ބުނެފައިވެ އެވެ.

ޕީޖީ އޮފީހުގެ ސިޓީގައި ބުނެފައި ވަނީ އެ މައްސަލައަކީ ޖިނާއީ ދައުވާއެއް ކުރެވިދާނެ މައްސަލައެއް ނަމަވެސް އެ ދައުވާ ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވެފައިވާތީ ދައުވާއެއް އުފެލެން ނެތް ކަމަށެވެ. އެ މައްސަލަ ފުލުހުން ފޮނުވީ ދައުވާ ކުރެވޭ ގާނޫނީ މުއްދަތު ހަމަވުމުގެ ފަސް ދުވަސް ކުރިންނެވެ.

"...2014 ގައި ތިޔަ ސާވިސްއަށް އެ މައްސަލަ ހުށަހެޅި ތަހުގީގު ކުރައްވަން ފަށްޓަވާފައިވީ ނަމަވެސް މި މައްސަލަ މި އޮފީހަށް ހުށަހަޅުއްވާފައި ވަނީ ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އަށް އަމަލު ކުރަން ފެށުމާ ގުޅިގެން އެ ގާނޫނުގެ 94 ވަނަ މާއްދާގެ ށ. ގެ ދަށުން ދައުވާ ކުރުމުގެ މުއްދަތު 2017 އޯގަސްޓު 15 ވަނަ ދުވަހަށް ހަމަވާތީ، 2017 އޯގަސްޓު 10 ވަނަ ދުވަހު ޑިއުޓީ ޕްރޮސިކިއުޝަނުންނެވެ،" ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް އެ މައްސަލައިގައި އިދާރީ ފިޔަވަޅެއް އަޅަންޖެހޭ ކަމަށް ޕީޖީ އޮފީހަށް ފެންނަ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

"ޖިނާއީ ދައުވާއެއް ނުކުރެވުނު ނަމަވެސް، މި ފަރާތްތަކަކީ މިހާރު ވެސް ފުލުހުންގެ ވަޒީފާގައި އުޅޭ ފަރާތްތަކެއް ކަމަށްވުމުން، މިފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅެއް އަޅަންޖެހޭ ކަމަށް ފެންނާތީ މިކަންކަން ތިޔަ ސާވިސްއާ ހިއްސާ ކުރުމުގެ ގޮތުން މި ވާހަކަ ދެންނެވިން،" ޑެޕިއުޓީ ޕީޖީއަކު ސޮއިކޮށް ފޮނުވާފައި އޮތް އެ ސިޓީގައި ބުނެފައިވެ އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނަށް 2021 ގައި އަމަލު ކުރަން ފެށިއިރު، ކޮރަޕްޝަނާއި ލާއިންސާނީ އަމަލުތައް ކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހުން ވަކި ކުރަންޖެހޭ ކަމަށް ބުނެފައި އޮތުމުން ފަރުހާދު ހިމެނޭ ގޮތަށް ހަތް އޮފިސަރަކު ކަނޑާލުމަށް ފުލުހުން ނިންމި އެވެ. ފަރުހާދު ކަނޑާލަން ނިންމީ ހެކި ނައްތާލި މައްސަލައިގަ އެވެ. ނަމަވެސް ފުލުހުންގެ އާ ބޯޑުން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

މުހިއްމު ބައެއް ހަބަރު