Advertisement

އިންޑިއާ ސިފައިން ބޭރުކުރުމާ ބެހޭ ވާހަކަ މޯދީއާ ނުދެއްކެވުމުން ގިނަ ބައެއްގެ ފާޑުކިޔުން ރައީސަށް!

2 ޑިސެންބަރު 2023 - 13:28 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު


އިންޑިއާ ސިފައިން ބޭރުކުރުމާ ބެހޭ ވާހަކަ މޯދީއާ ނުދެއްކެވުމުން ގިނަ ބައެއްގެ ފާޑުކިޔުން ރައީސަށް!

2 ޑިސެންބަރު 2023 - 13:28 0

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއާ ބައްދަލުކުރައްވާ އެމަނިކުފާނުގެ އެންމެ ބޮޑު އެޖެންޑާ ކަމުގައިވާ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމުގެ ވާހަކަ ނުދެއްކެވުމުން ގިނަ ބަޔަކު ރައީސަށް ފާޑުކިޔައިފި އެވެ.

ޔޫއޭއީގައި ކުރިއަށްދާ ކޮޕް 28 ސަމިޓްގެ ހަވާސާގައި ރައީސް މުއިއްޒާއީ މޯދީ އިއްޔެ ބޭއްވެވި ބައްދަލުވުމަށްފަހު ރައީސް އޮފީހުން ޖެހި ހަބަރުގައި، އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަން ހިމަނާފައި ހުއްޓެވެ. އެހަބަރުން އެނގުނު ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމުގެ އެއްވެސް ވާހަކައެއް އެ ބައްދަލުވުމުގެ އެޖެންޑާއަކު ނެތެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ފޮނުވައިލުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މުއިއްޒާއި މޯދީގެ ބައްދަލުވުމުގައި އެކަމާ މަޝްވަރާނުކުރައްވާކަން އެނގުމުން މީޑިއާގައި ގިނަ ބަޔަކު ދަނީ ރައީސަށް ފާޑުކިޔަމުންނެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ ސައިންސު ސަފީރުގެ އަރިހުގައި އިންޑިއާ ސިފައިން ބޭލުމަށް އަންގަވާފައި، މޯދީގެ އަރިހުގައި އެވާހަކަ ނުދެއްކެވުން އެއީ "ފިނޑި އަމަލެއް" ކަމަށް، ފާޑުކީ ބައެެއް މީހުން ސިފަކުރި އެވެ.

ރައީސަށް އަމާޒުވި ނުރުހުމުގެ ގިނަ ކޮމެންޓުތައް ހުރީ އާންމު އިޖުތިމާއީ މިންގަނޑާ ވެސް ހިލާފަށެވެ. އެ އެންމެންގެ ވާހަކަވެސް ގޮސް ގުޅެނީ ވައުދާ ހިލާފުވުމާއެވެ. "އިންޑިއާ އައުޓު" ހަރަކާތުގައި ޓީޝާޓު ތުރުކުރައްވައިގެން ރައީސް މުއިއްޒު އޭރު ހުންނެވި ފޮޓޯތަކާއެކު ބައެއް މީހުން ސިފަކުރި ގޮތުގައި މޯދީއާ ދިމާވުމުން ރައީސް "ސައިޒްވީ" އެވެ.

"ރައްޔިތުންނަށް ދޮގު ހަދާފަ ދޯ، ވައުދާ ހިލާފުވީމަ ބޭލުން އޮންނާނީ ދެން" އެކްސްގައި ރައީސަށް ފާޑުކީ މީހަކު ލިޔެފައިވެ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކުރިން މިކަމާ ދޭތެރޭ ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށްވެސް، ފާޑުކީ ބައެއް މީހުން ބުންޏެވެ.

އިންޑިއާގެ ބޮޑުވަޒީރާއެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންޑިއާ ސިފައިން ގެންދިޔުމުގެ ވާހަކަ ދެއްކެވިތޯ ރޭ ސުވާލު ކުރުމުން، ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ސީދާ ޖަވާބެއް ނުދެއްވި އެވެ.

"ތިޔަ ވިދާޅުވި ކަންތައް ވަނީ ޑިޕްލޮމެޓިކް އެޖެންޑާގެ އެންމެ ކުރީގައި," ކަމަށާއި އެ ހަމަތަކުގެ މަތިން އެ ވައުދު ރައީސް މުއިއްޒު ފުއްދަވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ހަލީލު ވިދާޅުވި އެވެ.

ފާޑުކިޔުންތަކުގެ ތެރެއިން ދެން އެންމެ ފާހަގަކުރެވުނީ، މުއިއްޒާ އެކު އޮތް ކޯލިޝަން ރޫޅާލައްވާ އާ ޕާޓީއެއްގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިސް ވަކީލު، ޑރ، މުހައްމަދު ޖަމީލު އަހުމަދު އެކްސްގައި ކުރެއްވި ޕޯސްޓެވެ. މިހާރު އޭނާ ވަނީ އެ ޕޯސްޓު ޑިލީޓު ކުރައްވާފަ އެވެ.

ޔާމީނަކީ އިންޑިއާ އައުޓުގެ މޭސްތިރި އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ވެވުނު އެއްބަސްވުންތަކެއްގެ ދަށުން ރާއްޖެއަށް އައި އިންޑިއާ ސިފައިން ބޭލުމުގެ ހަރަކާތް ފެށިގެންދިޔައީވެސް އެމަނިކުފާނުގެ ލީޑަޝިޕުގެ ދަށުންނެވެ.

އިންޑިއާ ސިފައިންގެ މައްސަލާގައި، މޯދީއާއެކު ބޭއްވި ބައްދަލުވުމުގެ ކުރިން އިންޑިއާގެ ނޫސްވެރިޔަކު ވަނީ ރައީސަށް ސުވާލުތަކެއްވެސް ކުރިމަތިކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ ނިމޭ ހިސާބުގައި ރައީސް މުއިއްޒު ހިނިފުޅުވަޑުވާފައި ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އިތުރު ވާހަކައެއް ނުދައްކަވަ އެވެ.

ރައީސަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ހަލީލު މިއަދު "އަދަދު"އަށް ވިދާޅުވީ، މޯދީގެ އަރިހުގައި ރައީސް އިންޑިއާ ސިފައިންގެ ވާހަކަ ނުދެއްކެވީ މަޝްވަރާތަކަކީ މީގެ ކުރިން ފެށިފައިވާ ކަމަކަށް ވާތީ ކަމަށެވެ. އެ މަޝްވަރާތަކުގައި އެކުލަވާލުމަށް ނިންމި ކޮމިޓީންވެސް އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާ ގުޅޭ މަސައްކަތްތަކެއް ނުކުރާނެ ކަމަށްވެސް ހަލީލު ވިދާޅުވި އެވެ.

"މިހާރުވެސް ދެ ގައުމުގެ ދޭތެރޭގަ މަތީ ލެވެލްގަ ހިނގަމުންދާ މަޝްވަރާއެއް އެއީ، އެހެންވީމަ ދެ ގައުމުގެ އެންމެ އިސް ވެރިން ބައްދަލުކޮށްލާ އިރު އަލަށް ފެށޭ ކަންތައްތަކާ ބެހޭގޮތުން ކަންނޭނގެ ބޮޑަށް އިސްކަންދެއްވާނީ ދެއްތޯ" ހަލީލު ވިދާޅުވި އެވެ.

މި މައްސަލައިގައި، އެ ގައުމުން ބޭނުންވަނީ ސުލްހަވެރި ހައްލެއް ކަމަށް އިންޑިއާގެ އިސް އޮފިޝަލަކު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ނަމަވެސް, ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން އެ ކަމުގައި ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ މައުލޫމާތު މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ. ހަމައެކަނި ހާމަކުރީ 77 ސިފައިން ތިބި ކަމެވެ. އެއީ ކުރީ ސަރުކާރުން 2021 ގައި ހާމަކުރި އަދަދަށް ވުރެ އެންމެ ދެ ސިފައިން އިތުރުވުމެކެވެ.

އިންޑިއާގެ އެންމެ އިސްވެރިޔާ އާއި ރާއްޖޭގެ އެންމެ އިސްވެރިޔާ އާ ބައްދަލުކުރެއްވިއިރު އެކަމާ ގުޅޭ ވާހަކަތަކެއް ދެކެވެން ޖެހޭނެ ކަމަށް ގަބޫލުކުރެވެ އެވެ. އެއީ, ރައީސް މުއިއްޒުގެ އެންމެ މުހިންމު ވައުދަކީ އެއީ ކަމަށް ވެފައި އެކަމާ ގުޅޭ ވާހަކަ ދެއްކުމަށް މިއަށް ވުރެ ވަކި މުނާސަބު ހާލަތެއް ނުވަތަ ވަގުތެއް ނާންނެތީ އެވެ.