3 ޑިސެންބަރު 2023 - 14:54 0
ސާއިފް ޝިޔާދު
ދަ ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ ހުސައިން އަމްރު (ކ) އަދި ހަސަން ލަތީފު (ވ) ރައީސް ނަޝީދުގެ އަރިހުގައި,. އެ ޕާޓީގެ އިންތިހާބާ ގުޅިގެން މެމްބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން --- ފޮޓޯ: އަދަދު ފައިލް
3 ޑިސެންބަރު 2023 - 14:54 0
އިއްޔެ ކުރިއަށްދިޔަ ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ނަތީޖާ އިއުލާނު ނުކޮށް 24 ގަޑިއިރު ހަމަވާން ދާއިރު އެ ނަތީޖާގެ ތަފްސީލުތައް ހާމަކުރެވޭނެ ވަގުތެއް އެ ޕާޓީއަށް ބުނެނުދެވި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އިއްޔެ ހެދުނު 10:00 ހަވީރު 16:00 އަށް ވޯޓުލުން ނިމި ނަތީޖާ ޝީޓުތަކުގެ ޖުމްލަތައް ޕާޓީ އޮފީހަށް ފޮނުވާފައި ވާއިރު، ޕާޓީއިން ރަސްމީ ސިފައެއްގައި އިންތިހާބާއިގުޅޭ މައުލޫމާތުތައް އާންމުކޮށްފައި ނުވެ އެވެ. ވަގުތީ ނަތީޖާ އިއުލާނުކުރުން ލަސްވާތީީ އެ ޕާޓީގެ އާންމު މެމްބަރުން ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން "އަދަދު" ނޫހުން މިއަދު ސުވާލުކުރުމުން އެ ޕާޓީގައި މީޑިއާގެ ކަންކަން ބަލަހައްޓަވާ މުހައްމަދު ސައިފް ފާތިހު ވަނީ އެކަމާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި, އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސައިފް އެހެން ވިދާޅުވިތާ ދެ ގަޑިއިރު ވެފައިވާއިރު މިހާތަނަށް ވެސް އެފަދަ ދައުވަތެއް އެ ޕާޓީން މީޑިއާތަކަށް ފޮނުވާފައި ނުވެ އެވެ. އޭގެ އިތުރުން, އެ ޕާޓީގެ އެއްވެސް ރަސްމީ މީސްމީޑިއާ ޕްލެޓްފޯމަކުން ވެސް ވަގުތީ ނަތީޖާ މިހާތަނަށް ހިއްސާކޮށްފައި ނުވެ އެވެ.
ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރައްވަނީ ނިމިދިޔަ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހުސެއިން އަމްރު އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި މިވަގުތު ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފެވެ.
އެ ދެ ކެންޑިޑޭޓުން ވެސް ވަނީ އިންތިހާބު ކާމިޔާބުވެއްޖެ ކަމަށް އިއުލާން ކޮށްފައިވާއިރު އޭގެ ތެރެއިން އަމްރު އާއި އަމްރުގެ ސަޕޯޓަރުން ވެސް ވަނީ ނަތީޖާ ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޑިމޮކްރަޓްސްގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 5،835 މެމްބަރުންނަށް ލިބިފައިވެ އެވެ. އެ އަދަދަށް މީހުން ވޯޓުލާ އިންތިހާބެއްގެ ވަގުތީ ނަތީޖާ މިވަގުތާ ހަމައަށް ގެނެސްދެވެން ވާނެ ކަމަށް ބައެއް ޑިމޮކްރެޓުން ދަނީ ބުނަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment