Advertisement

ވޯލްޑު ޓްރެވަލް އެވޯޑްސް އިން ދޭ "ޓްރެވަލް ޕާސަނަލިޓީ އެވޯޑް" މިއަހަރު ޑރ. މައުސޫމަށް

2 ޑިސެންބަރު 2023 - 09:55 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު "ޓްރެވަލް ޕާސަނަލިޓީ އޮފް ދަ ޔިއާ 2023" އެވޯޑާ ހަވާލުވަނީ - ފޮޓޯ: ވޯލްޑު ޓްރެވަލް އެވޯޑްސް


ވޯލްޑު ޓްރެވަލް އެވޯޑްސް އިން ދޭ "ޓްރެވަލް ޕާސަނަލިޓީ އެވޯޑް" މިއަހަރު ޑރ. މައުސޫމަށް

2 ޑިސެންބަރު 2023 - 09:55 0

ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަޝްހޫރު އެއް އެވޯޑު ކަމުގައިވާ ވޯލްޑު ޓްރެވަލް އެވޯޑްސްއިން ދޭ އަހަރުގެ ޓްރެވަލް ޕާސަނަލިޓީ އެވޯޑު، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ކާމިޔާބުކުރައްވައިފި އެވެ.

"ޓްރެވަލް ޕާސަނަލިޓީ އޮފް ދަ ޔިއާ 2023" އެވޯޑު ޑރ. މައުސޫމަށް ދީފައިވަނީ ދުބާއީގެ ބުރުޖް އަލް އަރަބުގައި ބޭއްވި ވޯލްޑު ޓްރެވަލް އެވޯޑްސްގެ ގްރޭންޑު ފައިނަލު ހަފުލާގަ އެވެ.

މި ހަފުލާގައި ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ މަންޒިލުތަކާއި ޕްރޮޕަޓީތައް އަދި އަމިއްލަ ފަރާތްތަކަށްވެސް ހާއްސަ އެވޯޑުތަކެއް ދިނެވެ.

ރޭގެ ހަފުލާގައި ރާއްޖެއިން ވަނީ ވިދިވިދިގެން ހަތަރުވަނަ އަހަރު ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑާއި އަލަށް ދޭން ފެށި ރިސެލިއެންސު އެވޯޑު ކާމިޔާބުކޮށްފަ އެވެ. މީގެއިތުރުންވެސް ރާއްޖޭގެ އެކި ރިސޯޓުތަކާއި ހޮޓަލްތަކުން ވަނީ ފަތުރުވެރިކަމުގެ އެކި ގިންތިތަކުން ދޭ ތަފާތު އެވޯޑުތަކެއް ހާސިލުކޮށްފަ އެވެ.

ޑރ. މައުސޫމަށް މި އެވޯޑު ލިބިވަޑައިގެންނެވި މައިގަނޑު ސަބަބުތަކުގެ ގޮތުގައި، ވޯލްޑު ޓްރެވަލް އެވޯޑްސްއިން ފާހަގަކުރީ ކޮވިޑުގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، ކޮވިޑުގެ ކުރީގެ ހާލަތަށް ގެންގޮސްދިނުމަށް، އެ ދާއިރާގެ ވަޒީރުގެ ގޮތުގައި ހުންނަވާ ކުރެއްވި މަސައްކަތްތަކެވެ.

ކުރީގެ ވަޒީރު ވަނީ އޭނާއަށް ލިބުނު މި ކާމިޔާބީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޑެޑިކޭޓު ކުރައްވާ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.