Advertisement

ކައްދޫ އެއާޕޯޓު ކުންފުންޏަށް ނުވަ އަހަރުން 221 މިލިއަން ރުފިޔާގެ ގެއްލުން

4 ޑިސެންބަރު 2023 - 08:44 1

އަމަން ހަލީމް

އަމަން ހަލީމް

ލާމުގެ ގުޅިފައިވާ ރަށްތަކުގެ ތެރޭގައި އޮންނަ ކައްދޫ އެއާޕޯޓު: މި އެއާޕޯޓު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ވަނީ ފަށާފައި -- ފޮޓޯ/ވިޒިޓް ލާމު


ކައްދޫ އެއާޕޯޓު ކުންފުންޏަށް ނުވަ އަހަރުން 221 މިލިއަން ރުފިޔާގެ ގެއްލުން

4 ޑިސެންބަރު 2023 - 08:44 1

ލ. ކައްދޫ އެއާޕޯޓު އޮޕަރޭޓު ކުރާ ކައްދޫ އެއާޕޯޓު ކޮމްޕެނީ ލިމިޓެޑު އުފެދުނީއްސުރެން މިއަދާ ހަމައަށް އެ ކުންފުންޏަށް 221 މިލިއަން ރުފިޔާ ގެއްލުން ވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ހާމަކޮށްފި އެވެ.

ކައްދޫ އެއާޕޯޓު އޮޕަރޭޓުކުރަން ހާއްސަ ކުންފުންޏެއް އުފެއްދީ 2011 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އެފަހުން ވެރިކަމަށް އައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ 2014 ގައި ކައްދޫ އެއާޕޯޓު ކުންފުނި ހިންގުން އެމްއެންޑީއެފްއާ ހަވާލުކޮށް، ކައްދޫ އެއާޕޯޓު އަސްކަރީ އެއާޕޯޓަކަށް ބަދަލުކޮށްފަ އެވެ.

އެ އެއާޕޯޓް މިހާރު ބޭނުންކުރަމުން އަންނަނީ އެމްއެންޑީއެފްގެ "އިސްކަންދަރު އެއާ ބޭސް"ގެ ގޮތުގަ އެވެ. އެކަމަކު އެ އެއާޕޯޓަށް ކުރާ ޑޮމެސްޓިކް ދަތުރުތައް އެއްވެސް އިރެއްގައި ހުއްޓާލާފައި ނުވެ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ކައްދޫ އެއާޕޯޓުގެ 2020 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުން އެނގޭ ގޮތުގައި އެ އެއާޕޯޓަށް އާމްދަނީ ލިބެނީ ތިން ދާއިރާއަކުންނެވެ. އެއީ އެއޮރޯނިޓަކަލް އޮޕަރޭޝަންތަކާއި ކޮމާޝަލް އޮޕަރޭޝަންތަކުގެ އިތުރުން ހަރުމުދަލުގެ އިންވެސްޓްމަންޓުތައް ކުއްޔަށް ދީގެން ލިބޭ އާމްދަނީ އެވެ.

ކައްދޫ އެއާޕޯޓު ކުންފުންޏަށް 2020 ގައި އާމްދަނީގެ ގޮތުގައި ލިބުނީ އެންމެ 6.6 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ދެބައިކުޅަ އެއްބައި ދަށް އަދަދެކެވެ. މިހެން ދިމާވި މައިގަނޑު ސަބަބެއް ކަމަށް ފާހަގަކުރެވެނީ އެ އަހަރުގެ ތެރޭގައި ދުނިޔެއަށް ލައިގަތް ކޮވިޑް-19 ބަލިމަޑުކަމެވެ. މި ބަލިމަޑުކަމާ އެކީ ޓޫރިޒަމް ހުއްޓި، މުޅި ރާއްޖެއަށް އައި ތާށިކަން އެ ކުންފުންޏަށް ވެސް ތަހައްމަލު ކުރަން ޖެހުނެވެ.

އާމްދަނީއަށް ބޮޑު ހީނަރުކަމެއް އައި ނަމަވެސް، ކުންފުނި ހިންގުމުގެ ހަރަދަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. އޭގެ ކުރީ އަހަރު 27.2 މިލިއަން ރުފިޔާ ހަރަދުވީއިރު، 2020 ގައި ކުންފުނީގެ ހިންގަން 25.2 މިލިއަން ރުފިޔާ ހަރަދުވި އެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 84 ޕަސެންޓު ހަރަދުވީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.

ލިބޭ އާމްދަނީއަށް ވުރެ ހަރަދުތައް އިތުރުވުމާ ގުޅިގެން ކައްދޫ އެއާޕޯޓު ކުންފުންޏަށް އެ އަހަރު 21.9 މިލިއަން ރުފިޔާ ގެއްލުންވި އެވެ. އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ގެއްލުން ފޫބައްދަން ޖެހުނީ ދައުލަތުން ދޫކުރި ފައިސާއިންނެވެ. އެ އަހަރުގެ ތެރޭގައި އެކަނިވެސް ސަރުކާރުން ވަނީ ކައްދޫ އެއާޕޯޓަށް 19 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

ކައްދޫ އެއާޕޯޓު ކުންފުންޏަށް ގެއްލުން ވަމުންދާއިރު، އެ ކުންފުންޏަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާތަކެއް ހުރިކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައި ވެ އެވެ. މި އަދަދު 2020 ގެ ނިޔަލަށް ހުރީ 36.5 މިލިއަން ރުފިޔާގަ އެވެ. އެ ކުންފުންޏަށް ނުލިބިވާ ފައިސާގެ ގާތްގަނޑަކަށް 98 ޕަސެންޓަކީ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން ކައްދޫ އެއާޕޯޓަށް ލިބެން ޖެހޭ ފައިސާ އެވެ.

އައިލެންޑް އޭވިއޭޝަނުން ގިނަ އަދަދެއްގެ ފައިސާތަކެއް ނުލިބި ހުރި ނަމަވެސް، ކުންފުނީގެ ބޯޑުން ވަނީ އެ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޮޑިޓަށް މައުލޫމާތު ދީފަ އެވެ. އަދި މިހާތަނަށް އައިލެންޑް އޭވިއޭޝަނުން ލިބެން ޖެހޭ ފައިސާއެއް ނުލިބިގެން މައްސަލައެއް ދިމާނުވާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައި ވެ އެވެ.

ކައްދޫ އިންޓަނޭޝަނަލް ކުރަނީ

ކައްދޫ އެއާޕޯޓަކީ ރާއްޖޭގައި އޮތް އެންމެ ދުވަސްވީ ޑޮމެސްޓިކް އެއާޕޯޓުތަކުން އެއާޕޯޓެކެވެ. އެ އެއާޕޯޓަށް ގިނައިން ދަތުރުކުރަނީ ލާމުގައި އޮންނަ ރިސޯޓުތަކަށް ދާ ފަތުރުވެރިންނެވެ.

ކުރީ ސަރުކާރުން ވަނީ ކައްދޫ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުގެ މަސައްކަތް ފަށާފަ އެވެ. އެ މަސައްކަތް ކުރަން ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ދޭނެ ބަޔަކު ހޯދަން ޖެނުއަރީގައި އިއުލާންކުރުމަށް ފަހު، އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އޮގަސްޓުގައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.