1 ޑިސެންބަރު 2023 - 20:42 0
މުހައްމަދު ޖަމްޝަތު ވަހީދު
ރައީސް ޑރ. މުއިއްޒު ކޮޕް28 ގައި ތަގުރީރުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް
1 ޑިސެންބަރު 2023 - 20:42 0
ކުރިއަށް އޮތް ފަސް އަހަރުތެރޭ ރާއްޖޭގައި އިއާދަކުރުވަނިވި ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރަން 600 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި އެކަން ކުރުމަށް ބައިނަލްއަގްވާމީ އެހީތެރިކަން ބޭނުންވާ ކަމަށް ކޮޕް-28 ގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ސަމިޓުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭ، ރާއްޖޭގެ ކަރަންޓު ބޭނުންކުރާ ނިސްބަތުގެ 33 ޕަސެންޓް އުފެއްދޭ ވަރަށް އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ގާއިމްކުރުން ކަމަށެވެ. އަދި އެކަން ހާސިލުކުރަން މަދުވެގެން 600 މިލިއަން ޑޮލަރު ހޯދަން އަމާޒު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"..އަޅުގަނޑުގެ ސަރުކާރުގެ އަމާޒަކީ، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި، ރާއްޖޭގެ ކަރަންޓުގެ ޑިމާންޑްގެ 33 ޕަސެންޓު ފުއްދައިދެވޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ގާއިމްކުރުން. މިވަގުތު އޮތީ ހަތަރު ޕަސެންޓުގަ. އެކަން ހާސިލް ކުރުމަށްޓަކައި އަޅުގަނޑުމެންގެ އަމާޒަކީ މަދުވެގެން 600 މިލިއަން ޑޮލަރު ހޯދުން. އެކަން ކުރެވޭނީ ތިޔަބޭފުޅުންގެ އެއްބާރުލުން ލިބިގެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހިން އެދެނީ ޕެރިސް އެގްރިމެންޓުގައި އެއްބަސްވެފައިވާ ގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށްވުރެ މައްޗަށް ދިޔުން ހުއްޓުވަން ރަނގަޅު ޕްލޭނެއް އެކުލަވާލައި، އެ އަމާޒު ހާސިލުކުރަން ކުރަންޖެހޭ މަސައްކަތް ކުރުމުގައި ދެމިތިބުން ކަމަށެވެ. އެއީ ހަމަހަމަކަމާއި ލިބެންހުރި އެންމެ ރަނގަޅު ސައިންސްގެ މައްޗަށް ބިނާވެފައިވާ އެއްޗަކަށް ވާންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، މޫސުމީ ބަދަލުތަކުގެ އިންޒާރުތަކަށް ބަލަހައްޓައިގެން ތިބެވެން ނެތް ކަމަށާއި އެކަންތައްތަކުން އަރައިގަންނަން ދުނިޔޭގެ ފައިނޭންޝަލް ނިޒާމަށް ވެސް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކްލައިމެޓް ފައިނޭންސް ފަރަގު ކުޑަކުރަންޖެހޭ. އަޅުގަނޑުމެން ކޮންމެ އަހަރަކުވެސް މި މެސެޖު ތަކުރާރު ކުރަމުން މިގެންދަނީ. އެހެން ނަމަވެސް މި މަގުސަދަށް ވާސިލްވުމާ އަޅުގަނޑުމެން މިތިބީ އަދިވެސް ދުރުގަ. ގައުމުތަކަށް ބޭނުންވަނީ އެޑެޕްޓޭޝަނަށް އިސްކަންދީގެން، ހަރުދަނާ ފިޔަވަޅު އެޅުމާއި އެކަމަށް އެކަށީގެންވާ ފައިނޭންސް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ އިންޒާރު އަސަރުތައް ހަލުވިމިނުގައި ގައުމުތަކަށް ކުރަމުންދާއިރު ބަލަހައްޓައިގެން ތިބެން ވަގުތު ނެތް ކަމަށާއި އެކަމަށްޓަކައި ގްލޯބަލް ފައިނޭންޝަލް ނިޒާމު އޯވާހޯލް ކުރަން ޖެހޭ ކަމަށެވެ.
Comment