Advertisement

ވޯޓުލާ ނިމުނުތާ ހަތް ގަޑިއިރު ވީއިރު ވެސް ނަތީޖާ އިއުލާން ނުކުރާތީ ޑިމޮކްރެޓްސްގެ މެމްބަރުން ނުރުހިއްޖެ

2 ޑިސެންބަރު 2023 - 22:59 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ވޯޓުލާ ނިމުނުތާ ހަތް ގަޑިއިރު ވީއިރު ވެސް ނަތީޖާ އިއުލާން ނުކުރާތީ ޑިމޮކްރެޓްސްގެ މެމްބަރުން ނުރުހިއްޖެ

2 ޑިސެންބަރު 2023 - 22:59 0

ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 16:00 ގައި ނިމި މިހާތަނާ ހަމައަށް އައިއިރު ވެސް ވަގުތީ ނަތީޖާ އިއުލާނުކޮށްފައި ނުވާތީ އެ ޕާޓީގެ އާންމު މެމްބަރުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

މި އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށީ ހެނދުނު 10:00 ވީއިރު އެވެ. އަދި ހަވީރު ވޯޓު ފޮށިތައް ބަންދުކުރިއިރު މިވަގުތާ ހަމައަށް ވެސް ވަގުތީ ނަތީޖާ ހާމަކޮށްފައި ނުވެ އެވެ.

އެ ޕާޓީން ބުނެފައިވާ ގޮތުގައި ވަގުތީ ނަތީޖާ ވެސް އިއުލާން ކުރާނީ މާދަމާގެ ވަގުތެއްގަ އެވެ. ވޯޓުގެ ނަތީޖާ އިއުލާން ކުރުން ލަސްވި ސަބަބުތައް އެ ޕާޓީން ހާމަކޮށްފައި ނުވެ އެވެ.

އެކަމާ ގުޅިގެން އެ ޕާޓީގެ އާންމު މެމްބަރުން ދަނީ އެކި ޕްލެޓްފޯމްތަކުގައި ނުރުހުން ފާޅުކޮށް މިރޭ ނަތީޖާ އިއުލާން ކުރުމަށް ޑިމާންޑް ކުރަމުންނެވެ.

"ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ވެސް އެރޭ 9:00 ކުރިން ލިބުނު! އެެއީ އަދި މުޅި ރާއްޖޭ އާއި އެކިއެކި ޤައުމު ތަކުގަ ބެހެއްޓި ފޮށިތަ! ބަލައިނުގެނެވޭނެ! މިރޭ ވާނެ ވަގުތު ނަތީޖާ އިއުލާން ކުރަން މިހާރުވެސް މާ ލަސްވެެއްޖެ!," ޑިމޮކްރެޓްސްގެ އެކްޓިވިސްޓު އަހްމަދު އަންވަރު ބުނެފައިވެ އެވެ.

އޭގެ އިތުރުން ވެސް ގިނަ އަދަދެއްގެ ޑިމޮކްރެޓްސް ސަޕޯޓަރުން ދަނީ މިރޭ ނަތީޖާ އިއުލާން ކުރަން ހުރަހެއް ނެތް ކަމަށް ބުނެ ނަތީޖާ ހާމަކުރަން ޑިމާންޑް ކުރަމުންނެވެ.

ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ ނިމިދިޔަ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހުސެއިން އަމްރު އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި މިވަގުތު ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފެވެ.

އޭގެ ތެރެއިން ހަސަން ލަތީފް ވަނީ އިންތިހާބު ކާމިޔާބު ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. "ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކަނީ ބޮޑު ތަފާތަކުން, މި އިންތިހާބު ކާމިޔާބު ވެއްޖެކަން," އޭނާ ވިދާޅުވެފައިވެ އެވެ.

އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 5,000 އަށްވުރެ ގިނަ އެ ޕާޓީގެ މެމްބަރުންނަށް ލިބިފައިވެ އެވެ. އެ އަދަދަށް މީހުން ވޯޓުލާ އިންތިހާބެއްގެ ވަގުތީ ނަތީޖާ މިވަގުތާ ހަމައަށް ގެނެސްދެވެން ވާނެ ކަމަށް ބައެއް ޑިމޮކްރެޓުން ދަނީ ބުނަމުންނެވެ.

ޑިމޮކްރެކްޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި ވޯޓު ލާފައި ވަނީ ރައީސް، ނައިބް ރައީސް (އާންމު)، ނައިބް ރައީސް (އަންހެން)، ނައިބް ރައީސް (ޒުވާން)، ވިމެން ޑިމޮކްރެޓްސް ލީޑަރު، ވިމެން ޑިމޮކްރެޓްސް ޑެޕިއުޓީ ލީޑަރު، ޔަންގް ޑިމޮކްރެކްޓްސް ލީޑަރު އަދި ޔަންގް ޑިމޮކްރެޓްސް ޑެޕިއުޓީ ލީޑަރު ހޮވުމަށެވެ.

ޑިމޮކްރެޓްސް ޕާޓީން ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކޮށްފަ އެވެ. ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިލްޔާސް ލަބީބް ވާދަކުރައްވާ، އެ ޕާޓީއަށް ލިބުނީ ހަތް ޕަސެންޓު ވޯޓު ލިބުނެވެ. ވާދަ ކުރި އަށް ކެންޑިޑޭޓުންގެ ތެރެއިން އިލްޔާސް ވަޑައިގަތީ ތިންވަނައަށެވެ. ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެ ޕާޓީން ތާއީދުކޮށްފައެއް ނުވެ އެވެ.