Advertisement

އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީއާ ރައީސް ބައްދަލު ކުރައްވައިފި

1 ޑިސެންބަރު 2023 - 19:46 2

ރައީސް މުއިއްޒާއި އިންޑިއާގެ ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީ: އޭނާއަކީ އިންޑިއާގެ އެންމެ މުއްސަނދި މީހާ -- ފޮޓޯ: ރައީސް އޮފީސް


އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީއާ ރައީސް ބައްދަލު ކުރައްވައިފި

1 ޑިސެންބަރު 2023 - 19:46 2

ޔޫއޭއީގައި މިވަގުތު ކުރިއަށްދާ ކޮޕް-28 ސަމިޓުގެ ހަވާސާގެ ތެރެއިން އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީއާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވައިފި އެވެ.

މުކޭޝް އަމްބާނީއަކީ ރެލަޔަންސް އިންޑަސްޓްރީގެ ޗެއާމަން އަދި މެނޭޖިން ޑައިރެކްޓަރެވެ. ފޯބްސް މެގަޒިންއިން އަންދާޒާ ކުރަ ގޮތުގައި އޭނާގެ ނެޓްވޯތަކީ 92 ބިލިއަން ޑޮލަރެވެ. އޭނާއަކީ އިންޑިއާގެ އެންމެ މުއްސަނދި މީހާ އެވެ.

އަމްބާނީގެ ރެލަޔަންސް ކުންފުނިން ކުރަނީ ޓެލެކޮމް، ޕެޓްރޯކެމިކަލްސް، ތެޔޮ އަދި ގޭހުގެ ވިޔަފާރި ކުރެ އެވެ. އޭގެ އިތުރުން މާލީ ހިދުމަތްތަކާއި ރީޓެއިލްގެ ވިޔަފާރީގައި ވެސް އެ ކުންފުނި ހަރަކާތްތެރިވެ އެވެ.

މުކޭޝް އަމްބާނީއާ ބައްދަލު ކުރެއްވުމުގެ އިތުރުން، ކޮޕް-28 ގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒު މިއަދު ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އާއި އުރުދުންގެ ރަސްގެފާނެ އަބްދުﷲ އާއި ބްރުނާއީގެ ރަސްގެފާނު ހަސަނަލް ބުލްގިޔާ އާއި ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު ބިން ތާނީއާ ވެސް ބައްދަލު ކުރައްވާފަ އެވެ.

އޭގެ އިތުރުން، ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހެ އާއި އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޑޭވިޑް ކެމަރަން އާއި އިތިއޯޕިއާގެ ބޮޑުވަޒީރު އަބީޔު އަހުމަދު އާއި އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އާއި މިސްރުގެ ރައީސް އަބްދެލްފައްތާހު އަލް ސިސީ އާއި ސިޝެލްސްގެ ރައީސް ވެވެލް ރަމްކަލަވަންއާ ވެސް ރައީސް މުއިއްޒު ބައްދަލު ކުރެއްވި އެވެ.

ކޮޕް-28 ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން އިއްވާ ރަސްމީ ބަޔާން މިއަދު އިއްވެވީ ވެސް ރައީސް މުއިއްޒެވެ. އެމަނިކުފާނާއެކު ރާއްޖޭގެ މުހިންމު ވަފުދެއް ދަތުރު ކުރައްވާއިރު އޭގެ ތެރޭގައި ތިމާވެއްޓާ ބެހޭ މާހިރުން ވެސް ހިމެނެ އެވެ.