30 ނޮވެންބަރު 2023 - 16:16 0
ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ބުރުގައި ޓަލޮންސް އާއި ސްޓިންގާސް ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
30 ނޮވެންބަރު 2023 - 16:16 0
ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަންގެ ދެ ވަނަ ބުރުގައި ސްޓިންގާސް ބާސްކެޓްބޯޅަ ކުލަބު ބަލިކޮށް ލީގު ކާމިޔާބުކުރުމަށް ފިޔަވަޅަކާ ގާތަށް ޓަލޮންސް ބާސްކެޓްބޯޅަ ކުލަބުން ޖެހިލައިފި އެވެ.
ދެވަނަ ޑިވިޝަންގައި މިއަހަރު ހަތް ޓީމަކުން ވާދަކުރިއިރު، ދެވަނަ ބުރުން ޖާގަ ލިބުނީ ފުރަތަމަ ބުރުގެ ގަދަ ތިން ޓީމަށެވެ. އެއީ ޓަލޮންސް، ރޯޔަލްސް ބާސްކެޓްބޯޅަ ކުލަބު އަދި ސްޓިންގާސް އެވެ.
ދެވަނަ ބުރުގައި މި ތިން ޓީމް ވާދަކޮށް ލީގުގެ ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެކެވެ.
ފުރަތަމަ ބުރުގެ އެއްވަނަ ހޯދި ޓަލޮންސް އިން ވަނީ ދެވަނަ ބުރުގައިވެސް ސްޓިންގާސްގެ މައްޗަށް ކުރި ހޯދާފަ އެވެ. އެޓީމުން މި މެޗު ކާމިޔާބުކުރީ 85-70 އިންނެވެ. މެޗުގެ ފުރަތަމަ ކުއާޓާ ނިންމާލިއިރު ޓާލޮންސް އޮތީ 27-14 އިން ކުރީގަ އެވެ. ފަހު ތިން ކުއާޓާގައި ސްޓިންގާސް އިން ވާދަވެރި ކުޅުމެއް ދެއްކި ނަމަވެސް ލީޑު އަތުލެވޭ ގޮތެއް ނުވި އެވެ.
މި މެޗުގައި ޓަލޮންސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ކައިލް އަބްދުﷲ ނަޝީދު އެވެ. އޭނާ ވަނީ 30 ޕޮއިންޓް ހޯދައިދީފަ އެވެ. މީގެ އިތުރުން އައިކް އަހުމަދު މައުރޫފް ވަނީ 18 ޕޮއިންޓް ސްކޯކޮށްފަ އެވެ.
ސްޓިންގާސްއަށް ބަލާއިރު، އިބްރާހިމް ނައުހާން ނާއިޒް ވަނީ 20 ޕޮއިންޓް ސްކޯކޮށްދީފަ އެވެ. ޒަހުވާން ހާޝިމްވެސް 17 ޕޮއިންޓް ސްކޯކޮށްދިނެވެ.
މުބާރާތުގައި މިއަދު ސްޓިންގާސް ނުކުންނާނީ ރޯޔަލްސްއާ ދެކޮޅަށެވެ. މި މެޗުން ސްޓިންގާސް ބަލިވެއްޖެ ނަމަ އެޓީމަށް ލިބޭނީ ލީގުގެ ތިންވަނަ އެވެ. މިއަދުގެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ޗެމްޕިއަންކަން ކަނޑައެޅޭނީ ހުކުރު ދުވަހުގެރޭ ރޯޔަލްސް އާއި ޓަލޮންސް ވާދަކުރާ މެޗުންނެވެ.
Comment