Advertisement

އަމީނީ މަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ފަށަނީ

4 ޑިސެންބަރު 2023 - 17:31 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އަމީނީ މަގުގެ ނިމިފައިވާ ސެގްމެންޓުތަކުން ސަރަހައްދެއް : އަމީނީ މަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ފަށަނީ - ފޮޓޯ:


އަމީނީ މަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ފަށަނީ

4 ޑިސެންބަރު 2023 - 17:31 0

މިދިޔަ ސަރުކާރުން ފެށި އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ފަށަން މި ސަރުކާރުން ނިންމައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ނިންމުން ނިންމީ، އެ މަޝްރޫއު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) އާއި ކަމާބެހޭ ފަރާތްތަކާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

"މި ބައްދަލުވުމުގައި ނިންމާފައިވަނީ އަމީނީ މަގުގެ އެންމެ ފަހު ސެގްމެންޓު 12 އަދި 13 ގެ މަސައްކަތް ފެށުމަށް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި މި ނިންމުމާ އެއްގޮތަށް އެ ދެ ސެގްމެންޓުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ވާންޖެހޭ ތައްޔާރީތައް އާރުޑީސީއިން ވަމުންދާ ކަމަށާއި މި މަސައްކަތާ ގުޅިގެން އެ މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވާނެ ދަތިތައް ހައްލުކުރުމާ ގުޅޭ މަޝްވަރާތައް ވެސް ކުރެވިފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ.

ނިމިދިޔަ ސަރުކާރުން 2022 ގައި ފެށި އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ނިންމާލެވުނީ ފުރަތަމަ 11 ސެގްމެންޓެވެ. ފަހު ދެ ސެގްމެންޓުގެ މަސައްކަތް ދައުރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް ކުރީގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް އަކްރަމް ކަމާލުއްދީން ވިދާޅުވި ނަމަވެސް އެ މަސައްކަތް ފެށިފައެއްވެސް ނުވެ އެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ތާރު އަޅައިގެން އެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ މިދިޔަ އަހަރު އޯގަސްޓު، 30، ގަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މެއި 28، 2023 އަށް އެ މުއްދަތު ވަނީ ހަމަވެފަ އެވެ.

މި މަޝްރޫއުގެ ދުވެލި ލަސްވުން ވެގެންދިޔައީ ނިމިދިޔަ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި އެއް ސަބަބަށެވެ.