Advertisement

އެމެރިކާގެ ޓެރަރިޒަމް ލިސްޓުގައި ދިވެހިން ތިބުމުން ލިބޭނެ ގެއްލުން ދިރާސާކުރަން ކޮމިޓީއަށް

4 ޑިސެންބަރު 2023 - 11:25 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ޓެރަރިޒަމްގެ ހަމަލާއަކާ ގުޅިގެން ސިފައިން ހަރަކާތްތެރި ވަނީ، މިއީ ބޭރުގެ ސަރުކާރަކުން ދިވެހިންގެ ތެރެއިން ބަޔަކާ މެދު މިފަދަ ނިންމުމެއް ރަސްމީކޮށް ނިންމި ފުރަތަމަ ފަހަރު - ފޮޓޯ: އަދަދު


އެމެރިކާގެ ޓެރަރިޒަމް ލިސްޓުގައި ދިވެހިން ތިބުމުން ލިބޭނެ ގެއްލުން ދިރާސާކުރަން ކޮމިޓީއަށް

4 ޑިސެންބަރު 2023 - 11:25 0

އެމެރިކާއިން އެކުލަވާލީ ޓެރަރިޒްމް ލިސްޓުގައި 20 ދިވެއްސެއްގެ ނަން އޮތުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު އިތުރަށް ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފި އެވެ.

މި ގަރާރު ފާސްކުރުމަށް 22 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

އެމްއެންޕީ އަދި ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހުށަހެޅުއްވި މި ގަރާރުގައި އެމެރިކާ ސަރުކާރުން ޖުލައި 31، 2023 ގައި ކުރި އިއުލާނުގައި ބައިނަލްއަގުވާމީ ޓެރަރިޒަމްގައި އަމަލީ ގޮތުން 20 ދިވެއްސަކު ބައިވެރިވާކަން ހާމަކޮށްފައި ވާތީ އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު މަޖިލީހުން ދެނެގަތުމަށް ގޮވާލާފައިވެ އެވެ.

ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޔޫއެސް ޑިޕާޓްމަންޓު އޮފް ދަ ޓްރެޝަރީން ޓެރަރިޒަމްގައި ބައިވެރިވާ ކަމަށް 20 ދިވެއްސެއްގެ ނަމާއި އެ މީހުންނާ ގުޅުން 29 ވިޔަފާރިއެއްގެ ނަން ހާމަކޮށްފައިވެ އެވެ. އަދި, އެ މީހުންނަށް ނިސްބަތްވާ މުދަލާއި ތަކެތި ބްލޮކްކޮށް، އެ މީހުންނާ އެކު މުއާމަލާތް ކުރާ މީހަކާ މެދުވެސް އެމެރިކާ ސަރުކާރުން ފިޔަވަޅު އަޅާނެކަން ހާމަކޮށްފައިވެ އެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ ނަމަށާއި ދިވެހީންނަށް އަދި އިގްތިސާދަށް، ހާއްސަކޮށް ފަތުރުވެރިކަމަށް ނެދެވޭ އަސަރު ކުރާނެ ކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ޓެރަރިޒަމްގެ ބިރުވެރިކަން އޮތް މިންވަރު ދިރާސާކޮށް ބެލުމަށް ފަހު، އޭގެ އަސަރު ކުޑަވާނެ ގޮތަކަށް އަވަސް ފިޔަވަޅު އެޅުމަށް، ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް މަޖިލީހުން ކުރުމަށް ގަރާރުގައިވެ އެވެ.

އޭގެ އިތުރުން، އެމެރިކާގެ ބަޔާން ނެރުމުގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޕާލިމަންޓްރީ އިންކުއަރީ އިންވެސް ޓެރަރިޒަމްގެ ބިރުވެރިކަން އޮތް މިންވަރު ވަޒަން ކޮށްފައިވާކަން ނާޒިމް ހުށަހެޅުއްވި ގަރާރުގައިވެ އެވެ.

އެ އިންކުއަރީން ފާހަގަވި ކަންކަމަށް ރިކޮމެންޑޭޝަންތަކެއް ދީފައިވާއިރު، އެ ރިކޮމެންޑޭޝަންތަކަށް އަމަލު ކޮށްފައިވާ މިންވަރާ ބެހޭ މައުލޫމާތު ސަރުކާރުން ހާމަކޮށްފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

މިއީ ބޭރުގެ ސަރުކާރަކުން ދިވެހިންގެ ތެރެއިން ބަޔަކާ މެދު މިފަދަ ނިންމުމެއް ރަސްމީކޮށް ނިންމި ފުރަތަމަ ފަހަރުކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، މިކަމުގެ ސަބަބުން ރާއްޖޭގެ ނަމަށާއި އިގްތިސާދަށް އަތުވެދާނެ ކިލަނބުކަން ބަލާ އެއިން މިންޖުވުމުގެ ފިޔަވަޅު އެޅުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ. އަދި, މިކަމުގައި ސަރުކާރު ޒިންމާދާރު ކުރުވުމަށް މަޖިލީހުން މަސައްކަތް ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.