2 ޑިސެންބަރު 2023 - 10:20 0
ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ޓަލޮންސް ބީސީގެ ޓީމް - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
2 ޑިސެންބަރު 2023 - 10:20 0
ރޭ ނިމިގެންދިޔަ، 16 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޓަލޮންސް ބާސްކެޓްބޯޅަ ކުލަބުން ހޯދައިފި އެވެ.
ޓޭލަންސް ލީގުގެ ޗެމްޕިއަންކަން ހޯދީ ލީގުގެ ފަހު މެޗުގައި ރޯޔަލްސް ބާސްކެޓްބޯޅަ ކުލަބު 70-64 އިން ބަލިކޮށްގެންނެވެ. ލީގުގެ ފުރަތަމަ ބުރުގައިވެސް ރޯޔަލްސް އަތުން ޓޭލަންސް ވަނީ މޮޅުވެފަ އެވެ.
ޗެމްޕިއަންކަން ކަނޑައަޅަން ކުޅުނު މެޗުގެ ފުރަތަމަ ދެ ކުއާޓާވެސް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ދެ ޓީމުންވެސް އެއްވާނެއްގައި ކުޅެ ދެ ކުއާޓާ ނިމުނުއިރު ހިފަހައްޓާލި އެވެ. ސްކޯ އަށް ބަލާއިރު، 14-13 އިން ފުރަތަމަ ކުއާޓާ ނިމުނުއިރު، ދެ ވަނަ ކުއާޓާ ނިމުނީ 27-26 އިން ޓޭލަންސް ކުރީގައި އޮވެގެންނެވެ.
ތިން ވަނަ ކުއާޓާގައި ނިކުމެ ރޯޔަލްސް އިން ކުޅުން ވަރުގަދަކޮށް ލީޑު ނަގައި މެޗުގައި އިތުބާރު ހޯދި އެވެ. ހަތަރު ވަނަ ކުއާޓާ ފެށިއިރު، 44-49 އިން ލީޑުގައި އޮތީ ރޯޔަލްސް އެވެ. ނަމަވެސް ހަތަރު ވަނަ ކުއާޓާގެ ކުރީކޮޅު ޓޭލަންސް އިން ވަނީ ޑިފެންސްގަައި މޮޅު ކުޅުމެއް ދައްކައި 70-64 އިން މެޗު ކާމިޔާބުކޮށްފަ އެވެ.
ޓޭލަންސްގެ ނާފް ބޯޅަ ހިފައިގެން ކުރިއަށްދާއިރު، ރޯޔަލްސްގެ ކުޅުންތެރިއެއް އޭނާ ހުއްޓުވަން މަސައްކަތްކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ރޭގެ މެޗުގައި ޓޭލަންސް ޓީމަށް އެންމެ ގިނަ ޕޮއިންޓް ސްކޯކޮށްދިނީ 40 މިނެޓު މެޗުގައި ފުރިހަމަކުރި ހަމައެކަނި ކުޅުންތެރިޔާ ކަމަށްވާ އައިކް އަހުމަދު މައުރޫފް އެވެ. އައިކް ވަނީ 21 ޕޮއިންޓް އެ ޓީމަށް ހޯދައިދީފަ އެވެ. މީގެ އިތުރުން މުހައްމަދު ނާފް އިރުޝާމް 14 ޕޮއިންޓް އަދި އަލީ އަމްޝަލް ހުސްނީ 13 ޕޮއިންޓް ސްކޯކޮށްދިނެވެ.
ރޯޔަލްސް އަށް ބަލާއިރު އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 21 ޕޮއިންޓް ސްކޯކޮށްދިން އަލްދާން އައިކް ރަމީޒު އެވެ. ލީގުގެ އެހެން މެޗުތަކުގައި މޮޅަށް ކުޅުނު އެ ޓީމްގެ މުހައްމަދު ޖިދާދު އަށް ސްކޯކުރެވުނީ އެންމެ ފަސް ޕޮއިންޓެވެ.
ޓަލޮންސް އިން ލީގު ކާމިޔާބުކުރީ ފުރަތަމަ ބުރުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗާއި، ދެ ވަނަ ބުރުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެން ރަނގަޅު ރެކޯޑަކާއިއެކުގަ އެވެ. އެޓީމް ފުރަތަމަ ބުރުގައި ބަލިވީ ޑަބްލިއު ސްޕޯޓްސް އެކަޑެމީ އަތުންނެވެ.
ގައުމީ ލީގުގެ ދެ ވަނަ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރޯޔަލްސްގެ މުހައްމަދު ޖިދާދު އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އަލްދާން އައިކް ރަމީޒް، ޓޭލަންސްގެ އައިކް އަހުމަދު މައުރޫފް، ކައިލް އަބްދުﷲ ނަޝީދުގެ އިތުރުން ޑަބްލިއު ސްޕޯޓްސް އެކަޑެމީގެ ޝަހުދާން އާމިރު އާއި އެލްކިއު ސްޕޯޓްސްގެ ހަސަން ފާރިޝް އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަންގެ ދެ ވަނަ ރޯޔަލްސް އަށް ލިބުނުއިރު، ތިން ވަނަ ހޯދީ ސްޓިންގާސް ބާސްކެޓްބޯޅަ ކުލަބެވެ.
Comment