Advertisement

ނައީމާގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި

30 ނޮވެންބަރު 2023 - 13:38 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މަނަދޫގައި ނައީމާ ދިރިއުޅެމުން ދިޔަ ގެ : ނައީމާގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި - ފޮޓޯ: އަދަދު


ނައީމާގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި

30 ނޮވެންބަރު 2023 - 13:38 0

މިދިޔަ އޭޕްރީލް 7، ގައި މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލި މައްސަލައިގައި ތުހުމަތުވާ ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.

ނައީމާ، 62، ގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާކަން އިއުލާނުކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެވެ.

ނައީމާގެ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން އައި ގޭގަ އެވެ. އެ މައްސަލައިގައި ތިން މީހަކު ހައްޔަރު ކުރީ މެއި މަހުގެ ތެރޭގަ އެވެ.

ތުހުމަތުގައި ހައްޔަރުކުރި މީހުން

ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު، 23.

ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު، 21.

ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް، 21.

ޝަމީމު ވިދާޅުވި ގޮތުގައި އެ ތިން މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގަ މީހުން މެރުމާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ.

އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކުރަނީ، ނައީމާ މަރާލަން ބޭނުންކުރި ވަޅިއާއި އެހެން ތަކެތި އެ ރަށު ނާމަގު ސަރަހައްދުގައި ވަޅެއް ކޮނެ، އަންދާ އެ ތަކެތި ނައްތާލުމަށް މަސައްކަތް ކުރުމާ ގުޅިގެންނެވެ. އެ މީހުން މަސައްކަތް ކުރީ ހެކި ނައްތާލުމަށް ކަމަށް ޕީޖީ ވިދާޅުވި އެވެ.

މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ ކުރަނީ، ނައިމާ މަރާލުމަށްފަހު އޭނާ ދިރިއުޅުނު ގޭގެ ދޮރު ތަޅުލުމުގެ ސަބަބުން، އޭނާގެ ހަށިގަނޑު އާއިލާއަށް ނުފެނި 40 ގަޑިއިރު ހޭދަވުމުން ކަމަށްވެސް ޝަމީމު ވިދާޅުވި އެވެ.

މި ތިން މީހުންގެ މައްޗަށް ދައުވާކުރި ނަމަވެސް، ނައީމާ މަރާލީ ކޮން ސަބަބަކާ ހުރެ ކަމެއް މިވަގުތާ ހަމައަށް ތަހުގީގަށް ސާފުވެފައި ނުވާކަންވެސް ޝަމީމު ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ. ނަމަވެސް ތަހުގީގުން ސައިންޓިފިކް ހެކިތަކާއި އިތުރު ހެކި ލިބިފައިވާ ކަމަށާއި އެ ހެކިތައް ޝަރީއަތުގައި ހުށަހަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުނުކުރެވި، ގިނަ ދުވަސްތަކެއް ވެފައި އޮއްވައި، މަސްތުވާތަކެތީގެ މައްސަލައެއްގައި އަހުޒަމް އަބްދުލްޝަކޫރު ހައްޔަރުކޮށްފައި ހުއްޓައި އޭނާ މަރުގެ މައްސަލައިގައި އެއްބަސްވެ ތަހުގީގަށް މައުލޫމާތު ދީފަ އެވެ. ފަވާޒު އާއި ރިފާސް ހައްޔަރުކުރީ އޭނާގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގަ އެވެ.

މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވި އެވެ. އަދި އެ ރަށުގެ ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ވެސް ނެގި އެވެ. ނައީމާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާ ކަން އެނގިފައިވެ އެވެ.

ފުލުހުން މީގެ ކުރިން ބުނީ ނައީމާގެ މަރުގެ މައްސަލާގައި ދައުވާކުރަން ފޮނުވަން ލަސްވީ, ޑީއެންއޭ ރިޕޯޓުތައް ފުރިހަމަ ނުވެގެން ކަމަށެވެ. ނައީމާ މަރާލި މައްސަލާގައި ބަޔަކު ހައްޔަރުކުރީ އެކަން ހިނގިތާ ދޮޅު މަހެއް ފަހުން ކަމަށްވާއިރު, އެމީހުން ހައްޔަރުކޮށްގެން ފުލުހުން ތަހުގީގު ކުރިއަށް ގެންދާތާ ވެސް ހަ މަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އަދި މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން (ދައުވާ ކުރުމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަޝްވަރާ ކުރުން) ފެށިތާ ވެސް ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ނައީމާ މަރުވި އިރު އޭނާގެ ތިން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.