1 ޑިސެންބަރު 2023 - 06:41 0
ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އާޒިމްގެ ފޯމު އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއީލްއާ އިއްޔެ ހަވާލު ކުރައްވަނީ. -- ފޮޓޯ: އާޒިމްގެ ޓީމް
1 ޑިސެންބަރު 2023 - 06:41 0
މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވާދަކުރެއްވުމަށް އިއްޔެ ފޯމު ހުށަހެޅުއްވި އެވެ.
ފޯމު ހުށަހެޅުއްވުމަށް ފަހު މީޑިޔާތަކާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މޭޔަރުކަމަށް ކުރިމަތިލުމަށް ނިންމީ މާލެއަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ބޭނުންވާތީ ކަމަށެވެ.
އާޒިމް ވިދާޅުވީ މާލެއަކީ ވަރަށް ދަތި ހާލުގައި މީހުން އުޅެމުންދާ ތަނެއް ކަމަށާއި އަމާޒަކީ ހިތްގައިމު، ޗާލު، ނަލަ ތަނަކަށް މާލެ ހަދައި ދިނުންކަމަށެވެ. މާލޭގެ މަގުތައް ހަޑިވުމާއި ހިނގާ ބިނގާވެ އުޅުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ.
"ހޮވައިދިނީމަ މީހުން ދިރިއުޅެން އުޅޭ ހިތުން އުޅޭ ތަނަކަށް ހަދައިދޭނަން، ކޮންމެ ތަނެއްވެސް އަޅުގަނޑު ހަވާލުކުރަނީ، އަޅުގަނޑާ ހަވާލު ކުރާ ވަރަށްވުރެ ރަނގަޅު ތަނަކަށް އެތަން ހަދައި ދިނުމަށްފަހު، ދޭއް ބައި އަހަރު ފަހަރު އަޅުގަނޑު މާލެ ހަވާލު ކުރާނީ މިތަނަކީ އުޅެން ފަސޭހަ، ހިތްގައިމު ތަނަކަށް ހަދައި ދިނުމަށްފަހު،" އާޒިމް ވިދާޅުވި އެވެ.
މޭޔަރުކަމުގެ އިންތިހާބު ވަރަށް ފަސޭހައިން ކާމިޔާބުވާ ތަން ފެންނަކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގިނިކަންޏާ ނުކުންނަވާ އެއް ލައްކަ ވިހި ހާސް ވޯޓު ހޯއްދެވުމަކީ އެމްޑީޕީއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އާޒިމް ސިފަ ކުރެއްވި އެވެ.
އާ ސަރުކާރު ވެރިކަމަށް އައީ ދޮގު ހަދައި އޮޅުވާލައިގެން ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެންމެ ފުރަތަމަ އެމްޑަބްލިޔުއެސްސީ ގެ މެނޭޖިން ޑިރެކްޓަރެވެ. އެއަށް ފަހު 2020 ވަނަ އަހަރު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން އާޒިމްއާ ހަވާލުކުރެއްވި އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް އާޒިމް ހޯއްދަވާފައިވެ އެވެ. އެގޮތުން މާލެ ސިޓީގެ ބަހުގެ ހިދުމަތް ފުޅާކޮށް، މިނީ ބަހުގެ ހިދުމަތް ތައާރަފްކޮށް، އާރްޓީއެލްގެ ހިދުމަތް ފައްޓަވައި ދެއްވާފައިވެ އެވެ.
ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގެ ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި އަހްމަދު މަހުލޫފް ވެސް އެ ޕާޓީގެ ޓިކެޓަށް މީގެ ކުރިން ޝައުގުވެރިކަން ފާޅުކުރެއްވައި ސޯޝަލް މީޑިޔާގައި ކެމްޕެއިން ވެސް ކުރެއްވި އެވެ. ނަމަވެސް، ފަހުން އެކަމާ ގުޅޭ ވާހަކައެއް އޭނާ ދައްކަވާފައި ނުވެ އެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުއިއްޒު މި މަހުގެ 17 ވަނަ ދުވަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ މަގާމްތަކަށް ވަޑައިގަތުމަށް ސިޓީ ކައުންސިލްގެ މެމްބަރުން އިސްތިއުފާ ދެއްވުމުން މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ވެސް މި ވަގުތު ހުރީ ހުސް ކޮށެވެ.
އާ ސަރުކާރާއެކު ހުސްވި ކައުންސިލް ގޮނޑިތަކަށް ވާދަ ކުރާނެކަން އިއުލާންކޮށް، ވާދަ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރުމަށް އެމްޑީޕީން ހުޅުވާލީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެ ފުރުސަތު މިއަދު ހަވީރު 4:00 އާ ހަމައަށް އޮތީ ހުޅުވާލައިފަ އެވެ.
ކައުންސިލުތަކުގެ ގޮނޑިތައް ފުރުމަށް ބާއްވާ ބައި-އިލެކްޝަން ޖެނުއަރީ 13 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ވ. ރަކީދޫ ކައުންސިލުގެ މެންބަރެއްގެ އިތުރުން 18 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް އެ ދުވަހު އިންތިހާބު ކުރާނެ ކަމަށް އީސީން ބުނެފައިވެ އެވެ.
ކައުންސިލުތަކުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ 13 އާ ހަމައަށް އޮންނާނެ ކަމަށް އީސީން ބުނެ އެވެ.
Comment