Advertisement

ކަނޑުގެ ސަރަހައްދު ހޯދަން އަވަހަށް މަސައްކަތް ފަށަން ރައީސްގެ އަރިހުގައި ގާސިމް އެދިވަޑައިގެންފި

4 ޑިސެންބަރު 2023 - 22:40 0

ރިޔާސީ އިންތިހާބުގެ ބަހުސްގައި ގާސިމް (ވ) އާއި ރައީސް މުއިއްޒު. --ފޮޓޯ: އަދަދު


ކަނޑުގެ ސަރަހައްދު ހޯދަން އަވަހަށް މަސައްކަތް ފަށަން ރައީސްގެ އަރިހުގައި ގާސިމް އެދިވަޑައިގެންފި

4 ޑިސެންބަރު 2023 - 22:40 0

ޗާގޯސް ޖަޒީރާގެ ރަށްތައް މޮރިޝަސްއާ ހަވާލުނުކުރަން އިނގިރޭސި ވިލާތުން ނިންމާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ މި ދަނޑިވަޅުގައި، ރާއްޖެ އަށް އެ ޖަޒީރާއާ ދިމާލުން ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ހޯދަން އަވަހަށް މަސައްކަތް ފެށުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންފި އެވެ.

އިނގިރޭސިން 1800 ގެ އަހަރުތަކުގައި ވެރިވެގަތް ޗާގޯސް ޖަޒީރާގެ ވަޒަންވެރިން ވަނީ މޮރިޝަސް އަށް ބަދަލުކޮށްފަ އެވެ. އެއަށް ފަހު އެ ޖަޒީރާގައި އޮންނަ ރަށެއް ކަމަށްވާ ޑިއެގޯ ގާސިއާ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް 2036 ގެ ނިޔަލަށް އެމެރިކާ އަށް ވަނީ ކުއްޔަށް ދީފަ އެވެ.

އެ ޖަޒީރާގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ބުނެ އެ ގައުމުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އަށް އެތައް އަހަރެއް ކުރިން ވެއްދި މައްސަލައެއްގެ ހުކުމުން ޗާގޮސްގެ ސިޔާދަތީ ބާރު ވަނީ މޮރިޝަސްއަށް ދީފަ އެވެ.

އެއާ އެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފަ އެވެ. އަދި ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ވަނީ ދާދި ފަހުން ބައިކޮށްފަ އެވެ.

ނަމަވެސް އެއީ ރާއްޖެ އަށް އެއްކޮށް ލިބެން ޖެހޭ ބައެއް ކަމަށާއި، އެބައި ގެއްލުނީ މިދިޔަ ސަރުކާރުން ކޯޓުގައި ވަކާލާތުކުރި ގޮތުން ކަމަށް ބުނެ ފާޑުކިއުން އަމާޒުވި އެވެ. އޭރު ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީން ވެސް ސަރުކާރާށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.،

އިޓްލޮސްގެ އެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ވެފައިވާ ވައުދެކެވެ.

ގާސިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޮރިޝަސް އަށް ޗާގޯސް ދޫކޮށްނުލަން އިނގިރޭސި ވިލާތުން ނިންމި ކަމަށް ރިޕޯޓްކޮށްފައިވާ މި ދަނޑިވަޅުގައި، ދިވެހިންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުން މުއިއްޒުގެ އަރިހުގައި ނުހަނު އިހުތިރާމާ އެކު އެދޭ ކަމަށެވެ.

"ހާއްސަކޮށް ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ކެންޕޭނުގައި، ވެރިކަމަށް ވަޑައިގެންފިނަމަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ވައްދާނެކަމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ،"

ގާސިމް ވިދާޅުވީ މިމައްސަލަ އަކީ އޭނާ ވެސް ފާއިތުވި ރިޔާސީ އިންތިހާބުގައި ހައްލު ހޯދުމުގެ އަޒުމުގައި ނުހަނު ބޮޑަށް ވަކާލާތު ކުރި ގައުމީ މައްސަލައެއް ކަމަށެވެ. އަދި އިނގިރޭސި ދައުލަތުން ފަހުން ނިންމާފައިމިވާ ނިންމުމުގެ ސަބަބުން ދިވެހިން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުންއައި ކަނޑުގެ ސަރަހައްދު އަލުން ދިވެހިންނަށް ފުރިހަމައަށް ލިބުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން އިނގިރޭސި ދައުލަތާ އެކު އަވަސް މަޝްވަރާތަކެއް ފައްޓަވާ ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވާ މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނޭކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ. އަދި މި މަސައްކަތުގައި މަނިކުފާނަށް ދެއްވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް އަޅުގަނޑާއި އަޅުގަނޑުގެ ޕާޓީން ތައްޔާރަށް އޮތްވާހަކަ ވެސް ދަންނަވަމެވެ،" ގާސިމްގެ ޓްވީޓުގައިވެ އެވެ.

އިނގިރޭސި ނޫހެއް ކަމަށްވާ ޓެލެގްރާފުގައި ބުނެފައިވާ ގޮތުން އިނގިރޭސީން މަޝްވަރާގެ މޭޒު ދޫކޮށް، މޮރިޝަސްއަށް ޗާގޯސް ނުދޭން ނިންމީ މޮރިޝަސްއަށް އެ ޖަޒީރާ ދީފިނަމަ އިންޑިއާ ކަނޑުގައި ޗައިނާގެ ބާރު ގަދަވާނެ ކަމުގެ ބިރަށެވެ. މޮރިޝަސް އަކީ ޗައިނާއަށް ވާގިވެރިވާ، އެ ގައުމާއެކު ގާތް ގުޅުމެއް ގެންގުޅޭ ގައުމެކެވެ.

އެ ރަށްތަށް އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސި ވިލާތުގެ ކިބައިން އދ. އިން ތަކުރާރުކޮށް އެދިފައިވެ އެވެ. އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން 2019 ގައި ކުރި ހުކުމާ އެއްގޮތަށް ޗާގޯސް މޮރިޝަސްއަށް ދިނުމަށް ގޮވާލާ އދ. އަށް ގަރާރެއް ވެސް ހުށަހެޅުނެވެ. ގިނަ ގައުމުތަކުން ގަރާރާ އެއްބަސްވި ނަމަވެސް އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާއިން ވޯޓު ދިނީ އިނގިރޭސީންގެ ބާރުގެ ދަށުގައި ޗާގޯސް ބޭއްވުމަށެވެ.