Advertisement

ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިކުރުމަށް މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިނެއް ފަށައިފި

2 ޑިސެންބަރު 2023 - 10:12 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިކުރުމަށް މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިނެއް ފަށައިފި

2 ޑިސެންބަރު 2023 - 10:12 0

ހިމަބިހި (މީސްލްސް) އަދި ރުބެއްލާއިން ރައްކާތެރިކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިނެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުކުރު ދުވަހު ފަށައިފި އެވެ.

ހދ. ކުޅުދުއްފުށީގައި ފެށި އެ ކެމްޕެއިން ލޯންޗްކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށްވުމާއެކު، ބަލީގެ ކޭސްތައް ފެނުން މަދުކުރުމަށްޓަކައި މުޅި މުޖްތަމައުގެ ވެކްސިން ކަވަރޭޖް ވަރަށް މަތީގައި ހިފަހައްޓަންޖެހޭ ކަމަށެވެ.

މިއަދު ފެށި ކެމްޕޭނުގެ އަމާޒަކީ 18 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންގެ (ދިވެހިންނާއި ބިދޭސީން) ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުން ކަމަށާއި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ވެސް މި ކެމްޕޭންގެ ތެރެއިން ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ފެށުނު ކެމްޕެއިންއާއިއެކު، ކުރިއަށް އޮތް ދެހަފުތާ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެކްސިން ޖެހުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފު ކޮށްފައިވަނީ 1983 ވަނަ އަހަރުގަ އެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މިހާރުގެ ގައުމީ ވެކްސިން ތާވަލުގައި ފުރަތަމަ ޑޯޒް އުމުރުން ނުވަ މަހުގެ ކުދިންނަށް އަދި ދެވަނަ ޑޯޒް އުމުރުން 18 މަހުގެ ކުދިންނަށް ދެވެމުންދެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި މިސްލްސް ރުބެއްލާ ވެކްސިން ކަވަރޭޖް ވަނީ 95 އިންސައްތައަށް ވުރެން މަތީގައި ހިފެހެއްޓިފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި އަދި 2020 ވަނަ އަހަރު ރުބެއްލާ ވެސް ނައްތާލެފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފަ އެވެ.

ނަމަވެސް 2020 ވަނަ އަހަރު ރާއްޖެއިން ޕީސީއާރު ޕޮޒިޓިވް މީސްލްސްގެ ކޭސްތައްފެނުމާއި ގުޅިގެން، އެ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން އެމްއާރު ވެކްސިން ކެމްޕޭނެއް ވެސް ފެށި އެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާއެކު މި ކެމްޕެއިން މެދުކަނޑާލައިފައިވާއިރު މިއަހަރު ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖެއިން ހިމަބިހި ފަދަ ބަލިތައް ނައްތާލެވިފައިވަނީ އާންމުންނާއި ސިއްހީ ހިދުމަތްތެރިންނާއި ކަމާ ގުޅުންހުރި އެކިއެކި އިދާރާތަކުގެ ބައިވެރިވުމާއި އެއްބާރުލުން ލިބިގެން ކަމަށެވެ.