Advertisement

ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒު އާއި މޯދީގެ ބައްދަލުވުން

2 ޑިސެންބަރު 2023 - 06:03 0

ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮޕް28 ގެ ސަމިޓުގެ ހަވާސާގައި ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒު އާއި މޯދީގެ ބައްދަލުވުން

2 ޑިސެންބަރު 2023 - 06:03 0

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހި ކުރަން މަތީ ފަންތީގެ ކޮމިޓީއެއް އުފައްދަން އިއްޔެ މަޝްވަރާ ކުރެއްވި އެވެ. ނަމަވެސް އެ ބައްދަލުވުމުގައި އިންޑިއާ ސިފައިން ގެންދިޔުމުގެ ވާހަކަ ދެއްކިކަން ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން އޭރު މާލޭ މޭޔަރަކަށް، އަދި ޕީޕީއެމްގެ ނައިބު ރައީސްއަކަށް ހުންނެވިއިރު، މުއިއްޒު ވަނީ އިންޑިއާ އައުޓު ކެމްޕޭނު ކުރިއަށް ގެންދަވައިފަ އެވެ. ކުރީގެ ސަރުކާރުން އިންޑިއާއާއެކު ގާއިމުކޮށްފައި އޮތީ ނުރައްކާތެރި ގުޅުމެއް ކަމަށް އޭރު ޕީޕީއެމްއިން ދިޔައީ ބުނަމުންނެވެ. އަދި ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުގެ އެންމެ ބޮޑު ވައުދަކީ އިންޑިއާ ސިފައިން ބޭރުކުރުމެވެ.

އިންޑިއާއާއެކު ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ކުރެއްވީ، ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-28) ސަމިޓުގެ ހަވާސާގައި ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ.

އިގުތިސާދީ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުއާއެކު ބޭއްވީ އުފެއްދުންތެރި ބައްދަލުވުމެއް ކަމަށެވެ.

ރައީސް މުއިއްޒު އާއި މޯދީގެ ބައްދަލުވުމުގައި ދެއްކެވީ ދެ ގައުމު ދޭދޭ ގުޅުންތައް ވަރުގަދަކުރެއްވުމާ ގުޅޭ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

"މިގޮތުން ދެބޭފުޅުން ވަނީ، އިގުތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުން ހިމެނޭހެން، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު މަޝްވަރާކުރެއްވި އެވެ،" އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވައިފަ އެވެ.

ކޮޕް-28 ސަމިޓުގައި ރާއްޖޭގެ ފަރާތުން ރައީސް މުއިއްޒާއެކު ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އެ ސަމިޓުގައި ރައީސް މުއިއްޒު އިއްޔެ ތަގުރީރު ވެސް ކުރެއްވި އެވެ، ރައީސްގެ ތަގުރީރުގައި ބައިނަލްއަގުވާމީ ލީޑަރުންގެ އަރިހުން އެދިވަޑައިގަތީ ކުރިއަށް އޮތް ފަސް އަހަރުތެރޭ ރާއްޖޭގައި އިޔާދަކުރުވަނިވި ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރަން ބޭނުންވާ ފަންޑު ހޯދުމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަމަށް މަދުވެގެން 600 މިލިއަން ޑޮލަރު ބޭނުންވެ އެވެ.

ސަމިޓުގެ ހަވާސާގައި ރައީސް މުއިއްޒު ވަނީ ގިނަ ގައުމުތަކެއްގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ރަސްގެފާނު ޗާލްސް ވެސް ހިމެނެ އެވެ.

މުހިއްމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް