Advertisement

ސަރުކާރު ކުންފުނިތައް ހަރުދަނާ ކުރުމަށް ލަފާ ދޭނެ ފަރާތެއް ހޯދަނީ

30 ނޮވެންބަރު 2023 - 17:06 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގް، ސަރުކާރު ކުންފުނިތައް ހަރުދަނާ ކުރުމަށް ލަފާ ދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން ވަނީ އިއުލާންކޮށްފައި - ފޮޓޯ: މަޖިލިސް


ސަރުކާރު ކުންފުނިތައް ހަރުދަނާ ކުރުމަށް ލަފާ ދޭނެ ފަރާތެއް ހޯދަނީ

30 ނޮވެންބަރު 2023 - 17:06 1

ސަރުކާރު ކުންފުނިތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީިން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ވަނީ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ތަކުގެ ކަންކަން ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ތަރައްގީ ކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި ގުޅޭ ގޮތުން ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، އެކަމަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

މި ކަމަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ބިޑު އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށް މިނިސްޓްރީން ބުނެ އެވެ. އެ ގޮތުން ފުރަތަމަ މަރުހަލާގައި ޓާމްސް އޮފް ރިފަރެންސުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ބަލައި ޓެކްނިކަލް އިވެލުއޭޝަން އިން 80 އިންސައްތައަށް ވުރެ މަތިން މާކްސް ހޯދާ ފަރާތްތަކަށް، އެ ފަރާތުން ހުށަހެޅި އަގުގެ ތެރެއިން މަސައްކަތަށް އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތެއް ހޮވާނެ ކަމަށް އިއުލާންގައިވެ އެވެ.

މި މަސައްކަތާއި ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓާމްސް އޮފް ރިފަރެންސް މިނިސްޓްރީން ވަނީ ޝާއިއުކޮށްފަ އެވެ. މި މަސައްކަތާބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ ޑިސެމްބަރު 5، 2023 ގެ މެންދުރު 2 ގެ ކުރިން އެ މައުލޫމާތު ސާފު ކުރުމަށް މިނިސްޓްރީން އެދިފައިވެ އެވެ.

ކުންފުނިތަކާ ގުޅުން ހުރި ކަންކަން ބަލަހައްޓަމުން ދާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަ ކުރާ ގޮތުގައި ސަރުކާރުގައި މި ވަގުތު އެކްޓިވް 30 ކުންފުނި އެބަ އޮތެވެ. ނިމިދިޔަ ސަރުކާރުގެ ތެރޭގައި ވެސް ބައެއް ކުންފުނިތައް އުވާލިކަމަށް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކަކީ ފައިދާއެއް ނެތި، ދަރަނީގައި ހިންގަމުން އަންނަ ކުންފުނިތަކެވެ. ބައެއް ކުންފުނިތަކަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހޭދަ ކުރަނީ އެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައަށެވެ.

ޕީސީބީއިން އާންމު ކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ގޮތުގައި ތިބީ 18,676 މީހުންނެވެ. އެހެން ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 32,576 އަށް އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.