Advertisement

މޯދީގެ ވާހަކަ ރައީސް މާނަކުރެއްވީ ސިފައިން ގެންދަން ދެއްވި ޔަގީންކަމެއްގެ ގޮތުގައި

3 ޑިސެންބަރު 2023 - 17:21 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކޮޕް-28 ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައިސް މުއިއްޒު މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް


މޯދީގެ ވާހަކަ ރައީސް މާނަކުރެއްވީ ސިފައިން ގެންދަން ދެއްވި ޔަގީންކަމެއްގެ ގޮތުގައި

3 ޑިސެންބަރު 2023 - 17:21 0

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ބެހޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ސީދާ ގޮތެއްގައި މަޝްވަރާ ކުރައްވާފައި ނުވިޔަސް، އެ ބައްދަލުވުމުގައި މޯދީ ދެއްކެވި ވާހަކައިން ދޭހަވަނީ ސިފައިން ގެންދަން އިންޑިއާއިން އެއްބަސްވުމުގެ ގޮތުގައި ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސިފަކުރައްވައިިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ރައީސް ބައްދަލުކުރެއްވީ ޔޫއޭއީގައި ބޭއްވި ކޮޕް-28 ސަމިޓްގެ ހަވާސާގަ އެވެ.

ތުރުކީ އާއި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރާއްޖެއަށް އެނބުރި ވަޑައިގެން, ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓްގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިންޑިއާ ސިފައިން އަނބުރާ ގެންދަން އިންޑިއާ ސަރުކާރަށް ރަސްމީކޮށް އެންގެވީ ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު ކަމަށެވެ.

"އެހެންވީމާ ރަސްމީކޮށް އެެއޮތީ ހުށަހެޅިފައި. އަދި އޭގެ ކުރިން ކުރެވުނު މަސައްކަތާ، މިއަދާ ހަމައަށް އައި އިރު މިކުރެވުނު ހުރިހާ މަސައްކަތެއްގައި އިންޑިއާ ސަރުކާރުން އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިިއްޒު އެވާހަކައަށް ވަޑައިގެންނެވީ މޯދީއާ އެކު ބޭއްވެވި ބައްދަލުވުމާ ހަމައިން ކަމަށް ވިޔަސް، އެ ސިފައިން ގެންދިއުމާ ބެހޭ މަޝްވަރާ އެ ބައްދަލުވުމުގައި ކުރެއްވި ކަމަކަށް ސާފުކޮށް ވިދާޅެއް ނުވެ އެވެ. އިންޑިއާ ސިފައިން ގެންދިއުމާ ބެހޭ ގޮތުން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރައީސް އަރިހުގަައި ދެންނެވި ވާހަކައިގެ ތަފްސީލު ދެއްވަން ނޫސްވެރިއަކު އެހިސާބުން އެދުނެވެ.

"ތަންކޮޅެއް ތަފްސީލުކޮށް ވިދާޅުވެދެއްވައިފާނަން ތޯ އިންޑިއާ ސިފައިންގެ މައްސަލާގައި އިންޑިއާގެ އެންމެ މަތީ ވެރިޔާ ރައީސް އަރިހުގައި ދެންނެވި ވާހަކައެއް؟" ނޫސްވެރިޔާ ސުވާލުކުރީ މި އިބާރާތުންނެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވައިލުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަނީ ވިސްނުންތެރިކަމާ އެކުގައި މަރުހަލާ ތަކެއްގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް، ސިފައިންނާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި ސީދާ ގޮތެއްގައި މަޝްވަރާ ކުރެވުނު ކަމަކަށް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.

"ބައްދަލުވުމުގައި ވިދާޅުވި ތިމަންނާމެން ރެސްޕެކްޓް ކުރަމޭ ދިވެހިރާއްޖޭގެ ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުމަށް. ދެގައުމުގެ ގުޅުން މުހިއްމޭ. ޑިމޮކްރެޓިކް ނިންމުމަށް ތަބާވެގެން ކުރިއަށް ދިއުމޭ ދިވެހިރާއްޖެއާ އަދި މި ސަރަހައްދަށް އެންމެ ރަނގަޅު ގޮތަކީ،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު މާނަކުރެއްވި ގޮތުގައި މޯދީއާ އެކު ބޭއްވެވި ބައްދަލުވުމާ ހަމައަށް އައި އިރު، އިންޑިއާ ސިފައިން ގެންދިއުމާ ބެހޭ ވާހަކަ އެކި ބައްދަލުވުންތަކުގައި ދެކެވިފައި ވާތީ މޯދީ ދެއްކެވި ވާހަކައިގައި އެ އޮތީ އެކަން ހިމެނިފައި ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުމަކީ އިންޑިއާ ސިފައިން މިތަނުން ބާލަން ތިމަންނަމެން ބޭނުމޭ، ފަންސާސް ހަތަރު ޕަސެންޓް ޔަގީނުން ވެސް އެއޮތީ އެހެން ބުނެފައި،" ރިޔާސީ އިންތިހާބުގެ ނަތީޖާއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ ނިންމުމަކީ އެއީކަން، މޯދީއާ އެކު ބޭއްވެވި ބައްދަލުވުމުގައި "އެކްނޮލެޖް ކުރެވުނު" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޑިޕްލޮމެޓިކް ހަމަތަކުގެ ތެރެއިން އެ ކަމުގައި ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ މައުލޫމާތު މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ. ހަމައެކަނި ހާމަކުރީ 77 ސިފައިން ތިބި ކަމުގެ މައުލޫމާތެވެ. އެއީ ކުރީ ސަރުކާރުން 2021 ގައި ހާމަކުރި އަދަދަށް ވުރެ އެންމެ ދެ ސިފައިން އިތުރުވުމެކެވެ. އެ އަދަދު ވެސް ރައީސް މުއިއްޒުއަށް ކަށަވަރު ކޮށް މިއަދު ވިދާޅެއް ނުވެ އެވެ.