Advertisement

އިންޑިއާ ސިފައިން ތިބި އަދަދާއި ތިބީ ގަދަބާރުންތޯ ކުރި ސުވާލަށް ރައީސަށް ސާފު ޖަވާބެއް ނުދެއްވުނު

3 ޑިސެންބަރު 2023 - 18:02 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން : އިންޑިއާ ސިފައިން ތިބި އަދަދާއި ތިބީ ގަދަބާރުން ކަމެއް ރައީސަށް ސާފު ކޮށްނުދެވުނު - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އިންޑިއާ ސިފައިން ތިބި އަދަދާއި ތިބީ ގަދަބާރުންތޯ ކުރި ސުވާލަށް ރައީސަށް ސާފު ޖަވާބެއް ނުދެއްވުނު

3 ޑިސެންބަރު 2023 - 18:02 1

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ ފަރާތްތައް ރާއްޖޭގައި ތިބީ ދިވެހި ސަރުކާރުގެ ނުރުހުމުގައި ގަދަބާރުންތޯ ބެލުމަށް ކުރި ސުވާލަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސާފު ޖަވާބެއް ދެއްވަން ދެކޮޅު ހައްދަވައިފި އެވެ.

ތުރުކީ އަދި އެކުވެރި އަރަބި އިމާރާތަށް ކުރެއްވި ދަތުރުފުޅަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވުމުން، ގިނަ ނޫސްވެރިން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭގޮތުން ރައީސަށް ސުވާލު އަމާޒުކުރައްވާފަ އެވެ.

އެގޮތުން، ރާއްޖޭގައި އިންޑިއާގެ އެތައް ހާސް ސިފައިން ތިބި ކަމަށް ރިޔާސީ ކެމްޕޭނުގެ ދުވަސްވަރު އޭރުގެ އިދިކޮޅުން އަދި ބައެއް މީޑިއާތަކުން ބުނި ނަމަވެސް މި ސަރުކާރުން ހާމަކުރި އަދަދު އެތައް ގުނައެއް މަދުވީ ކީއްވެތޯ ކުރި ސުވާލަށްވެސް ރައީސް ސީދާ ޖަވާބެއް ނުދެއްވަ އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ބޭރުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒުވެސް ވަނީ ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށް އަޑު އިވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ "އަޅުގަނޑު ހަމަ ޖެހޭނީ އަދި އިތުރަށް ބަލާލަން ތި އަދަދާ ބެހޭގޮތުން އިނގޭތޯ، އަދަދު ޗެކް ކޮށްފަ އަޅުގަނޑު ދަންނަވާލާނަން" މިފަދައިންނެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް މި ސަރުކާރުގެ ދެވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ސަރުކާރުން ވަނީ ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިން ކަމަށް ބުނެފަ އެވެ.

އެއީ ހެލިކޮޕްޓަރު އުދުހުމުގެ މަސައްކަތާ ހަވާލުވެގެން ތިބި 50 ސިފައިންނާއި ޑޯނިއާ ފުލައިޓު ދުއްވުމަށް ހާއްސަވެގެން ތިބި 25 ސިފައިންނާއި އިންޖިއަނިރިންގެ މަސައްކަތަށް ހާއްސަ ދެ ސިފައިންނެވެ.

މިއަދުގެ ބައްދަލުވުމުގައި އިންޑިއާއިން އެ ގައުމުގެ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަސްވި ކަމަށް ރައީސް ވިދާޅުވުމުން، އެ 77 ސިފައިން ރާއްޖޭގައި މިހާރު ތިބީ ގަދަބާރުންތޯ އަދި އެ ފަރާތްތައް ފޮނުވާލެވޭނެ ތާރީހެއް ކަނޑައެޅިއްޖެތޯ "އަދަދު" އިން ސުވާލުކުރުމުން އެމަނިކުފާނު ސީދާ ޖަވާބެއް ނުދެއްވި އެވެ.

ވިދާޅުވީ، "ތި ހުރިހާ ޑީޓެއިލް ތަކަކަށް މިހާރު ފަންނީ ލެވެލްއެއްގައި މަޝްވަރާ ކުރެވެމުން ދަނީ" ކަމަށެވެ.

އަދި, އިންޑިއާއިން ސިފައިން ގެންދަން އެއްބަސްވެފައިވާނަމަ އެ ފަރާތްތަކުގެ އޮޕަރޭޝަންތައް ހުއްޓާލުމަށް ނިންމާފައިވޭތޯ ސުވާލުކުރުމުން ވެސް ރައީސް ވިދާޅުވީ އެއީ މާ ތަފުސީލީ ވާހަކަތަކެއް ކަމަށެވެ.

އިންޑިއާ ސިފައިން ގެންދިއުމަށް އެ ގައުމުން އެއްބަސްވި ކަމަށް ރައީސް މުއިއްޒު ވިދާޅުވީ މޯދީއާ އެކު ބޭއްވެވި ބައްދަލުވުމާ ހަމައިން ކަމަށް ވިޔަސް، އެ ސިފައިން ގެންދިއުމާ ބެހޭ މަޝްވަރާ އެ ބައްދަލުވުމުގައި ކުރެއްވި ކަމަކަށް ސާފުކޮށް ވިދާޅެއް ނުވެ އެވެ.

އިންޑިއާ ސިފައިން ގެންދިއުމާ ބެހޭ ގޮތުން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރައީސް އަރިހުގަައި ދެންނެވި ވާހަކައިގެ ތަފްސީލު ދެއްވަން ނޫސްވެރިއަކު އެ ހިސާބުން އެދުނެވެ.

"ތަންކޮޅެއް ތަފްސީލުކޮށް ވިދާޅުވެދެއްވައިފާނަން ތޯ އިންޑިއާ ސިފައިންގެ މައްސަލާގައި އިންޑިއާގެ އެންމެ މަތީ ވެރިޔާ ރައީސް އަރިހުގައި ދެންނެވި ވާހަކައެއް؟" ނޫސްވެރިޔާ ސުވާލުކުރީ މި އިބާރާތުންނެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވައިލުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަނީ ވިސްނުންތެރިކަމާ އެކުގައި މަރުހަލާ ތަކެއްގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް، ސިފައިންނާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި ސީދާ ގޮތެއްގައި މަޝްވަރާ ކުރެވުނު ކަމަކަށް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.