1 ޑިސެންބަރު 2023 - 21:51 0
މުހައްމަދު ޖަމްޝަތު ވަހީދު
ކޮޕް 28 ސަމިޓުގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުން ---ފޮޓޯ:ރައީސް އޮފީސް
1 ޑިސެންބަރު 2023 - 21:51 0
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހި ކުރަން މަތީ ފަންތީގެ ކޮމިޓީއެއް އުފައްދަން މަޝްވަރާ ކުރައްވައިފި އެވެ.
ކޮޕް-28ގެ ހަވާސާގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ މުހިންމުކަމާމެދު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިގުތިސާދީ ގޮތުން ގުޅިގެން މަސައްކަތް ކުރުމާއި "ޕީޕަލް ޓު ޕީޕަލް ކޮންޓެކްޓް"ގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި އެކަމާ ގުޅޭ ގޮތުން ވެސް ރައީސް މުއިއްޒު އާއި މޯދީ ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ އުފެއްދުންތެރި ބައްދަލުވުމެއް ކަމަށެވެ.
އޭގެ އިތުރުން އެ ބައްދަލުވުމުގައި، ތަފާތު ދާއިރާތަކުގެ ތެރެއިން އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމުގެ ގުޅުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި އިންތިޒާރު ކުރައްވަނީ ދެ ގައުމުގެ ރައްޔިތުންގެ ފައިދާއަށްޓަކައި ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރަން ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވި އެވެ.
ދުބާއީގައި މިހާރު ކުރިއަށް ދާ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-28) ސަމިޓުގައި ރާއްޖޭގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިސް ފަންތީގެ ވަފުދެއް ބައިވެރިވެ އެވެ.
އެ ސަމިޓުގައި ރައީސް ވަނީ މިއަދު ތަގުރީރު ކުރައްވައިފަ އެވެ. ރައީސްގެ ތަގުރީރުގައި ބައިނަލްއަގުވާމީ ލީޑަރުންގެ އަރިހުން އެދިވަޑައިގަތީ ކުރިއަށް އޮތް ފަސް އަހަރުތެރޭ ރާއްޖޭގައި އިޔާދަކުރުވަނިވި ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރަން ބޭނުންވާ ފަންޑު ހޯދުމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަމަށް މަދުވެގެން 600 މިލިއަން ޑޮލަރު ބޭނުންވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment