2 ޑިސެންބަރު 2023 - 11:25 0
2 ޑިސެންބަރު 2023 - 11:25 0
ބީނޯޒް އެރީސް، އާޖެންޓީނާ (ޑިސެމްބަރު 2) ގަތަރުގައި ބޭއްވި 2022ގެ ފީފާ ވޯލްޑް ކަޕްގެ ތައްޓާ އެކު ފުޓްބޯޅައިގައި ހޯދަން ބޭނުންވި ހުރިހާ ކާމިޔާބެއް ލިބިއްޖެ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެސީ އޭނާގެ ކުލަބު ކެރިއަރުގައި ގިނަ ރެކޯޑުތަކެއް ހަދައި، ޔޫރަޕްގެ ފުޓްބޯޅައިގެ ހުރިހާ ކާމިޔާބީއެއް ހޯދާފަ އެވެ. އަދި އިންޑިވިޖުއަލް ވަނަތަކަށް ބަލާއިރު، ކުޅުންތެރިއަކަށް ހޯދޭނެ ހުރިހާ ތައްޓެއް އޭނާގެ އަތުގައި އެބަހުއްޓެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށްދޭ ބެލޮންޑިއޯ އެވޯޑު އަށް ފަހަރު މެސީ ހޯދި އެވެ. ބާސެލޯނާއާ އެކު ސްޕެނިޝް ލީގު 10 ފަހަރު، ކޮޕަ ޑެލް ރޭ އަށް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އޭނާ ހޯދި އެވެ. ކުލަބު ލެވެލްގެ އެވޯޑު ތަކަށް ފަހު އޭނާ ގައުމީ ޓީމާއިއެކު ބޮޑެތި ކާމިޔާބީތައް ހޯދީ ކެރިއަރުގެ ފަހުކޮޅުގަ އެވެ. އެ ގޮތުން 2021ގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތައްޓާއި، 2022ގެ ވޯލްޑް ކަޕް ހޯދި އެވެ.
ކެރިއަރުގައި ހޯދި ކާމިޔާބީތަކާ ގުޅޭގޮތުން މެސީ ބުނީ ކުލަބު ލެވެލްގައި ހޯދި ކާމިޔާބީ ތަކަށްފަހު ގައުމީ ޓީމާ އެކު ވޯލްޑް ކަޕް ހޯދުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެން ކަމަށެވެ. އޭނާ ބުނީ މިދިޔަ އަހަރު ވޯލްޑް ކަޕް އުފުލާލުމާ ހަމައަށް ކުރެވުނު ދަތުރަކީ ހިޔާލަށްވެސް ނުގެނެވޭ ކަހަލަ ކަންކަން ކުރިމަތިވި ދަތުރެއް ކަމަށެވެ.
އޭނާ ބުނީ ހުރިހާ ކާމިޔާބެއް ހޯދާފައިވަނީ މަދު ކުޅުންތެރިންތަކެއް ކަމަށާއި، އޭގެ ތެރޭގައި ހިމެނުމަކީ ލިބޭ ބޮޑު ފަހުރެއްކަމަށެވެ.
ބޭނުންވާ ހުރިހާ ކާމިޔާބެއް ހޯދިފައި އޮތް ނަމަވެސް އަންނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތާއި، ފުރުސަތު އޮތްނަމަ 2026ގެ ވޯލްޑް ކަޕްގައި ކުޅެން ތައްޔާރަށްހުރި، އަމާޒަކީ މި ދެ ތަށިވެސް ދިފާއުކުރުންކަމަށް މެސީ ބުންޏެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭގޮތުން މެސީ ބުނީ އެ މުބާރާތުގައި ނުކުޅެވޭނެއޭ ބުނަން ބޭނުން ނުވާކަމަށައި، އުއްމީދަކީ އެ މުބާރާތުގައިވެސް އާޖެންޓީނާގެ ގައުމީ ޓީމް ތަމްސީލްކުރުން ކަމަށެވެ.
މެސީ މިވަގުތު ހުރީ އެމެރިކާ ލީގު ނިންމާފައި ދިގު ޗުއްޓީގަ އެވެ. ލީގުގެ ކުޅުން އަންނަ ފެބްރުއަރީ މަހު ފަށާއިރު، ގައުމީ ޓީމުގެ މެޗެއްވެސް އެންމެ އަވަހަށް އޮންނާނީ މާޗު މަހުގަ އެވެ.
ކްލަބް ލެވަލްގައި މެސީ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މިއާމީން ވަނީ އަންނަ ޖެނުއަރީ މަހު އެލް ސަލްވަޑޯއާ އެކު އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމައިފަ އެވެ.
Comment