3 ޑިސެންބަރު 2023 - 14:51 0
އާމިނަތު ނިއުޝާ
އދ. ދިގުރަށު ބަނދަރު ސަރަހައްދު -- ފޮޓޯ: މިރާޝް/އަދަދު
3 ޑިސެންބަރު 2023 - 14:51 0
އދ. ދިގުރަށުގައި މަރާލުމަށް ފަހު ކޮތަޅަކަށް ލައި ކުނި ގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ މަންމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހުއްޓާ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "އަދަދު"އަށް ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާއަކީ ބިދޭސީ އަންހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ ފުރަން ގޮސް ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގާ ހައްޔަރުކުރި އަންހެން މީހާ އަކީ ދިގުރަށު ގެސްޓު ހައުސްއެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. ކޮތަޅަކަށް ލާފައި އޮއްވާ ކުއްޖާ ފެނުނު އިރު ވެސް އޮތީ މަރުވެފަ އެވެ.
ފުލުހުން ހިއްސާކުރި މެސެޖެއްގައިވާ ގޮތުން އެކަމާ ގުޅޭ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ މިއަދު ހެނދުނު 09:20 ގަ އެވެ.
ދިގުރަށު ކައުންސިލުގެ ރައީސް އިބްރާހިމް އުސްމާން "އަދަދު" ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ވޭސްޓް މެނޭޖްމަންޓު ސެންޓަރުގައި މަސައްކަތްކުރާ ބިދޭސީއަކަށް ކަމަށެވެ. އަދި, މިހާރު އެތަން ބަންދުކޮށްގެން ފުލުހުން ތަހުގީގު ފަށާފައިވާ ކަމަށް ވެސް އޭނާ މައުލޫމާތު ދިނެވެ.
އެ ރަށުގެ ކުނިގޮނޑު ހުންނަނީ މީހުން އުޅޭ ސަރަހައްދާ ވަރަށް ދުރުގަ އެވެ.
Comment