Advertisement

ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މުގައްރިރަކަށް ޣަފޫރު

4 ޑިސެންބަރު 2023 - 13:44 0

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ކޮމިޓީ ބައްދަލުވުމެއްގައި ލިއުމެއް ވިދާޅުވަނީ. މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރަކަށް އޭނާ މިއަދު ވަނީ އިންތިހާބުކޮށްފައި. ފޮޓޯ:ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މުގައްރިރަކަށް ޣަފޫރު

4 ޑިސެންބަރު 2023 - 13:44 0

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)ގެ މުގައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ޣަފޫރު މޫސާ އިންތިހާބުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރަކަށް ކުރިން ހުންނެވީ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމެވެ. މަޖިލީހުގެ ރައީސަށް ކޮމިޓީއެއްގެ މެންބަރަކަށް ވެވަޑައިނުގެންނެވޭނެތީ، ރައީސް ކަމަށް އިންތިހާބު ވުމާއެކު އަސްލަމް ވަނީ އެ ކޮމިޓީގެ މެންބަރު ކަމުން ވަކިވެފަ އެވެ.

އެހެންވެ 241 ކޮމިޓީއަށް މުގައްރިރަކު ހޮވަން މިއަދު ބޭއްވި ބައްދަލުވުމުގައި ޣަފޫރުގެ ނަން ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ އެމްޑީޕީ މެންބަރު އިސްމާއީލް އަހުމަދެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމެވެ.

ކޮމިޓީގެ މުގައްރިރަކަށް ޣަފޫރު އިންތިހާބު ކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ 241 ކޮމިޓީއަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާއިން ބާރުދީފައިވާ ކޮމިޓީ އެވެ.

އެކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމެވެ،

ސިފައިންނާއި ފުލުހުން، ޑިފެންސް މިނިސްޓްރީ އަދި ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅުން ހުރި މައްސަލައެެއް މަޖިލީހުން ބަލާނަމަ އެ މައްސަލައެއް ބަލާނީ 241 ކޮމިޓީންނެވެ. އެ އިދާރާތަކާ ގުޅޭ ގޮތުން ހުށަހަޅާ ބިލުތައް ދިރާސާކުރާނީ ވެސް އެ ކޮމިޓީންނެވެ. އެ އިދާރާތަކުގެ މައްސަލަތައް ބަލައި ކަންތައްތައް އިސްލާހު ކުރަން އެންގުމާއި އެ އިދާރާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް އެކޮމިޓީއަށް އޮވެ އެވެ.