Advertisement

ރޭގެ އޮޕަރޭޝަން ކަވަރުކުރަމުންދިޔަ ނޫސްވެރިންނަށް ބަޔަކު ބިރުދައްކައިފި

11 މާރިޗު 2025 - 14:26 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރޭގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހެއް: ފަހަތުން ފެންނަނީ އެ ސަރަހައްދުގައި ތިބި ނޫސްވެރިން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ރޭގެ އޮޕަރޭޝަން ކަވަރުކުރަމުންދިޔަ ނޫސްވެރިންނަށް ބަޔަކު ބިރުދައްކައިފި

11 މާރިޗު 2025 - 14:26 1

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ސަލާމަތީ ބާރުތަކުން މާލެ ސަރަހައްދުގައި ރޭ ހިންގި އޮޕަރޭޝަން ކަވަރުކުރަމުންދިޔަ ނޫސްވެރިންނަށް ބަޔަކު ބިރުދައްކާ އިންޒާރު ދީފި އެވެ.

އަދަދު އާ ވާހަކަދެއްކި ރޭގެ ކަވަރޭޖުގައި ހަރަކާތްތެރިވި އެކި ނޫސްތަކުގެ ނޫސްވެރިން ބުނީ ގްރޫޕަކުން ނޫސްވެރިންނަ ބިރުދައްކާ އިންޒާރުދިނީ ގަލޮޅު ޝަބްނަމް މަގުގައި ހުރި ގެއެއް ބަލައި ފާސްކޮށް މީހަކު ހައްޔަރުކުރަން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވި ވަގުތު އެވެ.

އެ މީހުން ފުރަތަމަ ނުރުހުނީ ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއަކަށް ސިފައިންނާއި ފުލުހުން ވަތް ވަގުތު އެ ގޭގެ ތެރޭގައި ހުރި އަންހެނެއްގެ ފޮޓޯ ނޫސްތަކުން ޖެހުމުންނެވެ. އެ ފޮޓޯ ނަގަން ބިރުދެއްކުމުން ގިނަ ނޫސްތަކުން އެ ފޮޓޯ ނެގި އެވެ.

"އޭގެ ތެރެއިން އެކަކު ބުނި ކަލޭމެން އެންމެން ދުއްވާލެވޭ ވަރުގެ ކަންކަން އަހަރުމެންނަށް ކުރެވޭނޭ. ހަމަ ސީދާ އިންޒާރު ދިނީ،" ނޫސްވެރިޔަކު ބުންޏެވެ.

މިކަމާ ގުޅިގެން ބައެއް ނޫސްވެރިންނަށް ގުޅައިގެން ވެސް ބިރުދައްކާފައިވެ އެވެ.

އެ ވަގުތު އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް މިކަމާ ގުޅިގެން ސަލާމަތީ ބާރުތަކުން އެ މީހުންނާ ދޭތެރޭ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

ޓެރަރިޒަމްގެ އަމަލުތަކާއި ދީނީ ހަރުކަށި ޖަމާއަތްތަކާ ގުޅޭ ހަބަރުތައް ގެނެސްދޭ ނޫސްވެރިންނާއި ނޫސްތަކަށް މީގެ ކުރިންވެސް ރާއްޖޭގައި އިންޒާރު ދީފައިވެ އެވެ. އެ މައްސަލަތައް ބެލުމުގައި ސަލާމަތީ ބާރުތަކުން ހާއްސަ ސަމާލުކަމެއް ނުދޭކަމުގެ ޝަކުވާތައްވެސް ނޫސްވެރިން ފާޅުކުރެ އެވެ.

ރޭގެ އޮޕަރޭޝަނުގެ އޮޕަރޭޝަނުގެ ތެރެއިން ތިން މީހަކު ހައްޔަރުކުރި އެވެ. މި އޮޕަރޭޝަނުގައި މާލެ ސަރަހައްދުގެ ގިނަ ތަންތަން ބަލައި ފާސްކޮށް އެކި ތަކެތި ގެންދިޔަ ނަމަވެސް މިހާތަނަށް މިކަމާ ގުޅޭގޮތުން ސިފައިން އަދި ފުލުހުންވެސް ބަހެއް ނުބުނެ އެވެ.