3 ޑިސެންބަރު 2023 - 12:57 2
އަހުމަދު އާއިދު
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ : ވިދާޅުވީ މިއީ ޒާތީ ކަމެއް ނޫން ކަމަށާއި ނަޝީދާއި ސޯލިހަކީވެސް ބޭބެއިން ކަމަށް - ފޮޓޯ: ރައީސް އޮފީސް
3 ޑިސެންބަރު 2023 - 12:57 2
ނިމިދިޔަ ސަރުކާރާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ނުކުންނެވީ ޒާތީ ސަބަބަކާ ހުރެ ނޫން ކަމަށާއި، އެމްޑީޕީއިން އޭނާ އުޅުއްވަނީ ބޭބެ ދިފާއު ކުރަން ކަމަށް ބުނާއިރު ސޯލިހަކީވެސް ބޭބެއެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު އެމްޑީޕީއަށް ރައްދުދެއްވައިފި އެވެ.
އީވާ މަސައްކަތްކުރައްވަނީ އާއިލީ މަސްލަހަތަށް ކަމަށް އެމްޑީޕީން ތުހުމަތުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، ކުރީގެ ރައީް މުހައްމަދު ނަޝީދު ވަކިކުރަން މަސައްކަތް ކުރި އިރުގަ އެވެ. އެމްޑީޕީން އޭރު ބުނީ، އީވާ މަސައްކަތް ކުރައްވަނީ ޒާތީ މަސްލަހަތު އިސްކޮށް ބޭބެ ދިފާއުކުރައްވަން ކަމަށެވެ.
މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، ޖަވާބުދާރީވާން ދިން ފުރުސަތުގައި އެ ތުހުމަތުތަކަށް އީވާ ރައްދު ދެއްވި އެވެ.
"ދުވާލު ދެ ދަޅައަށް މަނިކުފާނުމެން ޕްރެސް ކޮންފަރެންސަށް އަރާ، ބޭބެ ދިފާއު ކުރާށޭ، ބޭބެ ދިފާއު ކުރާށޭ، ވިދާޅުވަމުން ގެންދިޔައިރު އަޅުގަނޑު ނީންނާނެ ދިފާއުގާ ޗުއްޕު ދަންނަވާފަ ވެސް"
ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަަށް އިޝާރާތް ކުރައްވާ އީވާ ވިދާޅުވީ، އެމްޑީޕީއިން ވޭތުވެދިޔަ ހަ މަސްދުވަހު ވަނީ އޭނާގެ 18 އަހަރުވީ ސިޔާސީ ހަޔާތުގައި އަމިއްލަ ވިސްނުމަށް ކަންކަން ނުނިންމަވާ މީހެއް ކަމުގައި ސިފަކޮށްފައި ކަމަށެވެ.
"އަޅުގަނޑު މަގާމުން ވަކިކުރަން އައި އިއްޔެގެ ސަރުކާރުގެ ރައީސުލްޖުމްހުރިއްޔާ ކަމުގައިވެސް ހުންނެވީ ހަމަ އަޅުގަނޑުގެ ބޭބެ.. ދެ ފަރާތުގެ ބޭބެ، މައިފުށާ ބަފާފުށުގެ ބޭބެ"
އަދި، ދެ ރައީސުންގެ ދޭތެރޭ ހިލާފު އުފެދުމުން އޭނާ ހިޔާރުކުރީ ގަބޫލުކުރާ އުސޫލުތަކާ ހަމަތައް ކަމަށާއި 'ބާރުގަދަ ބޭބެ، ނުވަތަ ފައިސާ ހުރި ބޭބެ' އެއީ އޭނާ ބަލާ ކަންކަމެއް ނޫން ކަމަށްވެސް، އެމްޑީޕީ ދޫކުރައްވާ ނަޝީދާއެކު ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވި އީވާ ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދާރީ ވާން ލިބުނު ފުރުސަތު ނިންމާލައްވަމުން އީވާ ވަނީ ނައިބު ރައީސްކަމުން އިސްތިއުފާދެއްވާފަ އެވެ. ނަޝީދުވެސް އެމަނިކުފާނު ވަކިކުރަން ހުށަހެޅި ގަރާރު އިއްވުމަށް ބޭއްވި ޖަލްސާ ފެށުމާއެކު މިދިޔަ މަހުގެ 13 ގައި ވަނީ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment