Advertisement

ސިފައިންގެ ގެންދަން އެއްބަސްވި ކަަމަށް ރައީސް ވިދާޅުވިޔަސް އިންޑިއާ ސަރުކާރުގެ ބަހެއް ނެތް

4 ޑިސެންބަރު 2023 - 12:11 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ : ސިފައިންގެ ގެންދަން އެއްބަސްވި ކަަމަށް ރައީސް ވިދާޅުވިޔަސް އިންޑިއާ ސަރުކާރުގެ ބަހެއް ނެތް - ފޮޓޯ: ރައީސް އޮފީސް


ސިފައިންގެ ގެންދަން އެއްބަސްވި ކަަމަށް ރައީސް ވިދާޅުވިޔަސް އިންޑިއާ ސަރުކާރުގެ ބަހެއް ނެތް

4 ޑިސެންބަރު 2023 - 12:11 0

ރާއްޖޭގައި ތިބި އިންޑިއާގެ 77 ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެވާހަކަފުޅާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރުން އެގައުމުގެ ނޫސްތަކަށް އަދި އެއްވެސް ޖަވާބެެއް ނުދޭ ކަން އެނގިއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރައްވާނެ ކަމަށާއި، އެގޮތަށް އެކަން ކުރިއަށްދާނެކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވީ، ދެ ގައުމަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އިންޑިއާ އަދި ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ރައީސް މުއިއްޒުގެ ވާހަކަތަކާ ގުޅޭގޮތުން، އެ ފަރާތްތަކުން ވަނީ އިންޑިއާގެ އިސް އޮފިޝަލުންނާ ސުވާލުކޮށްފަ އެވެ. ނަމަވެސް އެއިން އެއްވެސް ނޫހަކަށް އިންޑިއާގެ އޮފިޝަލުން މި އެއްބަސްވުމުގެ ވާހަކަ ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ނޫސްތަކަށް އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި ދުބާއީގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާ ރައީސް އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ ވާހަކަ ދެއްކެވީ ވަރަށް ތިލަކޮށެވެ. ނަމަވެސް ބޮޑަށް ފާހަގަކުރެއްވީ އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފުލައިޓުގެ ސަބަބުން ރާއްޖެއަށް ކުރާ ފައިދާ ކަމަށާއި އެ ހިދުމަތްތައް މެދެނުކެނޑި ގެންދިއުމަށް މަޝްވަރާ ކުރެއްވި ކަަމަށެވެ.

އަދި އިންޑިއާ ސިފައިން ފޯރުކޮށްދޭ އިންސާނީ ހިދުމަތްތަކުގެ ސަބަބުން ފައިދާ ކުރާކަން ދެ ގައުމުންވެސް އެއްބަސްވާ ކަމަށްވެސް ބުނެފައިވެ އެވެ. ދެ ގައުމުގެ އޮފިޝަލުން ހިމެނޭހެން އަލަށް އެކުލަވާލި ކޮމިޓީންވެސް މައިގަނޑު ގޮތެއްގައި ކުރާނީ އެ ހިދުމަތްތައް ދެމެހެއްޓުމުގެ މަސައްކަތް ކަމަށް އިންޑިއާއިން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ރައީސް ބައްދަލުކުރެއްވީ ޔޫއޭއީގައި ބޭއްވި ކޮޕް-28 ސަމިޓްގެ ހަވާސާގަ އެވެ.

ތުރުކީ އާއި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރާއްޖެއަށް އެނބުރި ވަޑައިގެން, ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓްގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިންޑިއާ ސިފައިން އަނބުރާ ގެންދަން އިންޑިއާ ސަރުކާރަށް ރަސްމީކޮށް އެންގެވީ ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު ކަމަށެވެ.

"އެހެންވީމާ ރަސްމީކޮށް އެެއޮތީ ހުށަހެޅިފައި. އަދި އޭގެ ކުރިން ކުރެވުނު މަސައްކަތާ، މިއަދާ ހަމައަށް އައި އިރު މިކުރެވުނު ހުރިހާ މަސައްކަތެއްގައި އިންޑިއާ ސަރުކާރުން އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިިއްޒު އެވާހަކައަށް ވަޑައިގެންނެވީ މޯދީއާ އެކު ބޭއްވެވި ބައްދަލުވުމާ ހަމައިން ކަމަށް ވިޔަސް، އެ ސިފައިން ގެންދިއުމާ ބެހޭ މަޝްވަރާ އެ ބައްދަލުވުމުގައި ކުރެއްވި ކަމަކަށް ސާފުކޮށް ވިދާޅެއް ނުވެ އެވެ. އިންޑިއާ ސިފައިން ގެންދިއުމާ ބެހޭ ގޮތުން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރައީސް އަރިހުގަައި ދެންނެވި ވާހަކައިގެ ތަފްސީލު ދެއްވަން ނޫސްވެރިއަކު އެހިސާބުން އެދުނެވެ.

"ތަންކޮޅެއް ތަފްސީލުކޮށް ވިދާޅުވެދެއްވައިފާނަން ތޯ އިންޑިއާ ސިފައިންގެ މައްސަލާގައި އިންޑިއާގެ އެންމެ މަތީ ވެރިޔާ ރައީސް އަރިހުގައި ދެންނެވި ވާހަކައެއް؟" ނޫސްވެރިޔާ ސުވާލުކުރީ މި އިބާރާތުންނެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވައިލުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަނީ ވިސްނުންތެރިކަމާ އެކުގައި މަރުހަލާ ތަކެއްގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް، ސިފައިންނާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި ސީދާ ގޮތެއްގައި މަޝްވަރާ ކުރެވުނު ކަމަކަށް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.